Advertisement

މަޖިލިސް އިންތިހާބުގައި ތިމާގެ އާއިލާއަށްވުރެ ވެސް އިސްކުރަންވީ ސަރުކާރު ކެންޑިޑޭޓުން: ރައީސް

19 އޭޕްރީލް 2024 - 00:09 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ޕީއެންސީގެ ކެންޑިޑޭޓަކާއެކު : ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި އާއިލާއަށްވުރެވެސް އިސްކުރަންވީ ސަރުކާރު ކެންޑިޑޭޓުން ކަމަށް - ފޮޓޯ: އަދަދު


މަޖިލިސް އިންތިހާބުގައި ތިމާގެ އާއިލާއަށްވުރެ ވެސް އިސްކުރަންވީ ސަރުކާރު ކެންޑިޑޭޓުން: ރައީސް

19 އޭޕްރީލް 2024 - 00:09 4

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ އާއިލާއަށްވުރެ ވެސް ރައްޔިތުން އިސްކުރަންވީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތެރޭގައި އެކި ކަހަލަ ހިޔާލުތަފާތުވުން ހުންނާނެކަން ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިވަގުތުވީ އެކަންކަން އެކަހެރި ކުރަންވީ ވަގުތު ކަމަށެވެ.

އާއިލާގެ ތެރޭގައި ވެސް މައްސަލަތަކެއް ހުރެދާނެ ކަމަށާއި އެހެންނަމަވެސް މިވަގުތު އިސްކުރަންވީ އާއިލާއަށްވުރެ ގައުމީ މަސްލަހަތު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގަ ހުރި ހުރިހާ ހިޔާލުތަފާތުވުމެއް ދޫކޮށްލަން އެބަޖެހޭ. އެއީ އާއިލީގޮތުން މިސާލަކަށް ހުރެދާނެ އަޅުގަނޑުމެންގެ ކެންޑިޑޭޓު ހުއްޓަސް، އަޅުގަނޑުމެންގެ އާއިލާގެ ތެރެއިން ހުރެދާނެ އަނެއް ޕާޓީ މީހަކު ނުކުމެފަ. ދޫކޮށްލައްވާ، އާއިލާއެއް ނޫން މިވަގުތު އެކަހަލަ ހާލަތްތަކުގަ އިސްކުރަން ޖެހޭނީކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާއިލާ އިސްކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށާއި ނަމަވެސް މިވަގުތު އިސްކުރަން ޖެހެނީ ގައުމުގެ ހައްގުގަ ނިންމަންޖެހޭ ކަންކަން ކަމަށެވެ. އެންމެ ފުރަތަމަ ގައުމޭ އެމަނިކުފާނު ވިދާޅުވަނީ އެހެންވެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައިވެސް ފެނުނީ ގައުމު ގޯސްމަގުން ދަނިކޮށް ރައްޔިތުން ނިންމުން ނިންމީ ގައުމީ މަސްލަހަތު އިސްކޮށްގެން ދިން ވޯޓަކުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭގަ އާންމުކޮށް، ހާއްސަކޮށް މަޖިލިސް އިންތިހާބުގަ، ކައުންސިލް އިންތިހާބުގަ މި އޮންނަނީ ވަރަށް ބޮޑަށް ކުރިން އަޅުގަނޑުމެން އިޝާރާތްކުރި ކަހަލަ މަސްލަހަތުތައް އިސްކުރެވިފަ. އާއިލީ މަސްލަހަތު، ރައްޓެހިކަމުގެ މަސްލަހަތު ނުވަތަ ތިމަންނައަށް ކުރިން ކަމެއް ކޮށްދިން މީހާގެ މަސްލަހަތު، ނޫން، [އެކަން ގޯސް]" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއެއް ސަރުކާރުން ތާއީދު ކުރާ ކެންޑިޑޭޓުންނަށް ލިބިއްޖެ ނަމަ ރައްޔިތުންގެ ފުދުންތެރިކަން ޔަގީންވާނެ ކަމަށެވެ.

"ކުރިއަށް މިއޮތީ އުފާވެރި ދުވަސްތައް އިރާދަކުރެއްވިއްޔާ. އެހެންވީމަ ކީއްކުރަންތޯ އަޅުގަނޑުމެން ވަގުތު ބޭކާރުކޮށްލަންވީ. އެހެންވީމަ 21 ވަނަ ދުވަހު އަޅުގަނޑުމެންގެ 93 ދާއިރާއަށް ކުރިމަތިލައްވާފައިވާ އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައިދެއްވަންވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.