Advertisement

އެޕްރީލް އެކެއްގައި އެންޓި ޑިފެކްޝަން ބިލް އޮންލައިންކޮށް ރައީސް އޮފީހަށް ފޮނުވި، ތާރީހާ މެދު ހިލާފު އުފެދިއްޖެ

15 އޭޕްރީލް 2024 - 18:58 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: އެންޓި ޑިފެކްޝަން ބިލް އޮންލައިންކޮށް ފޮނުވި ތާރީހު ތަފާތުވުން ތާރީހާ މެދު ހިލާފެއް އުފެދިއްޖެ - ފޮޓޯ: މަޖިލިސް


އެޕްރީލް އެކެއްގައި އެންޓި ޑިފެކްޝަން ބިލް އޮންލައިންކޮށް ރައީސް އޮފީހަށް ފޮނުވި، ތާރީހާ މެދު ހިލާފު އުފެދިއްޖެ

15 އޭޕްރީލް 2024 - 18:58 1

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ އިސްތިއުފާ ދޭން ޖެހޭ ގޮތަށް ފާސްކުރި "އެންޓި ޑިފެކްޝަން" ބިލު ރައީސް އޮފީހަށް ލިބުނީ މި މަހު ހަތްވަނަ ދުވަހު ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނި ނަމަވެސް އޮންލައިންކޮށް ފުރަތަމަ ދުވަހު ފޮނުވިކަން އެނގިއްޖެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި މި މަހުގެ ފުރަތަމަ ދުވަހު ޖެމްސް ސިސްޓަމް މެދުވެރިކޮށް އެ ބިލު ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ. އެހެންވެ ގާނޫނު އަސާސީން ބިލަކާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ލިބިވަޑައިގަންނަވާ 15 ދުވަސް މާދަމާއަށް ހަމަވާނެ ކަމަށް މަޖިލީހުން ދެކެ އެވެ.

ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރީ ވެސް މި ހިނގާ އޭޕްރީލް އެކެއްގަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީގެ ކެމްޕެއިން ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވާ ގޮތުގައި އޭޕްރީލް ހަތްވަނަ ދުވަހު ރައީސް އޮފީހަށް ލިބުނީ ބިލުގެ ހާޑު ކޮޕީ އެކެވެ. އެހެންވެ ސަރުކާރުން ބަލަނީ މުއްދަތު ހަމަވާނީ ހާޑު ކޮޕީ ލިބުނު ތާރީހުން ފެށިގެން 15 ދުވަހަށެވެ.

އެހެންކަމަށްވާނަމަ މުއްދަތު ހަމަވާ ތާރީހަކީ މި އޭޕްރީލް މަހުގެ 22، އެވެ.

"އުސޫލެއްގެ ގޮތުން މަޖިލީހުން ރައީސް އޮފީހަށް ބިލްތައް ފޮނުއްވަން ޖެހެނީ އެ ބިލެއްގެ ހާޑްކޮޕީ," ހީނާ އެ ދުވަހު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ބިލް ތަސްދީގު ކުރަން ލިބޭ މުއްދަތު ހަމަވާ ތާރީހާ މެދު ފުށުއެރުމެއް އުފެދިފައިވާއިރު މި ހާލަތުގައި ރައްޔިތުންގެ މަޖިލީހުން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ އެމްޑީޕީން ނަވާރަވަނަ މަޖިލީހުގެ އިިންތިހާބުގެ ކެމްޕެއިނަށް ހުށަހެޅި ލެޖިސްލޭޓިވް އެޖެންޑާގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އެކަމަކު އެ ޕާޓީން ވެސް އެ ބިލު ހުށަހެޅީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވީ ފަހުންނެވެ.

ބިލުގައި ބުނާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭނެ އެވެ.

ޕާޓީން ވަކިކޮށްފި ހާލަތެއްގައި ހަތް ދުވަހުގެ ތެރޭގައި މެމްބަރަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް އެ ބިލުގައި އޮވެ އެވެ. އަދި, ކޯޓުން މެމްބަރަކާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އީސީން މަޖިލީހަށް އެންގުމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އެބަ އޮތެވެ.