Advertisement

ޕާމާގެ ހަތަރު ގޯލާ އެކު ޗެލްސީ އަށް ބޮޑު މޮޅެއް

16 އޭޕްރީލް 2024 - 08:09 0


ޕާމާގެ ހަތަރު ގޯލާ އެކު ޗެލްސީ އަށް ބޮޑު މޮޅެއް

16 އޭޕްރީލް 2024 - 08:09 0

ލަންޑަން (އޭޕްރީލް 16) - އިނގިރޭސި ޕްރިމިއާ ލީގުގައި ކޯލް ޕާމާގެ ހަތަރު ގޯލާ އެކު، ޗެލްސީން 6-0 އިން އެވަޓަން އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

މިއީ މި ސީޒަނުގައި ޗެލްސީން އެންމެ ފަރަގު ބޮޑުކޮށް ލީގުގައި މޮޅުވި މެޗެވެެ. މި މެޗު ފަށައިގެން 29 މިނިޓް ތެރޭ ޕާމާ ވަނީ ހެޓްރިކް ހަދައިފަ އެވެ. ސިޓީ ދޫކޮށް، ޗެލްސީގައި ތަފާތު ދައްކަމުން އަންނަ ޕާމާ، 21، ކާމިޔާބުކުރި ކޮންމެ ގޯލެއްގައި ވެސް އިންޑިވިޖުއަލީ އޭނާގެ މަސައްކަތް ފާހަގަކުރެވުނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިކޮލަސް ޖެކްސަން ވަނީ އިތުރު ގޯލެއް ޖަހައި، ޗެލްސީގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މެޗުގައި ޗެލްސީން ޖެހި ފަސް ވަނަ ގޯލު ކާމިޔާބުކުރީ ޕެނަލްޓީ އަކުން، ޕާމާ އެވެ. ޕާމާ، ހެޓްރިކް ހަދައިފައި އޮތުމުން މި ޕެނަލްޓީ ޖަހަން ޗެލްސީގެ ނޯނީ މަޑުއޭކޭ އާއި ޖެކްސަން މަސައްކަތް ކުރުމުން ކޮންމެ ވެސް ވަރެއްގެ ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ. އެކަމަކު، ޕެނަލްޓީ ކާމިޔާބުކޮށް، ޕާމާ ވަނީ އެ ކްލަބްގެ ތާރީހުގައި ލީގުގެ އެއް މެޗެއްގައި ހަަތަރު ގޯލު ޖެހި ތިން ވަނަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެެވެ. ޗެލްސީ އަށް ކުޅެމުން ލީގުގެ އެއް މެޗެއްގައި މީގެ ކުރިން ހަތަރު ގޯލު ޖެހީ، ފްރޭންކް ލަމްޕާޑް ދެ ފަހަރެއްގެ މަތިންނާއި ޖިމީ ފްލޮއިޑް ހަސަލްބައިންކް އަދި ޖިއަންލޫކާ ވިއާލީ އެވެ.

މި މެޗުގައި ޖެހި ހަތަރު ގޯލާ އެކު، ޕާމާ ވަނީ ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތް ސިޓީގެ އާލިން ބްރައުޓް ހާލަންޑާ އެއްވަރުކޮށްފަ އެވެ.

ޗެލްސީގެ ހަ ވަނަ ލަނޑު ޖެހީ، އިތުރު ވަގުތުގައި މާކް ކުކުރޭއާ ދިން ބޯޅައަކުން އަލްފީ ގިލްކްރިސްޓު އެވެ.

މި މޮޅާ އެކު ޗެލްސީ އޮތީ 31 މެޗުން 47 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. އެވަޓަން އޮތީ 32 މެޗުން 27 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.