Advertisement

ހުލާސާކޮށް އިއްޔެ: ޖިހާދު އާއި ދީދީ މަގާމުން ވަކިކުރަން ގޮވައިލުން

10 މޭ 2024 - 06:17 0


ހުލާސާކޮށް އިއްޔެ: ޖިހާދު އާއި ދީދީ މަގާމުން ވަކިކުރަން ގޮވައިލުން

10 މޭ 2024 - 06:17 0

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ތުހުމަތުކުރެވޭތީ ސަރުކާރުގެ އިސް މަގާމުތަކަކަށް އައްޔަންކޮށްފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަދަނީ ޖަމިއްޔާތަކަކުން އިއްޔެ ގޮވައިލި އެވެ.

މިކަމަށް ގޮވާލީ ޖަމިއްޔާތަކުގެ ތެރޭގައި ހިމެނެނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް އާއި ސޭވް މޯލްޑިވްސްގެ އިތުރުން ޒީރޯ ވޭސްޓް މޯލްޑިވްސް އިންނެވެ.

މި ހަތަރު ޖަމިއްޔާއިން ނެރުނު ގުޅިފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ދެ މީހަކު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކުރުމަކީ، ކޮރަޕްޝަނާއި ކުށް ކުރާ މީހުންނަށް އަދަބު ނުލިބުން ހުއްޓުވަން ސަރުކާރުން ބޭނުންވާ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މި ނިންމުންތަކުގެ ސަބަބުން ނުފޫޒު ފޯރުވަން މަގުފަހިވެ، ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ އޮފިޝަލުންގެ ތަހުގީގުތަކަށް ހުރަސްއެޅި، ދައުލަތުގެ އިދާރާތަކާއި ޝަރުއީ ނިޒާމާއި ތަހުގީގު ކުރާ އިދާރާތަކަށް ރައްޔިތުންގެ ކުރާ އިތުބާރު ކުޑަވެގެންދޭ," މަދަނީ ޖަމިއްޔާތަކުން ބުނެފައިވެ އެވެ.

އެގޮތުން, މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަނަކަށް އައްޔަނުކުރި ޖިހާދަކީ، ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ކެބިނެޓުގެ ނިންމުމާ ހިލާފަށް ކ. ފުށިދިއްގަރުފަޅު ޖޮއިންޓް ވެންޗާ އެއްބަސްވުން ސަރުކާރަށް ގެއްލުންވާ ގޮތަށް އެކުލަވާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހެކެވެ.

ހަމައެހެންމެ، ނައިބު ރައީސްއަކަށް ހުންނެވި ދުވަސްވަރު ދިރިއުޅެން ޖިހާދަށް ދީފައި ހުރި ރެހެންދި އެޕާޓްމަންޓު ހުސްނުކުރި މައްސަލައިގައި ނުހައްގު މުއްސަނދިކަން ހޯދުމުގެ ދައުވާކޮށް، އެ އެޕާޓްމަންޓުގެ ކުއްޔާއި މެއިންޓެނަންސަށް ހިނގި އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބަދަލު ހޯދަން ވެސް ދައުވާކޮށްފަ އެވެ. މަދަނީ ޖަމިއްޔާތަކުން ބުނީ މި އަހަރުގެ ޖެނުއަރީގައި މި ދައުވާތައް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

މަގާމުން ދުރުކުރަން ދެން ގޮވާލާފައިވާ ރައީސް އޮފީހުގެ ލީގަލް ކައުންސިލަކަށް އައްޔަނުކުރި ދީދީއަކީ ރިޝްވަތު ހިފި މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ނިމި، މިހާރު އޮތީ ދައުވާކުރާ ހިސާބުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މަގާމުން ވަކިކުރުމުގެ އިތުރުން، ގާބިލިއްޔަތު ވަޒަންކުރުމަށް ފަހު ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް އިދާރާތައް މިހާރަށް ވުރެ ބާރުވެރިކުރުވަން ވެސް އެ ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ. އަދި ކޮރަޕްޝަންގެ ތުހުމަތުކުރެވޭ މީހުންގެ މައްސަލަތައް މިހާރަށް ވުރެ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ބެލޭނެ ގޮތް މަހުފަހިކޮށްދީ، ޒިންމާދާރުކުރެވޭނެ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރަން ވެސް ގޮވާލާފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު