29 އޭޕްރީލް 2024 - 15:28 0
ލީވާން އަލީ ނާސިރު
29 އޭޕްރީލް 2024 - 15:28 0
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބީއެމްއެލްއިން ބުނީ މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 5.7 ޕަސަންޓުގެ އިތުރު އަދަދެކެވެ.
މި ކުއާޓާގައި ބީއެމްއެލްގެ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބިފައިވާއިރު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ވަނީ ދޫކޮށްފަ އެވެ.
ހަމައެހެންމެ ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީ ހިފެހެއްޓިފައިވާ އިރު، މި ކުއާޓާ ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 46.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ މި އަހަރު ފެށިފައި ވަނީ ވަރަށް ހަރުދަނާކޮށް ކަމަށާއި އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް، ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާރސަނަލް ލޯނާއި ފައިނޭންސިންގްއަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިންގް ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން،" ކާލް ސްޓުމްކަ ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ބޭންކިންގް ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއި މުޖުތަމައަށް އިންވެސްޓް ކުރުމަށް ބޭންކުން ހިންގާ ޕްރޮގްރާމްތައް ވަނީ މި ކުއާޓަގައި ވެސް ހިންގާފައިވެ އެވެ.
މި މަސައްކަތުގެ ދަށުން ހުޅުމާލެ ފޭސް 2، ކ. ގުޅި އަދި ވ. ކެޔޮދޫގައި ވަނީ ސެލްފް ސާވިސް ބޭންކިންގް ހިދުމަތް ފަށާފަ އެވެ. އަދި މި އަހަރުގެ ޖަނުއަރީ މަހު ބޭންކުން ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށް 2.5 ޕަސަންޓަށް ކުޑަކޮށްފަ އެވެ.
ބީއެމްއެލްއިން އަންނަނީ 38 ބްރާންޗާއި ސާވިސް ސެންޓަރު، 86 ސެލްފް ސާވިސް ބޭންކިންގް ސެންޓަރު، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތް ދެމުންނެވެ.
Comment