Advertisement

ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރު: އަސްލަމް ގޮވައިލެއްވީ ތަހުގީގު އަވަސްކޮށް، ޝަރީއަތް ނިންމަން

6 މޭ 2024 - 11:17 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. މަޖިލީހުގެ ރައީސްކަމަށް އަސްލަމް ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމުން. ފޮޓޯ:މަޖިލީހުގެ އިދާރާ


ނަޝީދަށް ދިން ހަމަލާއަށް ތިން އަހަރު: އަސްލަމް ގޮވައިލެއްވީ ތަހުގީގު އަވަސްކޮށް، ޝަރީއަތް ނިންމަން

6 މޭ 2024 - 11:17 0

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބަޔަކު ބޮމުގެ ހަމަލާއެއް ދިންތާ ތިން އަހަރު ފުރުމާ ދިމާކޮށް، އެ ހަމަލާގެ ތަހުގީގުތައް އަވަސްކުރުމަށާއި ޝަރީއަތްތައް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވައިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން އަސްލަމް ވިދާޅުވީ އެ ހަމަލާއާ ގުޅޭ ގޮތުން ކުރާ ތަހުގީގުތައް އަވަސްކޮށް ޝަރީއަތްތައް ނިމުމަކީ މުހިއްމު އަދި ބޭނުންތެރި ކަމެއް ކަަމަށެވެ. އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީއަށް ފަހު ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރަން ވެސް އޭނާ ގޮވައިލެއްވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އަޅުގަނޑު އެދެނީ ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން އެކުލަވާލައި އާއްމުކޮށްފައިވާ އިންކުއަރީ ރިޕޯޓްގައި ހިމެނިފައިވާ ރިކޮމެންޑޭޝަން ތަކަށް ވީހާ ވެސް އަވަހަކަށް ފުރިހަމައަށް އަމަލުކުރެވިގެން ދިއުން، އަދި ރާއްޖޭން ހަރުކަށިފިކުރާ އަނިޔާވެރިކަން އެއްކޮށް ނެތިގެން ދިއުން،" އަސްލަމް ވިދާޅުވި އެވެ.

މައްސަލައިގެ އަދާހަމަ

މެއި 6, 2021 ވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލިކަން ސާބިތުވެ އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.

އޭނާގެ އިތުރުން އެ މައްސަލާގައި ތުހުމަތުގައި ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ތަސްލީމަށް ކުށް ސާބިތުނުވި ހުކުމް ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ހައި ކޯޓުގައި އަދި އެ މައްސަލައިގެ ޝަރީއަތް ނުފަށަ އެވެ.

މި ދެ މީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން އޭރު ބުނެފައި ވަނީ މެއި 6، 2021 ގައި މާލޭގައި ގޮއްވި ބޮމުގެ ހަމަލާ ރޭވުމުގެ މޭސްތިރިން ކަމަށެވެ. ނަމަވެސް ތަހުގީގަށް ފަހު ދައުވާކުރީ ޓެރަރިސްޓް ޖަމާއަތް އައިސިސްއަށް ތާއީދުކުރުމުގެ ދައުވާ އެކަންޏެވެ.

ހަމަލާގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރަން ނިންމީ އަހުމަދު ފާތިހުގެ މައްޗަށެވެ. އެއީ އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުނެ އެވެ.

މިހާރު ޝަރީއަތް ކުރިއަށް ދަނީ، ޓެރަރިޒަމްގެ އެކި ދައުވާ އުފުލިފައިވާ ތަހުމީން އަހުމަދާއި، މުޖާޒް އަހްމަދާއި، އަލީ ހައިޝަމާއި، މުހައްމަދު ނާޒިމާއި، އިސްހާގައި، ފަހުމީ އަލީގެ ބައެވެ. އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވީ ފެބްރުއަރީ 2024, ގަ އެވެ.