Advertisement

ޗެމްޕިއަންސް ލީގު ހޯދައިފިނަމަ ކާމިޔާބު ސީޒަނަކަށްވާނެ: ކޭން

17 އޭޕްރީލް 2024 - 11:20 0


ޗެމްޕިއަންސް ލީގު ހޯދައިފިނަމަ ކާމިޔާބު ސީޒަނަކަށްވާނެ: ކޭން

17 އޭޕްރީލް 2024 - 11:20 0

މިއުނިކް (އޭޕްރީލް 17) - މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ތަށި ބަޔާން މިއުނިކް ހޯދައިފިނަމަ، މިއީ އެ ކްލަބަށް ކާމިޔާބު ސީޒަނަކަށްވާނެ ކަމަށް އެ ޓީމުގެ ފޯވަޑް ހެރީ ކޭން ބުނެފި އެވެ.

ޗެމްޕިއަންްސް ލީގުގެ ކުއާޓަ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ބަޔާން އަމިއްލަ ދަނޑުގައި ނުކުންނާނެ އެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެނެވެ.

ބަޔާންގައި ހޭދަކުރާ ފުރަތަމަ ސީޒަންގައި ކޭން، 30، ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް، މި ސީޒަންގެ ޖަރުމަން ލީގު ބަޔާނަށް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ. ފާއިތުވި 11 އަހަރު ޖަރުމަން ލީގު ކާމިޔާބުކުރި ބަޔާން ފަހަތަށް ޖައްސާލައި، މި ސީޒަންގައި ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދީ ބަޔާ ލޭވަކޫސަން އެވެ.

ބަޔާނަށް މި ސީޒަންގައި ތައްޓެއް ހޯދުމަށް އޮތް ފަހު ފުރުސަތަކީ ޗެމްޕިއަންސް ލީގެވެ. ބަޔާން އެންމެ ފަހުން ހުސްއަތާ ސީޒަނެއް ނިންމާލީ 2012 ވަނަ އަހަރެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޭން ބުނީ މި ސީޒަންއަކީ ކާމިޔާބު ސީޒަނަކަށް ހެދުމަށް މިހާރު އޮތް ހަމައެކަނި ގޮތަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށެވެ.

"ބަޔާން އަކީ އަބަދުވެސް މޮޅުވާން ބޭނުންވާ ޓީމެއް. އެހެންވީމަ މި ސީޒަންގައި ތައްޓެއް ނުލިބިއްޖެނަމަ، މި ސީޒަން އޮންނާނީ ފެއިލްވި ސީޒަނެއްގެ ގޮތުގައި. އެކަމަކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިނަމަ މިއީ ކާމިޔާބު ސީޒަނަކަށްވާނެ،" ކޭން ބުންޏެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ކަމަށްވާ ކޭން މި ސީޒަންގައި ބަޔާނަށް ބަދަލުވީ ޓޮޓެންހަމް ހޮޓްސްޕާގައި ގިނަ އަހަރުތަކެއް ހޭދަކުުރުމަށްފަހު އެވެ. ޓޮޓެންހަމްގެ ޖޯޒީ އާސެނަލްއާ ދެކޮޅަށް ކުޅުނު 19 މެޗުން އޭނާ ވަނީ 14 ލަނޑު ޖަހައިފަ އެވެ.

އާސެނަލްއާ ދެކޮޅަށް ބަޔާން މިރޭ ނުކުންނައިރު، އެ ޓީމުގެ ސާޖް ގްނާބްރީ އާއީ ކިންގްސްލީ ކޯމަން އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވެ އެވެ. އަދި އަލްފޮންސޯ ޑޭވީސް ވަނީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. އެކަމަކު، ޖަރުމަން ލީގުގައި އެންމެ ފަހުން ބަޔާން ކުޅުނު މެޗުގައި ނުކުޅެވުނު ލެރޯއީ ސާނޭ އާއި ގޯލްކީޕަރު މެނުއަލް ނޯޔާ އަށް މިރޭގެ މެޗުގައި ކުޅެވޭނެ އެވެ.