14 އޭޕްރީލް 2024 - 12:41 0
މުހައްމަދު ނަސީމް
ރައީސް ޑރ. މުހައްމަދު މުއިއްޒު: ރައީސް ވިދާޅުވަނީ ސަރުކާރު ހިންގޭނީ މަޖިލިސް ލިބިގެން ކަމަށް -- ފޮޓޯ: ރައީސް އޮފީސް
14 އޭޕްރީލް 2024 - 12:41 0
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ސަރުކާރަށް ނުދިނުމަކީ ރައްޔިތުން ތަރައްގީއަށް ހުރަސް އެޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ސިފަކުރައްވައިފި އެވެ.
ރަސްމީ ދަތުރެއްގެ ނަމުގައި ކުރައްވާ ކެމްޕެއިން ދަތުރެއްގައި ފ. ނިލަންދުއަށް ވަޑަައިގެން އެ ރަށުގައި އިއްޔެ ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ ދުރު ރާސްތާގައި ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހިދުމަތް ދެވޭނީ ސަރަހައްދުތަކެއް ތަރައްގީކޮށްގެން ކަމަށެވެ. ރިޔާސީ އިންތިހާބަށް ނެރުނު މެނިފެސްޓޯގައި އެ ވާހަކަ ހިމަނުއްވާފައި އޮންނާނެ ކަމަށާއި ރައްޔިތުން ވޯޓުދެއްވީ އެ މެނިފެސްޓޯއަށް ކަަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ވައުދުވެވަޑައިގެންފައި ވާނީ ރާއްޖޭގެ ހަތް ސަރަހައްދެއް އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރަން ކަމަށާއި އެއިން ކޮންމެ ސަރަަހައްދެއް އެއް ފެންވަރެއްގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ޕްލޭން ހުށަހެޅީ، އެ ޕްލޭން ރައްޔިތުން ބަލައިގަތީ. އެ ޕްލޭނާ އެކީގައި ރައްޔިތުން ދާން ނިންމީ، އެ ޕްލޭނާ އެކީގައި ރައްޔިތުންނާ އެކީގައި އަޅުގަނޑު ކުރިއަށް ދާނީ ވެސް އިރާދަކުރެއްވިއްޔާ. އެކަން ކުރަން ވެސް ނިންމީ ގާނޫނެއް ހަދައިގެން، ވިހި އަހަރުގެ މާސްޓަ ޕްލޭނެއް ހަދައިގެން،" ރައީސް ވިދާޅުވި އެވެ.
އެ މާސްޓާ ޕްލޭންގައިވާ އެއް އާބަން ސެންޓަރަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ނިލަންދު އެވެ.
"މާޔޫސްކަން ދޫކޮށްލައްވާ، އަދި ތިޔަ އެދިވަޑައިގެންނެވި ވަރަށް ވުރެ ގިނަ ކަންކަން އަޅުގަނޑުމެންގެ ޕްލޭންގައި އެބަހުރި. އެކަންކަމުގެ އިތުރަށް [ނިލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވި ކަންތައްތަކުގެ އިތުރަށް]، އެކި ސިނާއަތްތައް މިތަނުގައި ކުރިއަށް ގެންދެވޭ ވަރުގެ ފުރިހަމަ މާސްޓަޕްލޭނެއް އަޅުގަނޑުމެންގެ އޮތީ،" ރައީސް ވިދާޅުވި އެވެ.
ނިލަންދޫގެ ރައްޔިތުންނާއި ފ. އަތޮޅުގެ ރައްޔިތުން ފަހުރުވެރިވާ ފަދަ އާބަން ސެންޓަރަކަށް އެރަށް ހައްދަވައިދެއްވަން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.
"ނަމަވެސް މިކަމަށް ހުރަސްއެޅުމުގެ ބާރު ވެސް އޮތީ ރައްޔިތުންގެ އަތްމަތީގައި. މިއީ ސިޔާސީ ވާހަކައެއް ނޫން، މިއަތޮޅުގެ ދާއިރާތަކުގެ މަޖިލިސް ގޮނޑިތަކަށް ހޮވައިދޭ ބޭފުޅުންނަކީ، މިކަމަށް އަޅުގަނޑަށް ސަތޭކަ ޕަސެންޓް އެއްބާރުލުން ދޭނެ ބޭފުޅުންނަށް ރައްޔިތުން ނުހައްދަވައިފިއްޔާ ހަމަ ހުރަސް އެޅުވޭނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި މަޖިލީހުން ފެނުނީ އެކަމެވެ.
Comment