Advertisement

ކްރެޑިޓް ނަގަން ނޫޅުއްވާ، މިނިވަންވުމުގައި މި ސަރުކާރުގެ އިހުސާންތެރިކަމެއް ނެތް: ޔާމީން

19 އޭޕްރީލް 2024 - 11:28 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް ދެއްވި ފުރަތަމަ ބަސްދީގަތުން: ފޮޓޯ: އިޔާދު އަބްދުލްވައްހާބް / އަދަދު


ކްރެޑިޓް ނަގަން ނޫޅުއްވާ، މިނިވަންވުމުގައި މި ސަރުކާރުގެ އިހުސާންތެރިކަމެއް ނެތް: ޔާމީން

19 އޭޕްރީލް 2024 - 11:28 0

ރިޝަވަތު ހިފުމާއި މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން އިއްޔެ ބާތިލު ކުރުމުގައި އަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި މިނިވަންވުމުގެ ކްރެޑިޓް ނަގަން ނޫޅުމަށް ޔާމީނު އިއްޔެ ގޮވައިލައްވައިފި އެވެ.

ޖަލު ހުމުގައި ހުންނަވާތާ 480 ދުވަހަށްފަހު ރޭ މިނިވަންވެވަޑައިގަތުމުން މިނިވަނެއްގެ ގޮތުގައި ޕީއެންއެފްގެ އޮފީހަށް ފުރަތަމަ ފަހަރަށް ވަޑައިގެން އެ ޕާޓީގެ މެންބަރުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކައިގެ ތެރެއިން އެމަނިކުފާނު ވިދާޅުވީ ޝަރީއަތް އަވަސް ކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރަންޖެހޭ ކަމެއް ކަމަކަށް ވީނަމަވެސް ޔާމީނުގެ މައްސަލަ އަވަސް ކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން މިނިވަންވުމުގެ ކްރެޑިޓު ނަގަން ނޫޅުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީން މަތިކޮށްފައި އޮތް 115 ވަނަ މާއްދާގެ ކަންތައްތަކުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި މައްސަލަތައް އަވަސް ކުރުމަށް އިރުޝާދު ދިނުމަކީ އޭނާ ކުރަންޖެހޭ ކަމެއް، އެއީ ހަމަ ގާނޫނުގެ ބާރު ދެމެހެއްޓުން، ގާނޫނު ނެގެހެއްޓުން އެއީ، އެއީ އޭނާ ކުރަންޖެހޭ ކަމެއް، އެހެންވީމާ އޭނާ ކުރަންޖެހޭ ކަމެއް ނުކުރައްވައިގެން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ އެއްގޮތަކަށް ވެސް މިއަދު މިކަން ހިނގައިގެން މިކަމުގެ ކްރެޑިޓް ނަގަން އުޅުއްވާނެ ކަމެއް ނެތް، އަޅުގަނޑުމެން ދިވެހި ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެ."

އެކަން އެހެން އޮއްވައި ޕީއެންސީގައި އިސްކޮށް ތިބި ބައެއް މީހުން ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރައްވަމުން ދާކަން ފާހަގަ ކުރައްވައި ޔާމީން ވަނީ އެހައި އުފާ ވެވަޑައިގަންނަވާ ބޭފުޅުން ސީދާ އެމަނިކުފާނަށް މެސެޖު ނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

"ދެން ހަމަ އަޅުގަނޑަށް ޓްވީޓުތައް އެބަ ފެނޭ، އަބްދުއްރަހީމް މުއިއްޒުއަށް ޝުކުރު އެބަ އަދާ ކުރައްވާ، ރައީސް [ޔާމީން] މިނިވަންވެގެން ދެއްތޯ؟ ދެން އަޅުގަނޑުގެ ވާހަކައަކީ އެބޭފުޅުން އެހައި އުފާ އެވަނީ އަޅުގަނޑު މިނިވަންވެގެން ކަމަށް ވަންޏާ ކީއްވެގެންބާ އެއިން ބޭފުޅަކަށް އެ ވާހަކަ އަޅުގަނޑު ކައިރީ ބުނެލަން ނުކެރިގެން އެއުޅެނީ؟," ޔާމީން ވިދާޅުވި އެވެ.

"އެހެންވީމާ ދެން އެމީހުން އެމީހުންނަށް ޝުކުރު އަދާ ކުރޭ، އެއީ މައްސަލައެއް ނޫން، އެމީހުން ޝުކުރު އަދާ ކުރޭ، އެކަމަކު އަޅުގަނޑު އިނގޭތޯ، މި ލުއި ލިބުނު މީހާ، އަޅުގަނޑެއް ގަބޫލެއް ނުކުރަން އެބޭފުޅުންގެ އިހުސާންތެރިކަމެއް މިކަމުގައި އޮތް ކަމަކަށް."

ޔާމީން މި މޭރުމުން ވާހަކަދެއްކެވިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ އިސްކޮށް ތިއްބެވި އެތައް ބަޔަކު ވަނީ ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން ރައީސް މުއިއްޒުއަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ޔާމީން މިނިވަންވެވަޑައިގަތުމަކީ ލިބުނު އުފަލެއް ކަމަށް އޭގެ ތެރެއިން ގިނަ ބަޔަކު ސިފަ ކޮށްފައިވެ އެވެ.

އެހެން ނަމަވެސް ޔާމީނު މިނިވަންވެވަޑައިގަތުމުން އެމަނިކުފާނަށް ރައީސް މުއިއްޒު މަރުހަބާ ވިދާޅުވެފައެއް ނުވެ އެވެ. ޔާމީން މިނިވަންވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ރައީސް ރޭ ދެއްވި ސްޕީޗު 30 މިނެޓަށް ދިގުދެމިގެންދިޔައިރު، އެ ވަހަކައިގައި ޔާމީނުގެ ނަން ވެސް ހިމަނައި ނުލައްވަ އެވެ.