Advertisement

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

16 އޭޕްރީލް 2024 - 13:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުމެއްގައި ސޮއިކުރައްވަނީ. އެންޓި ޑިފެކްޝަން ބިލް ތަސްދީގުކޮށްފި - ފޮޓޯ: ރައީސް އޮފީސް


ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރައްވައިފި

16 އޭޕްރީލް 2024 - 13:42 0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ އިސްތިއުފާ ދޭން ޖެހޭ ގޮތަށް ފާސްކުރި "އެންޓި ޑިފެކްޝަން" ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކޮށްފި އެވެ.

އެ ބިލު ރައީސް ތަސްދީގު ކުރި ކަން އަދި ސަރުކާރުގެ ގެޒެޓުގައި ގާނޫނެއްގެ ގޮތުގައި ޝާއިއުކޮށްފައިވާ ކަން، ރައީސް އޮފީހުގެ ވެބްސައިޓުގައި ދެންމެ ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރީ ވެސް މި ހިނގާ އޭޕްރީލް އެކެއްގަ އެވެ. ޖެމްސް ސިސްޓަމް މެދުވެރިކޮށް ރައީސް އޮފީހަށް އެ ބިލު ފޮނުވާފައިވެ އެވެ.

އެހެންވެ މިއަދުގެ ނިޔަލަށް ބިލު ތަސްދީގުކުރުމާ މެދު ގޮތެއް ނިންމަން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މުއްދަތު ހަމަވެ އެވެ.

ރައީސް މިއަދު ބިލު ތަސްދީގުކޮށްފައިމިވަނީ ބިލުގެ މުއްދަތު ގުނާ ތާރީހާ މެދު ހިލާފެއް ސަރުކާރު ހިންގާ ޕީއެންސީން އުފައްދާފައިވަނިކޮށެވެ. އެއީ ބިލުގެ ހާޑްކޮޕީ ރައީސް އޮފީހަށް ލިބުނީ މި މަހުގެ ހަތްވަނަ ދުވަހު ކަމަށް ބުނެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ އެމްޑީޕީން ނަވާރަވަނަ މަޖިލީހުގެ އިިންތިހާބުގެ ކެމްޕެއިނަށް ހުށަހެޅި ލެޖިސްލޭޓިވް އެޖެންޑާގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އެކަމަކު އެ ޕާޓީން ވެސް އެ ބިލު ހުށަހެޅީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވީ ފަހުންނެވެ.

ބިލުގައި ބުނާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ އެވެ.

ޕާޓީން ވަކިކޮށްފި ހާލަތެއްގައި ހަތް ދުވަހުގެ ތެރޭގައި މެމްބަރަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް އެ ބިލުގައި އޮވެ އެވެ. އަދި, ކޯޓުން މެމްބަރަކާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އީސީން މަޖިލީހަށް އެންގުމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އެބަ އޮތެވެ.