Advertisement

ޑޯޓްމަންޑަކީ އަމިއްލަ ދަނޑުގައި ވަރަށް ވަރުގަދަ ޓީމެއް، މެޗު ފަސޭހައެއްނުވާނެ: ސިމިއޯނީ

16 އޭޕްރީލް 2024 - 15:25 0


ޑޯޓްމަންޑަކީ އަމިއްލަ ދަނޑުގައި ވަރަށް ވަރުގަދަ ޓީމެއް، މެޗު ފަސޭހައެއްނުވާނެ: ސިމިއޯނީ

16 އޭޕްރީލް 2024 - 15:25 0

މިއުނިކް (އޭޕްރީލް 16) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ނުކުންނައިރު، އަމިއްލަ ދަނޑުގައި ޑޯޓްމަންޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި މެޗު ފަސޭހަނުވާނެ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.

މިދިޔަ ހަފުތާގައި އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު އެތުލެޓިކޯ ކާމިޔާބުކުރީ 2-1 އިންނެވެ.

ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީގެ ޖާގައެއް ހޯދަން އެތުލެޓިކޯ އިން އަމާޒު ހިފާފައި އޮތް ނަމަވެސް، ޑޯޓްމަންޑްގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ފަސޭހަނުވާނެކަން ސިމިއޯނީ އަށް ވެސް އެނގެ އެވެ.

"ޑޯޓްމަންޑަކީ އަމިއްލަ ދަނޑުގައި ވަރަށް ވަރުގަދަ ޓީމެއް. ވަރަށް މަތީ ޓެމްޕޯއެއްގައި އެމީހުން މެޗު ފަށާނީވެސް. އަހަރަމެން ޖެހޭނީ އެންމެ ފަހުން މި ކުޅުނު ދެ ތިން މެޗުގައި ކުޅުނު ގޮތަށް ކުޅެން،" ސިމިއޯނީ ބުންޏެވެ،

"ވަރަށް ރަނގަޅު ކުޅުންތެރިން އެ ޓީމުގައި އެބަތިބި. އޭގެން ކޮންމެ ކުޅުންތެރިއަކަށް އަހަރެން ވިސްނަންޖެހޭ."

އެކަމަކު ސިމިއޯނީ ބުނީ އޭނާގެ އަމިއްލަ ޓީމަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި ސެމީ ފައިނަލްގެ އުންމީދު ބޮޑު ކަމަށެވެ.

"ކުޅުންތެރިންނާމެދު އިތުބާރު އެބައޮތް. އަހަންނަށް ހީވަނީ މާދަމާ ރޭ (މިރޭ)ގެ މެޗު އަހަރަމެންނަށް ރަނގަޅުވާނެ ކަމަށް،" ސިމިއޯނީ ބުންޏެވެ.

ޑޯޓްމަންޑް ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ 00:00 ގަ އެވެ.