Advertisement

ރެއާލް މެޑްރިޑް ދެކެ ބިރެއް ނުގަނޭ: ގާޑިއޯލާ

17 އޭޕްރީލް 2024 - 11:16 0


ރެއާލް މެޑްރިޑް ދެކެ ބިރެއް ނުގަނޭ: ގާޑިއޯލާ

17 އޭޕްރީލް 2024 - 11:16 0

މެންޗެސްޓާ (އޭޕްރީލް 17) - ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ކާމިޔާބު ރެކޯޑެއް އޮތް ނަމަވެސް، އެ ޓީމު ދެކެ ބިރު ނުގަންނަ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ރެއާލްއާ ދެކޮޅަށް ސިޓީ ނުކުންނާނެ އެވެ. ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެނެވެ.

ސިޓީ އާއި ރެއާލް ވަނީ އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ތިން މުބާރާތުގައިވެސް ކުރިމަތިލައިފައެވެ.

މިދިޔަ ސީޒަންގެ ސެމީ ފައިނަލްގައި ސިޓީން ރެއާލް ކަޓުވާލިއިރު، އޭގެ ކުރީ އަހަރު ސެމީގައި ކުރި ހޯދީ ރެއާލް އެވެ.

ޗެމްޕިއަންސް ލީގު 14 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލް ވަނީ އެންމެ ފަހުން އޮތް 13 ޗެމްޕިއަންސް ލީގުގެ މުބާރާތުގައި 11 ފަހަރު ސެމީން ޖާގަ ހޯދައިފަ އެވެ.

މި މުބާރާތުގައި ރެއާލްގެ ރެކޯޑް ރަނގަޅު ނަމަވެސް، އެ ޓީމުގެ ދެކެ ބިރު ނުގަންނަ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ،

"އަހަރެން ރެއާލް އަށް ވަރަށް އިހުތިރާމްކުރަން. ވަރަށް ފަހަރު އެ ޓީމާ ދެކޮޅަށް ނުކުތިން. އެކަމަކު ރެއާލް ދެކެ ބިރެއް ނުގަނޭ،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ސީޒަންގައި ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރުން، ޕްރިމިއާ ލީގާއި އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. މި ސީޒަންގައިވެސް އެ ޓީމަށް ތިން ތަށި ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.