Advertisement

ގުޅީފަޅު ހިއްކާ ނިންމާލައިފި

16 އޭޕްރީލް 2024 - 19:22 0

އަމަން ހަލީމް

އަމަން ހަލީމް

ގުޅީފަޅުން އަލަށް ހިއްކި ސަރަހައްދު: މި މަޝްރޫއުގެ އެއްކޮށް ނިމޭނީ ހިއްކި ސަރަހައްދު ހިމާޔަތްކުރަން ރިވެޓުމަންޓު ޖަހައި ނިމުމުން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ


ގުޅީފަޅު ހިއްކާ ނިންމާލައިފި

16 އޭޕްރީލް 2024 - 19:22 0

ވިޔަފާރި ބަނދަރެއް އެޅުމަށާއި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ބޭނުމުގައި ކުރީ ސަރުކާރުން ފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު އެއްކޮށް ނިންމާލެއްވިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ ޔޫރަޕުގެ ބޭންކުތަކަކުން ލޯނު ނަގައިގެން، ސަރުކާރުގެ ބަޖެޓުން ވެސް ހަރަދުކުރާ ގޮތަށް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން އެ ފަޅުން 192 ހެކްޓަރު ހިއްކާފައިވެ އެވެ. މި މަޝްރޫއު ނިމުނުކަން އިއުލާންކޮށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، ބިން ހިއްކުމުގެ މަސައްކަތް ނިންމާލީ އިއްޔެ ކަމަށެވެ.

ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން ހިންގި ގުޅީފަޅު މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ވެލި ބޭނުންކޮށްގެން ހިންގުނު ބިން ހިއްކުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ މި މައްސަލަ އޮތީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ކުރިން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރާ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ގުޅީފަޅު ދިރިއުޅުމުގެ ބޭނުންތަކަށް ހާއްސަކޮށްފަ އެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފަ އެވެ.

ބިން ބޮޑުކުރަން ނިންމުމާއެކީ ސަރުކާރުން ވަނީ ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައި ހުރި ބައެއް ގޯތިތައް ގުޅީފަޅަށް ބަދަލުކުރަން ވެސް ނިންމާފަ އެވެ. ނަމަވެސް ބަދަލުކުރަން ބޭނުންވާ ބައެއް ގޯތިތަކާއި ކުރިން ގުޅީފަޅުން ދޫކޮށްފައި ހުރި ބައެއް ގޯތިތައް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާ ސަރަހައްދަކީ އަދި ހިއްކަން ނުފަށާ ސަރަހައްދެކެވެ.

ސަރުކާރުން އޭރު ބުނީ، މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން ގުޅީފަޅަށް އިތުރުކުރާ 85 ހެކްޓަރުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.