Advertisement

ބެޑްމިންޓަން އެސޯސިއޭޝަން އަށް 20 ދުވަހުގެ ފުރުސަތެއް

1 މޭ 2024 - 16:00 1

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސް މޫސާ ނާޝިދު (މޫސަ).


ބެޑްމިންޓަން އެސޯސިއޭޝަން އަށް 20 ދުވަހުގެ ފުރުސަތެއް

1 މޭ 2024 - 16:00 1

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގައި ހުރި މައްސަލަތަކެއްގެ ސަބަބުން އެ އެސޯސިއޭޝަންގެ އިންތިހާބު މަޑުޖެހިފައިވާއިރު، 20 ދުވަހުގެ ތެރޭގައި ކަނޑައެޅިގެންވާ އުސޫލުގެ ތެރެއިން އިންތިހާބެއް ބޭއްވުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ފުރުސަތެއް ދީފި އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބާއްވަން މަސައްކަތް ކުރި ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރީ ބޭއްވޭނެ އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.

އޭރު، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ)އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޮތީ އިންތިހާބު ކަންކަން މަޑުޖައްސާލަން އަންގައިފަ އެވެ. އަނެއްކޮޅުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި ކަންކަން އިސްލާހުކުރުމަށް ފަހު ނޫނީ އިންތިހާބެއް ނުބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އޮތީ އަންގައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ. އެންމެ ފަހުން އޮތް ހިންގާ ބޯޑުގެ ދައުރުގެ މުއްދަތު ހަމަވެ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން އިތުރު ކޮށްދިން މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ އެއް ދުވަސް ކުރިން ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބެޑްމިންޓަން އެސޯސިއޭޝަނަށް ވަނީ 20 ދުވަހުގެ ތެރޭގައި ވަކި އުސޫލެއްގެ ތެރެއިން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފަ އެވެ.

އެއީ، އިންތިހާބުގައި ވޯޓު ލުމުގެ ފުރުސަތު ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ (ބީޑީސީ) ތަކަށް ނުދޭ ގޮތަށެެވެ. އަދި ބީޑީސީތަކަށް އިންތިހާބުގެ ވޯޓުގައި ބައިވެރިވެވޭނީ، އެ ކޮމިޓީތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްގެން ކަންް ވެސް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ އަންގައިފަ އެވެ.

ބީޑީސީތައް ހިންގަން ފުރުސަތު ދެނީ ވެސް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ ބާރު ހިންގޭ ނުވަތަ ނުފޫޒު ފޯރުވޭ ގޮތަށް އޮންނަ ރަށްތަކަށް ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ. އެއީ، އިންތިހާބަކާ ދިމާކޮށް، އެ ބީޑީސީތަކެއްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތެއް ބަލައިފަ އެވެ. ކިތަންމެ ރަނގަޅަށް، ބެޑްމިންޓަނުގެ މަސައްކަތް ކުރަމުން އަންނަ ރަށަކަށް ވެސް އެސޯސިއޭޝަނުން ބޭނުންނުވެއްޖެނަމަ ބީޑީސީގެ އެކްޓިވް ހައިސިއްޔަތު ނުދެ އެވެ.

މި ފަހަރުގެ އިންތިހާބުގައި، ވޯޓު ލެވޭނެ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ރުހުން ދީފައިވަނީ، ދެ ބީޑީސީ އަށެވެ. އެއީ، ނ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އާއި އައްޑޫ ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީ އަށެވެ. މީގެ ތެރެއިން އައްޑޫ ބީޑީސީ އަށް ފުރުސަތު ދިންއިރު، ހިމެނޭ މެމްބަރުންްގެ ސައްހަކަމާ މެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.