8 މޭ 2024 - 10:48 0
8 މޭ 2024 - 10:48 0
ނިއު ދިއްލީ، އިންޑިއާ (މެއި 8) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރާޖަސްތާން ރޯޔަލްސް 20 ލަނޑުން ބަލިކޮށް، ދިއްލީ ކެޕިޓަލްސް އިން ޕްލޭއޮފްގެ ފުރުސަތު ބޮޑުކޮށްފި އެވެ.
މި މެޗުން ބަލިވުމުން، ތާވަލުގެ އެއް ވަނަ އަށް އަރަން ރާޖަސްތާނަށް ލިބުނު ފުރުސަތު މި ވަގުތަށް ވަނީ ގެއްލިފަ އެވެ. އެއް ވަނައިގައި އޮތް ކަލަކަތާ ނައިޓް ރައިޑާސް އާއި ދެ ވަނައިގައި އޮތް ރާޖަސްތާނަށް ވަނީ 11 މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
ދިއްލީ ފަސް ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތް ޗެންނާއި ސުޕަ ކިންގްސް އާއި ހަތަރެއްގައި އޮތް ސަންރައިޒާސް ހައިދަރުއާބާދާއި ފަސް ވަނައިގައި އޮތް ދިއްލީ އަދި ހަ ވަނައިގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. މީގެ ތެރެއިން، ދިއްލީ 12 މެޗު ކުޅުނުއިރު، ބާކީ މި އޮތް ކޮންމެ ޓީމެއް ކުޅެފައިވަނީ 11 މެޗެވެ.
އަނެއް ބުރަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ.
ރާޖަސްތާނަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެެވެ. ދިއްލީން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން، 221 ލަނޑު ހެދި އެވެ. އޯޕަނިން ބެޓްސްމަނުންގެ ގޮތުގައި އަރައި އަބިޝެކް ޕޮރެލް އާއި ޖޭކް ފްރޭޒާ-މެކްގާކްގެ ޕާޓްނާޝިޕުން ވަނީ ދިއްލީ އަށް އުންމީދީ ފެށުމެއް ހޯދައިދީފަ އެވެ. އަބިޝެކް ވަނީ 36 ބޯޅަ އަށް 65 ލަނޑު ހަދައިފަ އެވެ. ފްރޭޒާ-މެކްގާކް ނުބައިވީ، 20 ބޯޅައިން 50 ލަނޑު ހެދިތަނާ އެވެ.
މި އިނިންގްސްގައި ރާޖަސްތާނުގެ ތަޖުރިބާކާރު ބޯލަރު، ރަވިޗަންދުރަން އަޝްވިން ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނަށް 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 201 ލަނޑެވެ. ރާޖަސްތާނަށް މައްސަލަ ދިމާވީ ފެށުމުގަ އެވެ. ފުރަތަމަ ފެށި ދެ ބެޓްސްމަނުން ކަމަށްވާ، ޔަޝަޝްވީ ޖޭސްވާލް އާއި ޖޯސް ބަޓްލާ އަށް ރަނގަޅު ސްކޯއެއް ނުހެދުމުންނެވެ. ޔަޝަޝްވީ އަށް ދެ ބޯޅައިން ހަތަރު ލަނޑު ހެދުނުއިރު، ބަޓްލާ ނުބައިވީ، 17 ބޯޅައިން 19 ލަނޑު ހަދާފައި ވަނިކޮށެވެ.
މެޗުގައި ރާޖަސްތާނަށް އުންމީދެއް ހޯދައިދިނީ، ތިން ވަނަ ބެޓްސްމަނަކަށް އެރި ޓީމުގެ ކެޕްޓަން، ސަންޖޫ ސެމްސަން އެވެ. ސަންޖޫ ވަނީ 46 ބޯޅައިން 86 ލަނޑު ހަދައިފަ އެވެ.
ދިއްލީގެ ހަލީލް އަހުމަދު، މުކޭޝް ކުމާރު އަދި ކުލްދީޕް ޔާދަވް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނަގައިފައިވެ އެވެ.
އައިޕީއެލްގައި މިރޭ ލަކްނައު އިން ބައްދަލުކުރާނީ ހައިދަރުއާބާދުއާ އެވެ.
Comment