Advertisement

އިންތިހާބާ ދިމާކޮށް ސިޔާސީ އާ މަގާމެއް އުފައްދައި، މީހުން އައްޔަން ކުރަނީ

15 އޭޕްރީލް 2024 - 08:29 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސިޔާސީ މުވައްޒަފުން 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އިންތިހާބާ ދިމާކޮށް ސިޔާސީ އާ މަގާމެއް އުފައްދައި، މީހުން އައްޔަން ކުރަނީ

15 އޭޕްރީލް 2024 - 08:29 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި އޮއްވައި ކުރިން ނޯންނަ ސިޔާސީ މަގާމެއް އުފައްދަައި، އެ މާގަމަށް ގިނަ އަދަދެއްގެ މީހުން އައްޔަން ކުރަމުންދާކަން އެނގިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން އުފެއްދި މަގާމަކީ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓާގެ މަގާމެވެ. އެ ވަޒީފާއަށް މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 15،000 އެއްހާ ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ މަގާމަށް މުވައްޒަފުން އައްޔަނު ކުރަމުންދާ ކަމަށް ވެސް އެނގިފައިވެ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބެލުމަށްފަހު މުވައްޒަފުން އައްޔަނު ކުރުމަށް މަގާމުތައް އުފައްދަމުންދާނެ ކަމަށެވެ.

ނަމަވެސް، އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓާގެ ނަމުގައި އާ މަގާމެއް އުފެއްދުމާ ގުޅޭ ގޮތުން ހަލީލް ސީދާ އެއްޗެއް ވިދާޅެއްނުވި އެވެ. އަދި އެ މަގާމު އުފެއްދި ސީދާ ތާރީހެއް ވެސް ވިދާޅެއްނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މާޗް މަހުން ފެށިގެން އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓާގެ މަގާމަށް މުވައްޒަފުން އައްޔަނު ކުރަމުން އަންނައިރު، މިހާތަނަށް ސްޕޯޓްސް މިނިސްޓްރީއަށް 11 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން ވަނީ އައްޔަނުކޮށްފަ އެވެ.

ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މި ނޫހާ ވާހަކަ ދައްކަވަމުން ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން ބޮޑަށް މަސައްކަތް ކުރާނީ ރަށްރަށުގެ ޕްރޮޖެކްޓްސްތަކުގައި ކަމަށާއި ގިނަ އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން ނެގީ ރަށްރަށުގެ ޔޫތު ސެންޓަރުތަކުގެ އިންޗާޖުންނަށް ކަމަށެވެ.

އޭގެ އިތުރުން އެހެން މިނިސްޓްރީތަކަށް ވެސް އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން މިދިޔަ މަހުން ފެށިގެން އައްޔަނު ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދާއި ތަފުސީލުތައް އާއްމުނުކުރަން ރައީސް އޮފީހުން ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހެވެ. އެ އިންތިހާބާ ދިމާކޮށް ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބައެއް މަދަނީ ބައެއް ޖަމިއްޔާތަކާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.

ވޯޓު ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި ޅ. ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމަށް ވެރިކަން ހިންގާ ޕީއެންސީގެ ޖަލްސާއެއްގައި ގޮވާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.