Advertisement

ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި

17 އޭޕްރީލް 2024 - 18:24 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި

17 އޭޕްރީލް 2024 - 18:24 2

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ނިންމާލިތާ ތިން މަސް ފަހުން އެ މައްސަލައިގެ ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފި އެވެ.

ހައިކޯޓުން ބުނީ ޔާމީނުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މާދަމާ މެންދުރު ފަހު 1:00 އަށް ތާވަލުކޮށްފައިވާ ކަމަށެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ހިމެނޭ އެ މުއާމަލާތުގެ ތެރެއިން، 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ.

ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށް ހިންގި ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ.

އެ މައްސަލާގައި ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތައް ގިނަ އެވެ. އަދި އެ ނުކުތާތައް އިއްވުމަށާއި އެއަށް ދައުލަތުން ހުށަހެޅި ރައްދުގެ ނުކުތާތައް އިއްވުމާއި ތަފްސީލްކުރުމަށް 12 އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުންތަކުގެ ލައިވް ސްޓްރީމިން ގަޑިއިރުގެ ނިސްބަތް، 35 ގަޑިއިރު އަރަ އެވެ. އެއީ އެކަމަކު، ހުސް ވަގުތުތައް ވެސް ހިމެނޭ ގޮތަށެވެ.

އެހެންކަމުން ހުކުމް ކަނޑައެޅުމުގެ ކުރިއަށް، ދިރާސާ ކުރުމާއި ބަޔާންތައް ތައްޔާރު ކުރަން ވެސް ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވެ އެވެ.

އެގާރަ އަހަރުގެ ޖަލުހުކުމެއް އޮތް ނަމަވެސް ޔާމީނު މިހާރު ހުންނެވީ ރަށު ބަންދުގަ އެވެ. ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު ޔާމީނު ފުރަތަމަ ބަދަލުކުރީ ގޭބަންދަށެވެ. ފަހުން އިތުރު ލުއިތައް ދީ، މިހާރު ހުންނެވީ މާލޭގެ ގިނަ ތަންތަނަށް ވަޑައިގެންނެވޭ ގޮތަށެވެ.