Advertisement

އިންޑިއާ އެލްއޯސީގެ ދަށުން އަޅާ ކުޅިވަރު އިންފްރަކްސްޗާތައް ވަކިވަކިކޮށް އަވަސްކުރަނީ

6 މޭ 2024 - 14:22 0

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ،--- ފޮޓޯ: މަޖިލިސް


އިންޑިއާ އެލްއޯސީގެ ދަށުން އަޅާ ކުޅިވަރު އިންފްރަކްސްޗާތައް ވަކިވަކިކޮށް އަވަސްކުރަނީ

6 މޭ 2024 - 14:22 0

މިދިޔަ ސަރުކާރުން އިންޑިއާ އިން ހަމަޖެއްސި، 40 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ލޯން އެހީގެ ތެރެއިން، ހުރިހާ ޕްރޮޖެކްޓްތައް ހުރީ އެއްކޮށް ކުރާ ގޮތަށް ކަމަށާއި އެ ވަކިވަކި ޕްރޮޖެކްޓްތަކަށް ހަދައި، އަވަސްކުރެވޭތޯ މަޝްވަރާކޮށްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ، އެ ރަށުގެ ސްޓޭޑިއަމްގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުންފިލުވަން ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި، މިނިސްޓަރު ރާފިއު، ވިދާޅުވީ އެ ސްޓޭޑިއަމްގެ މަސައްކަތް ގުޅިފައި އޮތީ އިންޑިއާގެ އެލްއޯސީއާ ކަމަށެވެ.

"މި ކަމަކީ، ފަސް ޕްރޮޖެކްޓަކާ ގުޅިގެން ހިމެނިފައިވާ ކަމަކަށް ވާތީ މަސައްކަތް އޮތީ ނުފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވަނީ، އިންޑިއާގެ އެލްއޯސީގެ ކަންކަން ކުރިން ރޭވިފައިވާ ގޮތާއި، މަޝްވަރާކޮށްގެން ބަދަލު ގެންނަން ނިންމަވާފައިވާ ގޮތްތައް، މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެކި މެމްބަރުންގެ ސުވާލަށް ދިން ޖަވާބުގައި ހިއްސާކުރައްވައިފަ އެވެ.

"(އެލްއޯސީގައި) އޭގެ ތެރޭގައި މާލޭގައި ގަލޮޅު ސްޓޭޑިއަމާއި ބާސްކެޓް ކޯޓަކާއި ޓީޓީ ހޯލެއް ހެދުމާއި ވޮލީ ކޯޓެއް ހިމެނިފައިވޭ، މި ސިންތެޓިކް ޓްރެކަކީ ހަތަރު ސަރަހައްދެއްގައި އެޅޭ ސިންތެޓިކް ޓްރެކެއް. މި ހުރިހާ ކަމަކީ، އެއް ޕްރޮޖެކްޓެއްގެ ގޮތުގައި ހިމެނިފައި އޮތް ކަމެއް. އެހެންވީމަ، އެ ބޭފުޅުން ބޭނުންވަނީ މި ހުރިހާ ޕްރޮޖެކްޓެއް އެއް ފަހަރާ ނުފެށޭ ކަމަށް ވެއްޖިއްޔާ މަޑުޖައްސާލަން،" ރާފިއު ވިދާޅުވި އެވެ.

އެކަމަކު، މި ކަން ބަދަލުކުރަން މި ސަރުކާރުން ވަނީ އިސްނަގައިފަ އެވެ.

އިންޑިއާގެ ލޯންގެ ތެރެއިން އެންމެ ބޮޑު އިންވެސްޓެއް ކުރަން ހަމަޖެހިފައި އޮތީ ގަލޮޅު ދަނޑަށެވެ. އެކަމަކު، ހުރިހާ ޕްރޮޖެކްޓެއް އެއް ފަހަރާ ގެންދަން ބަލާއިރު، ގަލޮޅު ދަނޑުގެ ކަންކަން އަވަސް އަރުވާލައިގެން ފެށެން ވެސް ނެތެވެ.

"ގަލޮޅު ސްޓޭޑިއަމް އަކީ މިހާތަނަށް ހަމައެކަނި އޮތް ސްޓޭޑިއަމް. އެހެން ތަނެއް، އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ބިނާނުކޮށް، ގަލޮޅު ސްޓޭޑިއަމް ތަޅާލާފައި ބިނާކުރުމަކީ ދަތި ކަމަކަށް ފެންނާތީވެ، އަޅުގަނޑު ދާދި ފަހުން، އިންޑިއާގެ ފޮރިން އަންޑަ ސެކްރެޓަރީއާ ބައްދަލުކުރިން، އެ ބައްދަލުކުރުމުގައި އަޅުގަނޑު އެދުނީ، މި ޕްރޮޖެކްޓްތައް ވަކިކޮށްދިނުމަށް، އެ އެދުމުގެ މަތިން މިހާރު އެ ބޭފުޅުން ވަނީ މި ޕްރޮޖެކްޓްތައް ވަކިވަކިން ގެންދެވޭނެ ގޮތަށް ހައްދަވާނެ ކަމަށް ދަންނަވާފައި. އޭރުން ފަސޭހަވެގެންދާނެ ކުރެވެން ހުރި މަސައްކަތްތައް އަވަހަށް ކުރަން،" ރާފިއު ވިދާޅުވި އެވެ.

އެލްއޯސީގެ ދަށުން އަޅާ ސިންތެޓިކް ޓްރެކް ގާއިމްކުރަން ހަމަޖެހިފައި އޮތީ، ޏ. ފުވައްމުލަކާއި ސ. ހިތަދޫ، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގަ އެވެ.

ރާފިއު ވިދާޅުވީ، މި ޓްރެކްތަކުގެ މަސައްކަތް އަވަހަށް ކުރުމަށް ޓަކައި، ކުރަން ޖެހޭ ކަންކަން ފޮރިން މިނިސްޓްރީ ތެރެއިން ވެސް ކުރަމުން އަންނަ ކަމަށެވެ.

"މި ދެންނެވި ފަސް ޕްރޮޖެކްޓް ވަކިވަކިން ކުރެވޭނަމަ އަޅުގަނޑުމެންނަށް ވަރަށް ފަސޭހަވާނެތީވެ، އެކަން އިންޑިއާ ސަރުކާރާ ވާހަކަ ދައްކައިގެން އެކަން މި އޮތީ މަގުފަހިވެފައި." ރާފިއު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން ވިޔަސް އަދި މި ސަރުކާރުން ކޮށްދޭން ނިންމައި، ބަޖެޓްގައި ހިމަނާފައިވާ ކަންތައްތައް އެކަށީގެންވާ ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، މިނިސްޓްރީ އަށް ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ރާފިއު ދެއްވި އެވެ.