Advertisement

ހީރަންވީންގެ ކޯޗަކަށް ވެން ޕާސީ

18 މޭ 2024 - 11:53 0


ހީރަންވީންގެ ކޯޗަކަށް ވެން ޕާސީ

18 މޭ 2024 - 11:53 0

އަމްސްޓެޑަމް، ނެދަލެންޑްސް (މެއި 18) - ނެދަލޭންޑްސްގެ ލީގުގެ ކްލަބެއް ކަމަށްވާ ހީރަންވީންގެ ކޯޗަކަށް ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ރޮބިން ވެން ޕާސީ ހަމަޖައްސައިފި އެވެ.

މިއީ ވެން ޕާސީގެ ކޯޗިން ކެރިއަރުގައި އޭނާ ކްލަބެއްގެ ސީނިއާ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ. ހެރްނެވީންގެ ކޯޗަކަށް ވެން ޕާސީ، 40، ހަވާލުވީ ދެ އަހަރުގެ ކޮންޓުރެކްޓެއްގެ ދަށުންނެވެ.

ކްލަބު ކެރިއަރުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަށް ކުޅުނު ވެން ޕާސީ ވަނީ ނެދަލޭންޑްސްގެ ފެޔަނޫޑްގެ 18 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އަދި ފެޔަނޫޑްގެ ކޯޗު އާން ސްލޮޓާ އެކު އެ ޓީމުގެ ސީނިއާ ޓީމުގައިވެސް މަސައްކަތްކުރިއެވެ.

ހީރަންވީންގެ ޖެނެރަލް މެނޭޖާ ފެރީ ޑެހާން ބުނީ ވެން ޕާސީގެ ކޯޗިން ތަޖުރިބާ މަދު ނަމަވެސް، އޭނާއާމެދު އިތުބާރު އެބައޮތް ކަމަށެވެ.

"ވެން ޕާސީއާ މެދު އިތުބާރު އެބައޮތް. ވެން ޕާސީ އަކީ ވަރަށް އަޒުމް ވަރުގަދަ، ކަންތައްތައް ދަސްކުރަން ބޭނުންވާ މީހެއް،" ޑެހާން ބުންޏެވެ.

ވެން ޕާސީ އަކީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ވެން ޕާސީ ވަނީ ޔުނައިޓެޑާ އެކު 2013 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.