Advertisement

ފޭދޫފިނޮޅު ރިސޯޓު ހިންގަން ތައިލެންޑުގެ ޑުސިތުއާ ހަވާލުކޮށްފި

9 މޭ 2024 - 12:19 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ފޭދޫފިނޮޅުގައި ތަރައްގީކުރަމުންދާ ރިސޯޓުގެ މަންޒަރެއް: މި ރަށް ހުޅުވަނީ ކުއްޔަށް ދޫކުރިތާ އަށް އަހަރު ފަހުން -- ފޮޓޯ: ޕާލް އެޓޯލްސް


ފޭދޫފިނޮޅު ރިސޯޓު ހިންގަން ތައިލެންޑުގެ ޑުސިތުއާ ހަވާލުކޮށްފި

9 މޭ 2024 - 12:19 0

ޗައިނާގެ ޕާލް އެޓޯލް ކުންފުނިން ކ. ފޭދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓު ހިންގަން ތައިލެންޑުގެ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި، ޑުސިތު ތާނީ އިންޓަނޭޝަނަލްއާ އެކީ ސޮއިކޮށްފި އެވެ.

ތައިލެންޑުގެ މީޑީއާތަކުގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ފޭދޫފިނޮޅުގައި ރިސޯޓު ހިންގާނީ ޑުސިތުގެ އެންމެ މަތީފަންތީގެ މަރުކާ، ޑުސިތުޑީޓޫ (DusitD2) ބްރޭންޑިންގައި "ޑުސިތުޑީޓޫ ފޭދޫ މޯލްޑިވްސް" ގެ ނަމުގަ އެވެ.

ޑުސިތުން މައުލޫމާތު ދީފައިވާ ގޮތުގައި މި 124 ކޮޓަރީގެ ރިސޯޓު ހުޅުވާނީ މި އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި، ރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށްފަ އެވެ. އަދި މި ރިސޯޓު ވެގެންދާނީ އެ ކުންފުނީގެ ފުރަތަމަ "އޯލް-އިންކްލޫސިވް" ރިސޯޓަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ފޭދޫފިނޮޅު ރިސޯޓު އެއްބަސްވުމާ ގުޅޭ ގޮތުން މީޑިއާތަކާ ހިއްސާކުރި ނޫސް ބަޔާނެއްގައި ޑުސިތު އިންޓަނޭޝަނަލްގެ ސީއޯއޯ ގިލްސް ކްރަޓައިލާޒް ވިދާޅުވީ، ރާއްޖެއަކީ އެ ކުންފުންޏަށް މުހިންމު މާކެޓެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނިން މިހާރު ވެސް ރާއްޖޭގައި ފޯރުކޮށްދެމުން އަންނަ ލަގްޒަރީ ސެގްމަންޓަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފި ކަމަށެވެ.

"އަހަރަމެން މިތިބީ ތަފާތު އުފެއްދުންތަކާއި އާދަޔާހިލާފު މެހެމާންދާރީ އަދާކޮށްގެން ފަތުރުވެރިންގެ އުއްމީދުތަކަށް ވުރެ މަތިން ހިދުމަތް ދޭން ތައްޔާރަށް. ޑުސިޓުޑީޓޫ ފޭދޫ މޯލްޑިވްސް ވެގެން ދާނީ މިކަމުގެ އަލިގަދަ މިސާލަކަށް" އޭނާ ވިދާޅުވި އެވެ.

މި ރިސޯޓު ތަރައްގީކުރި ޕާލް އެޓޯލްގެ މެނޭޖިން ޑިރެކްޓަރު ފެން ޖިއާންލިން ވިދާޅުވީ، ޑުސިތު ކަހަލަ ދާއިރާގެ ތަޖުރިބާހުރި ކުންފުންޏަކާ އެ ކުންފުނީގެ ފުރަތަމަ ރާއްޖެ ރިސޯޓު ހިންގަން ހަވާލުކުރާތީ އުފާކުރާ ކަމަށާއި ޑުސިތުގެ މެނޭޖުމަންޓުގެ ދަށުން ރިސޯޓު ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

މިހާރު ވެސް މަތީ ފަންތީގެ ރިސޯޓުތަކުގައި ހުންނަ ހުރިހާ ވަސީލަތެއް ހުރި މި ރިސޯޓުގައި ހުރެ އެވެ. އެކަމަކު ޑުސިތުން ވިސްނަނީ، މައި އެއާޕޯޓު ކައިރީގައި ރަށް އޮތުމުގެ އެންމެ ފުރިހަމަ ބޭނުން ހިފުމުގެ މަގުސަދުގައި، އެންޓަޓެއިންމަންޓު ހަބަކާއި ކުޑަ ކޮންވެންޝަން ސެންޓަރެއް ތަރައްގީކުރާށެވެ. މިކަން ކުރާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން މި ރިސޯޓުގައި ވެސް އެ ކުންފުނީގެ އެހެން ރިސޯޓުތަކުގައި ހިންގަމުން އަންނަ ސަސްޓެއިނަބިލިޓީ ޕްރޮގްރާމް، "ޓްރީ އޮފް ލައިފް" ހިންގާނެ ކަމަށެވެ. މީގެ ސަބަބުން ތިމާވެއްޓަށް ވީހާ ވެސް ގެއްލުން ކުޑަ ގޮތަކަށް ރިސޯޓުގެ ނިޒާމުތަކާއި މަސައްކަތްތައް ތަރުތީބުކުރެވިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރިސޯޓު ވެގެން ދާނީ ޑުސިތުން ރާއްޖޭގައި ހިންގާ ދެވަނަ ރިސޯޓަށެވެ. ޑުސިތުގެ ފުރަތަމަ ރިސޯޓަކީ ބ. މުއްދޫގައި ހިންގާ ޑުސިތު ތާނީ މޯލްޑިވްސް އެވެ. މި ރިސޯޓަކީ ޓޫރިޒަމްގެ ގިނަ އެވޯޑުތަކެއް ލިބިފައިވާ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެކެވެ.

މި ރިސޯޓު ތަރައްގީކުރި ޕާލެ އެޓޯލް ކުންފުނިން މި ރަށް 2016 ގައި 50 އަހަރުގެ މުއްދަތަކަށް ކުއްޔަށް ނެގީ ހަތަރު މިލިއަން ޑޮލަރަށެވެ. މި ރަށް ކުއްޔަށް ދިނުމުން ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބުނެވެ. އެއީ ޗައިނާގެ އަސްކަރީ ބޭސްއެއް މި ރަށުގައި އަޅަން އުޅޭ ކަމަށް ތުހުމަތުކޮށެވެ. އެކަމަކު މިއަދާ ހަމައަށް އެކަމަށް ބާރު ދޭނެ އެއްވެސް ކަމެއް ފެނިފައި ނުވެ އެވެ.