Advertisement

ޔޫރަޕްގައި އޮތް ހަމައެކަނި އިނގިރޭސި ޓީމަކީ ވިލާ

19 އޭޕްރީލް 2024 - 11:39 0


ޔޫރަޕްގައި އޮތް ހަމައެކަނި އިނގިރޭސި ޓީމަކީ ވިލާ

19 އޭޕްރީލް 2024 - 11:39 0

ޕެރިސް (އޭޕްރީލް 19) - ލިލް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ، އެސްޓަން ވިލާ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދުމާ އެކު، އެ ޓީމަކީ މި ސީޒަނުގައި މިހާރު ޔޫރަޕްގެ މުބާރާތެއްގައި މި ވަގުތު އޮތް ހަމައެކަނި އިނގިރޭސި ޓީމެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީގެ އިތުރުން އާސެނަލް ވަނީ ކަޓައިފަ އެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބި، ލިވަޕޫލާއި ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ ކުއާޓާ ފައިނަލާ ހަމައިން މުބާރާތް ނިމިފަ އެވެ. މިއާ އެކު، 21 ވަނަ ގަރުނު ތެރޭ ތިން ވަނަ ފަހަރަށް، އިނގިރޭސި ޓީމެއް ނެތި، ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ޓީމުތައް ވަނީ ކަށަވަރުވެފަ އެވެ.

ލިލްގެ މައްޗަށް ކުރިހޯދައި، ވިލާ އިން ކޮންފަރެންސް ލީގުގެ ސެމީ އަށް ދިޔައިރު، މިއީ 1982 ވަނަ އަހަރުގެ ފަހުން، އެ ޓީމުން ޔޫރަޕްގެ މުބާރާތެއްގެ ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ވިލާ އިން ފުރަތަމަ ލެގުގައި 2-1 އިން މޮޅުވެފައި އޮއްވައި، ރޭ ލިލް އިން ވަނީ ޔޫސުފް ޔަޒީޝީ އާއި ބެންޖަމިން އަންދްރޭގެ ގޯލުތަކުން، ކުރި ހޯދައިފަ އެވެ. އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން، ވިލާގެ މެޓީ ކޭޝް ގޯލެއް ޖަހައި، އެގްރިގޭޓް 3-3 އަށް ހެދި އެވެ. ނަތީޖާ ނެރެން ކުޅުނު ދެ ހާފްގައި ވެސް އިތުރު ގޯލެއް ނުފެނި ޕެނަލްޓީ އަށް ދިޔައީ އެވެ.

ޕެނަލްޓީގައި ތަރި އަކީ ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އެވެ. އޭނާ ވަނީ ދެ ޕެނަލްޓީ ހުއްޓުވައި، 4-3 އިން ވިލާ މޮޅުކޮށްދީފަ އެވެ.

މުޅި މެޗުގައި ކަަހަލަ ގޮތަކަށް މާޓީނޭޒް ކުޅެން ޖެހުނީ ޕްރެޝަރެއްގަ އެވެ. އެއީ ވޯލްޑް ކަޕް ފައިނަލުގެ ހިތްހަމަނުޖެހުމުގެ ޝުއޫރުތައް، ފްރާންސްގެ ސަޕޯޓަރުން ވަނީ ފާޅުކޮށް، މާޓީނޭޒާ ދެކޮޅަށް އަޑުއުފުލައިފަ އެވެ. މެޗުގައި ވަގުތު ބޭކާރު ކުރާތީ، މާޓީނޭޒަށް ރީނދޫ ކާޑެއް ދެއްކި އެވެ. އަދި ޕެނަލްޓީ ތެރެއިން ސަޕޯޓަރުންނަށް އިޝާރާތްކޮށް ކަމެއް ކުރުމުން ދެ ވަނަ ރީނދޫ ކާޑެއް ދެއްކި އެވެ. އެކަމަކު، ޕެނަލްޓީގައި ދައްކާ ކާޑަކީ ވަކި ކާޑެއް ކަމަށްވާތީ، މާޓީނޭޒަށް ރަތް ކާޑެއް ނުދައްކަ އެވެ.

ސެމީ ފައިނަލުގައި ވިލާ ކުޅޭނީ އޮލިމްޕިއާކޯސްއާ އެެވެ.