Advertisement

ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

2 މޭ 2024 - 07:15 0


ފުރަތަމަ ލެގުގައި ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

2 މޭ 2024 - 07:15 0

ބާލިން (މެއި 2) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބޮރޫޝިއާ ޑޯޓްމަންޑުން 1-0 އިން ޕީއެސްޖީ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ފައިނަލުގެ ޖާގައެއް ޕީއެސްޖީން ބޭނުންނަމަ އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ޑޯޓްމަންޑް ބަލިކުރަން ޖެހޭނެ އެވެ.

ޑޯޓްމަންޑް ދަނޑު ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދަނިކޮށް، ޑޯޓްމަންޑުން މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ، 36 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ޖަރުމަނުގެ ފޯވާޑް ނިކްލަސް ފުލްކްރޫގް އެވެ.

ޕީއެސްޖީ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު، ފުލްކްރޫގް ވަނީ ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮންނަރުންމާ އަތް ދަށުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން ވެސް ފުރަތަމަ ހާފުގައި ދެ ޓީމުން ގޯލެއް ޖެހޭތޯ ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް މާ ނުރައްކާތެރި އެޓޭކްތަކެއް ނުފެނުނެވެ.

ދެ ވަނަ ހާފު ފަށައިގެން ޕީއެސްޖީން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި، ކީލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ އަށް ލިބުނު އެއް ފުރުސަތުން ޖެހި ޝޮޓް ޑޯޓްމަންޑްގެ ކީޕަރު، ގްރެގޯ ކޯބެލް ވަނީ މަތަކޮށްފަ އެވެ.

އޭރިއާތެރެއިން، ޑެމްބެލޭ އާއި ފަބިއަން ރުއީޒް އަށް ލިބުނު ރަނގަޅު ފުރުސަތުތަކެއްގައި ފޮނުވާލި ބޯޅަތައް ގޯލާ ސީދާވާގޮތެއްނުވި އެވެ.

ޑޯޓްމަންޑުން ދެ ވަނަ ލަނޑެއް ޖަހަން ކުރި އެޓޭކުތަކުގެ ތެރެއިން ފުލްކްރޫގަށް ފައުލު ކުރި ކަމަށް ބުނެ، ޕެނަލްޓީ އެއް ހޯދަން ކުރި އެޕީލް ކާމިޔާބެއްނުވި އެވެ. އޭރިއާތެރެއިން ޑޯޓްމަންޑްގެ ހޫލިއަން ބްރަންޑްޓް އަށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް، ޕީއެސްޖީގެ ކެޕްޓަން، މާކީނިއޯސް ވަނީ ބްލޮކްކޮށްފަ އެެވެ.

ރޭގެ މެޗުގައި ޑޯޓްމަންޑް އެޓޭކުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ޖޭޑަން ސަންޗޯ ވަނީ ގިނަ ފުރުސަތުތަކެއް ހޯދައިދީފަ އެވެ.