Advertisement

މެލޭޝިއާ އަކީ ފެށުމެއް، ކުޅިވަރަށް ގިނަ ގައުމުތަކެއްގެ އެހީހޯދަނީ

9 މޭ 2024 - 10:19 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، "އަދަދު" އަށް އިންޓަވިއު ދެއްވަނީ.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ


މެލޭޝިއާ އަކީ ފެށުމެއް، ކުޅިވަރަށް ގިނަ ގައުމުތަކެއްގެ އެހީހޯދަނީ

9 މޭ 2024 - 10:19 0

މެލޭޝިއާ ސަރުކާރާ އެކު ރާއްޖޭގެ ކުޅިވަރު ތަރައްގީކުރަން މެމޮރަންޑަމް އޮފް އަންޑަސްޓޭޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރަން ނިންމައި، ރާއްޖޭގެ ކުޅިވަރުގެ ތަރައްގީ އަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރުވެފައިވާ ކަމަށާއި އެއީ ފެށުމެއްގެ ގޮތުގައި ވިސްނައިގެން މަސައްކަތް އިތުރުކޮށް ގިނަ ގައުމުތަކަކުން ރާއްޖޭގެ ކުޅިވަރަށް ފުރުސަތު އިތުރުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރާފިއު، މި ގޮތަށް ވިދާޅުވީ، "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ސްޕޯޓްސް މިނިސްޓަރުގެ ޒިންމާއާ ހަވާލުވުމަށް ފަހު، ރަސްމީ ދަތުރެއްގައި ރާފިއު ފުރަތަމަ ވަޑައިގެންނެވީ، މެލޭޝިއާ އަށެވެ. މި ދަތުރަކީ، މެލޭޝިއާގައި ކުރިއަށްދިޔަ އޭޝިއަން ފެޑެރޭޝަން އޮފް ސްޕޯޓްސް މެޑިސިން ކޮންގްރެސް އާއި އައިއެސްއެން އިންޓަނޭޝަނަލް ސްޕޯޓްސް މެޑިސިން އެންޑް ސްޕޯޓްސް ސައިންސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށާ އެކުގައި މިނިސްޓަރު ކުރެއްވި ދަތުރެކެވެ.

އެ ކޮންފަރެންސްގައި މިނިސްޓަރު ރާފިއު ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި، ދިގު ރާސްތާ ޕްލޭން ހިމެނޭ ތަފްސީލީ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވައިފަ އެވެ.

"ދަތުރު ވަރަށް ކާމިޔާބު، މެލޭޝިއާގެ ފަސްޓް ލޭޑީ ވެން އަޒީޒާ އިސްމާއިލް، އަދި ސްޕޯޓްސް މިނިސްޓަރު ހަނާ އަށް ޕްރެޒެންޓޭޝަން ޕްރެޒެންޓް ކޮށްދިނިން، އަދި އަޅުގަނޑުމެންގެ ލޯންގް ޓާމް ޕްލޭނުގައި ބޭނުންވާ ތަމްރީނު ތަކުގެ ވާހަކަ ވަރަށް ޑީޓެއިލްކޮށް ދެއްކުނު،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު، މެލޭޝިއާ އަށް ކުރެއްވި ދަތުރުގެ ތެރެއިން މެލޭޝިއާގެ ކުޅިވަރާ ބެހޭ ވަޒީރު ހަނާއާ އެކު.---


މެލޭޝިއާ ސަރުކާރާ އެކު މަޝްވަރާ ކުރެވުނު ކަންކަމަށް އަލިއަޅުވާލައި، ރާފިއު ވިދާޅުވީ ގިނަ ގޮތްގޮތުން ކުޅިވަރަށް ފައިދާކުރާނެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭގެ ތެރޭގައި ކޯޗުން ތަމްރީން ކުރުމާއި ޓެކްނިކަލް ސްޓާފުން ތަމްރީން ކުރުމާއި ސްޕޯޓްސް އެޑްމިނިސްޓްރޭޓަރުން ތަމްރީން ކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އޭގެ އިތުރުން ކުޅިވަރު ކުޅޭ އެތުލީޓުންނަށް ބޭނުންވާ ސްޕެޝަލިޓީސްތައް، މިސާލަކަށް ސްޕޯޓްސް ނިއުޓްރިޝަން، ކަންޑިޝަނިން ކޯޗިން، ސްޕޯޓްސް ސައިކޮލޮޖީ، ފިޒިއޯތެރަފީ މިހެން ގޮސް ކުޅިވަރު ކުޅޭނެ ކުދިންނަށް ބޭނުންވާނެ ވަސީލަތްތައް ހޯދައިދޭނެ ސްޕެޝިއަލިޓީ ރާއްޖޭގައި ބިނާކުރުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭތީވެ، އެކަން ވަރަށް ބޮޑަށް ރިކުއެސްޓްކުރިން،" އެތުލީޓުންނާ ވަރަށް ގާތުން މިދިޔަ އަހަރުތަކުގައި މަސައްކަތް ކުރައްވާފައިވާ އިތުބާރު ސްޕޯޓްސް ޑޮކްޓަރު، ރާފިއު ވިދާޅުވި އެވެ.

