Advertisement

ޒުވާން ތަރި ޒަޔާން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލް އަށް

17 އޭޕްރީލް 2024 - 08:00 0


ޒުވާން ތަރި ޒަޔާން ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލް އަށް

17 އޭޕްރީލް 2024 - 08:00 0

ގައުމީ ބެޑްމިންޓަން ސްކޮޑުގައި ހިމެނޭ ޒުވާން ތަރި ހަސަން ޒަޔާން، ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ރިވައިވަލް ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެެވެ.

މަޑަގަސްކަރާގައި މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީމު އިވެންޓުން ރިހި މެޑަލް ހޯދި ގައުމީ ސްކޮޑުގައި ހިމެނޭ ޒަޔާން އަކީ، ގައުމީ ޓީމުގައި މިދިޔަ އަހަރުތަކުގައި ހިމެނިގެން އެހެން މުބާރާތްތަކުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ޒަޔާން އަކީ، 2021 ވަނަ އަހަރުގެ ގައުމީ ބެޑްމިންޓަން މުބާރާުތުގެ ދެ ވަނަ ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަނެވެ.

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޒަޔާން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ރިވައިވަލް އިން ބުނީ ޒަޔާން އެ ކްލަބްގެ ހައި ޕާފޯމަންސް ޓީމާ ގުޅުމަކީ މުސްތަގުބަލަށް ބަލާއިރު އެ ޓީމަށް ފައިދާ ބޮޑު ކަމެއް ކަމަށާއި ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ އަށް ކާމިޔާބު ހޯދައިދޭން މީގެއިން ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި އެންމެ ރަނގަޅަށް ހިންގަމުން އަންނަ ބެޑްމިންޓަން ކްލަބް، ރިވައިވަލް އިން ވަނީ މީގެ ކުރިން ވެސް އެ ކްލަބްގެ އެތުލީޓުންނަށް ސްކޮލަޝިޕް ފުރުސަތު ފަހިކޮށްދީފަ އެވެ. އެ ގޮތުން، މީގެ ކުރިން ގައުމީ ޗެމްޕިއަންކަން ހޯދި އަހުމަދު ތޯއިފް އަށް އެއް އަހަރު ދުވަހުގެ ސްކޮލަޝިޕެއް ފޯރުކޮށްދިނެވެ. ތޯއިފް މި ސްކޮލަޝިޕްގެ ދަށުން ވަނީ އިންޑިއާގެ ހައި ޕާފޯމަންސް ސެންޓަރެއްގައި ތަމްރީންތައް ހަދައި، މުބާރާތްތަކުގައި ވެސް ކުޅެފަ އެވެ.

ރިވައިވަލް އިން ވަނީ ވ. ކެޔޮދު އަށް ނިސްބަތްވާ ޒުވާން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އަލީ ވެސް ޓްރެއިނިން ސްކޮލަޝިޕެއްގައި ތަމްރީންކޮށްފަ އެވެ. ރިވައިވަލް އިން ދިން ފުރުސަތެއްގައި ހައިޝަމް ވަނީ ޔޫރަޕްގައި ކުރިއަށްދިޔަ ޖޫނިއާ މުބާރާތެއްގައި ވެސް ވާދަކޮށް، ކުރިއެރުން ހޯދައިފަ އެވެ.