Advertisement

ފަހު ބޯޅައިން ހައިދަރުއާބާދުން ރާޖަސްތާން ބަލިކޮށްފި

3 މޭ 2024 - 10:23 0

ސަންރައިޒާސް ހައިދަރުއާބާދު ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފަހު ބޯޅައިން ހައިދަރުއާބާދުން ރާޖަސްތާން ބަލިކޮށްފި

3 މޭ 2024 - 10:23 0

ހައިދަރުއާބާދު، އިންޑިއާ (މެއި 3) - އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ރޭ ސަންރައިޒާސް ހައިދަރުއާބާދުން ފަހު ބޯޅައިން، އެއް ލަނޑުގެ ތަފާތަކުން، ލީގުގެ އެއް ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް ބަލިކޮށްފި އެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައި އޮތް ހައިދަރުއާބާދަށް މި މެޗުން މި ލިބުނީ ކުރިއަށްދާން ބަލާއިރު މުހިންމު މޮޅެކެވެ.

ރަޖީވް ގާންދީ އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު ރޭގެ މެޗުގެ ފަހު ބޯޅައިގައި، ރޮވްމަން ޕަވެލް ނުބައިކޮށްލައި، ބުވްނޭޝްވަރު ކުމާރު ނެގި ތިން ވަނަ ވިކެޓާ އެކު، ހައިދަރުއާބާދު މޮޅުވީ އެންމެ ލަނޑަކުންނެވެ. އެ ބޯޅައިން، ޕަވެލް އެއް ލަނޑު ހެދި ނަމަ ސުޕަ އޯވަރެއް ކުޅެން ޖެހޭނެ އެވެ. ދެ ލަނޑު ހޯދި ނަމަ ރާޖަސްތާނަށް މޮޅުވެވެން އޮތެވެ.

ޓޮސް ދިމާވުމުން ހައިދަރުއާބާދުން ރޭ ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި ތިން ކުުޅުންތެރިން ނުބައިވެގެން 201 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުުޅުނީ 58 ލަނޑު ހެދި ޓްރަވިސް ހެޑް އާއި 76 ލަނޑުހެދި ނިތިޝް ކުމާރު ރެޑީ އެވެ.

މި އިނިންގްސްގައި، ރާޖަސްތާންގެ އަވޭޝް ހާން ދެ ވިކެޓް ނެގި އެވެ.

ހައިދަރުއާބާދު ޓީމުގެ ބޯލަރު، ބުވްނޭޝްބަރު: ރޭގެ މެޗުގައި ހަތަރު އޯވަރަށް ތިން ވިކެޓް ނަގާފައިވޭ.


ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ، 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން، 200 ލަނޑު ހަދައިފަ އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، 67 ލަނޑު ހެދި ޔަޝަޝްވީ ޖެއިސްވާލް އާއި 77 ލަނޑަށް ނުބައިވި، ރިޔާން ޕަރާގް އެވެ.

ފަހު އޯވަރުގައި، ޕަވެލް ވަނީ ހިތްވަރު ދައްކައިފަ އެވެ. އެ ގޮތުން، 13 ލަނޑު ހަދަން އޮއްވައި، އެއް ލަނޑަށް ކުޑަކުރި އެވެ. އެކަމަކު، އެންމެ ފަހު ބޯޅައިގައި، ބުވްނޭޝްވަރުގެ ހުށިޔާރުކަމާ ހެދި ޕަވެލް އަށް ލަނޑު ނުހެދި، ރާޖަސްތާން މި ފަހަރުގެ މުބާރާތުގައި، ދެ ވަނަ ބައްޔާ ކުރިމަތިލާން ޖެހުނީ އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރާޖަސްތާން އަށް 10 މެޗުން 16 ޕޮއިންޓް ލިބިފައިވެ އެވެ. ދެ ވަނައިގައި އޮތް ކަލްކަތާ ނައިޓް ރައިޑާްސް އާއި ތިން ވަަނައިގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އާއި ހަތަރެއްގައި އޮތް ހައިދަރުއާބާދަށް ވަނީ 12 ޕޮއިންޓް ލިިބިފަ އެވެ.

މީގެ ތެރެއިން ކަލްކަތާ އަށް އެއް މެޗު މަދެވެ. އެ ޓީމުން، މިރޭ މުމްބައި އިންޑިއަންސްއާ ދެކޮޅަށް ކުޅޭނެ އެވެ.