މިއީ ކުޅިވަރުގެ މީހުން ބިނާކުރަން އެންމެ އެކަށީގެންވާ ވަގުތު - ކުޅިވަރާ ބެހޭ ވަޒީރު، ރާފިއު

މެލޭޝިއާގެ ސްޕޯޓްސް މިނިސްޓަރުގެ ވެސް އެދިލެއްވުމާ އެއްގޮތަށް އެމްއޯޔޫއެއްގައި ސޮއިކޮށް މަޝްވަރާ ކުރެވުނު ކަންކަން ކުރިއަށްގެންދަވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

އަދި ވަރަށް އަވަހަށް ފާހަގަކުރެވޭ މުހިންމު ރޮނގުރޮނގުން މެލޭޝިއާ އިން ރާއްޖޭގެ ކުޅިވަރަށް ސްކޮލަޝިޕް ލިބިގެންދާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑު ޔަގީންކަމެއް މެލޭޝިއާ ސަރުކާރުން ދެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން, ޓެލެންޓް އެކްސްޗޭންޖިން ޕްރޮގްރާމްތަކެއްގެ ދަށުން ރާއްޖޭގެ ހުނަރުހުރި ކުޅުންތެރިން މެލޭޝިއާގެ އެކެޑަމީ ތަކަށް ގެންދިއުމާއި ބައެއް ކްލަބްތަކުން ފުރުސަތު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މެލޭޝިއާ އިން މަޝްވަރާކޮށްފައިވެ އެވެ.

"މިއީ އެންމެ އެކަށީގެންވާ ވަގުތަކީ މީހުން ބިނާކުރަން، ކުޅިވަރު ކުރިއަރުވަން ބޭނުންވާ ރޮނގުރޮނގުން މީހުން ތަމްރީންކުރަން ފަށައިގަންނަން އެންމެ ރަނގަޅު ވަގުތު ކަމަށް އަޅުގަނޑު ދެކެނީ. އެގޮތުގެ މަތިން ލިބޭ ހުރިހާ އޮޕޮޗިއުނިޓީއެއްގެ ބޭނުން ހިފޭތޯ މަސައްކަތް ކުރަމުން ދާނަން. ދެން އޮތީ، އިންފްރާސްޓްރަކްޗާ ގާއިމްކުރުން، އެކަން ވެސް ދާދި ފަހުން ފަށައިފިން،" ރާފިއު ވިދާޅުވި އެވެ.

މެލޭޝިއާއާ އެކު ބޭއްވުނު މަޝްވަރާތަކުން ލިބުނު ފުރުސަތުތަކާ ހަމައިން މަސައްކަތް މަޑުޖައްސާލުމުގެ ވިސްނުމެއް މިނިސްޓަރު ރާފިއު ނުގެންގުޅުއްވަ އެވެ.

އެ ގޮތުން، ދާދި ފަހުން ވަނީ ފްރާންސް އާއި ކިއުބާގެ އެމްބަސަޑަރުންނާ އެކު ބައްދަލުވުންތަކެއް ބާއްވައި، ދިވެހި ކުޅިވަރަށް ފުރުސަތު އިތުރުކުރެވޭނެ ރޮނގުރޮނގުން މަޝްވަރާ ކުރައްވައިފަ އެވެ.

"(އެމްބަސަޑަރުން) ވަރަށް ޕޮޒިޓިވްކޮށް ޖަވާބުދެއްވީ، ވިދާޅުވީ މެޑަލް ކޭޕަބަލް ކުޅުންތެރިންނަކީ ކޮބައިކަން، ކޮން ކަހަލަ ކުޅިވަރުތަކެއް ކަން ފާހަގަކޮށް ހިއްސާކުރަން، ވިދާޅުވި މަސައްކަތް ކުރައްވާނެކަމަށް. ދެން، ކިއުބާގެ އެމްބަސަޑަރާ ވެސް ބައްދަލުކުރިން. ހަމަ އެ މޭރުމުން ވާހަކަ ދެއްކެވީ،" ރާފިއު ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ފަހިކޮށްދޭން އެހީތެރިވާ ފަރާތްތަކާ ގުޅިގެން މަޝްވަރާކޮށް، ކުޅިވަރު ތަރައްގީ ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.