Advertisement

ފޮނަދޫ ކައުންސިލުގެ އެސްޖީ ވަކިކުރަން ނިންމާނީ މައްސަލަ ބެލުމަށްފަހު: ސީއެސްސީ

ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު; އޭނާ މަގާމުން ވަކިކުރަން ކައުންސިލުން ވަނީ ނިންމާފައި -- ފޮޓޯ: ފޮނަދޫ ކައުންސިލް


ފޮނަދޫ ކައުންސިލުގެ އެސްޖީ ވަކިކުރަން ނިންމާނީ މައްސަލަ ބެލުމަށްފަހު: ސީއެސްސީ

ލ. ފޮނަދޫ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފާއިގު މަގާމުން ވަކިކުރަން ނިންމާނީ މައްސަލަ ތަހުގީގުކުރުމަށް ފަހު ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް މިއަދު "އަދަދު" އަށް ވިދާޅުވީ ފޮނަދޫ ކައުންސިލުގެ އެސްޖީ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް އިހުމާލުވި މައްސަލައެއް މި ހަފްތާ ތެރޭގައި ސީއެސްސީއަށް ހުށަހަޅާފައިވާ ކަމަށެވެ.

"ފޮނަދޫ ކައުންސިލުގެ އެސްޖީ ވަޒީފާއަށް އިހުމާލުވި މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފަ އެބައިން. އަޅުގަނޑުމެން މައްސަލަ ބަލާފަ ގޮތެއް ނިންމާނީ،" ނާސިހު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ފޮނަދޫ ކައުންސިލުން ބޭއްވި 19 ވަނަ އާންމު ޖަލްސާގައި އެސްޖީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އެކަށީގެންވާ މިންވަރަށް އަދާކުރަމުން ނުގެންދާ ކަމަށް ނިންމައި، އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ސީއެސްސީއަށް ހުށަހަޅަން ނިންމި އެވެ.

ފާއިގު, މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ބުނެ ފޮނަދޫ ކައުންސިލުން ފާހަގަކުރި ސަބަބުތަކުގެ ތެރޭގައި, ކައުންސިލުގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި, އަތޮޅު ކައުންސިލަށް ފޮނުވަންޖެހޭ ރިޕޯޓުތައް ނުފޮނުވުމާއި, ހާލުބެލުން ޕޯޓަލްގެ މަސައްކަތް ނުކުރުމާއި, މަސައްކަތް ހޭންޑްއޯވާ ނުކޮށް ޗުއްޓީއަށް ދިއުމާއި, ހެނދުނުގެ ބްރީފިންތަކަށް ހާޒިރުނުވުން ހިމެނެ އެވެ.

މިކަމާ ގުޅޭ ގޮތުން ފާއިގު 'އަދަދު' ނޫހަށް ވިދާޅުވީ އޭނާ މަގާމުން ވަކިކުރަން ނިންމީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ޕީއެންސީގެ ކެންޑިޑޭޓު، އަބްދުއްރަހީމް އަބްދުﷲ އަށް ތާއިދު ނުކޮށް، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް އަނީސް އަށް އޭނާ ތާއިދު ކުރުމުން ކަމަށެވެ.