Advertisement

އައިޕީއެލް: ހައިދަރުއާބާދު އަތުން މޮޅުވެ ބެންގަލޫރަށް އުފަލެއް

26 އޭޕްރީލް 2024 - 08:54 0


އައިޕީއެލް: ހައިދަރުއާބާދު އަތުން މޮޅުވެ ބެންގަލޫރަށް އުފަލެއް

26 އޭޕްރީލް 2024 - 08:54 0

ހައިދަރުއާބާދު، އިންޑިއާ (އޭޕްރީލް 26) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ސަންރައިޒާސް ހައިދަރުއާބާދު އަތުން 35 ލަނޑުން މޮޅުވެ، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ކުރިމަތިވެފައި އޮތް ޕްރެޝަރުން އަރައިގަންނަން ހިތްހަަމަޖެހުމެއް ހޯދައިފި އެވެ.

މިއީ، އައިޕީއެލްގެ އެންމެ ފުލުގައި އޮތް ބެންގަލޫރުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ނުވަ މެޗުން ހޯދި ދެ ވަނަ މޮޅެވެ. މީގެ ކުރިން އެ ޓީމު މޮޅުވީ، ފަހަތުން ދެ ވަނައިގައި އޮތް ޕަންޖާބް ކިންގްސް އަތުންނެވެ.

އަމިއްލަ ދަނޑުގައި މީގެ ކުރިން، ހައިދަރުއާބާދު އަތުން ބަލިވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި، ބެންގަލޫރުން ފެށީ ވަރަށް ރަނގަޅަށެވެ. ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވިއިރު، 206 ލަނޑު ހެދި އެވެ.

ބެންގަލޫރުގެ ދެ އޯޕަނިން ބެޓްސްމަނުން ވެސް މި މެޗުގައި ތަފާތު ދެއްކި އެވެ. އެ ގޮތުން ވިރާތު ކޯލީ ވަނީ 43 ބޯޅައިން 51 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ ކެޕްޓަން، ފާފް ޑު ޕްލެސިސް ނުބައިވީ، 12 ބޯޅައިން 25 ލަނޑު ހަދާފައިވަނިކޮށެވެ. ބެންގަލޫރު ޓީމަށް ދެން އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، ހަ ވަނަ ބެޓްސްމަނަކަށް އެރި ރަޖަތު ޕަތީދާރު އާއި ހަތް ވަނަ އަށް އެރި ކެމަރަން ގްރީން އެވެ. ޕަތީދާރު ނުބައިވީ، 20 ބޯޅައިން 50 ލަނޑު ހަދާފައިވަނިކޮށެވެ. އަދި ގްރީން ވަނީ ނުބައިނުވެ، 20 ބޯޅައިން 37 ލަނޑު ހަދައިފަ އެވެ.

މި އިނިންްގްސްގައި ހައިދަރުއާބާދުގެ ޖޭދޭވް އުނާދުކަތު ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ހައިދަރުއާބާދަށް 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޝާހުބާޒް އަހުމަދަށް ހެދުނީ، 37 ބޯޅައިން 40 ލަނޑެވެ. މީގެ ކުރިން މެޗުތަކުގައި ތަފާތު ދެއްކި ޓްރަވިސް ހެޑް އަށް މިއީ ދަށް މެޗެކެވެ. އޭނާ ނުބައިވީ ތިން ބޯޅައިން އެއް ލަނޑު ހަދައިފައި އޮއްވަ އެވެ. އަދި އެ ޓީމުގެ ހެއިންރިޗް ކްލާސެން އަށް ތިން ބޯޅައިން ހެދުނީ ހަތް ލަނޑެވެ.

ބެންގަލޫރުގެ ސްވަޕްނިލް ސިންގް، ގްރީން އަދި ކަރްން ޝަރްމާ، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ. މި މެޗުން ބަލިވިޔަސް ހައިދަރުއާބާދު އޮތީ ތިން ވަނައިގަ އެވެ. އެއީ، އަށް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ.

މުބާރާތުގައި މިއަދު އޮތީ ކަލްކަތާ ނައިޓް ރައިޑާސް އާއި ޕަންޖާބް ކިންގްސް އެެވެ.