Advertisement

އޭސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލު ދޭން އިތުރު ވަގުތަށް އެދެފި

14 އޭޕްރީލް 2024 - 10:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭސީސީގެ ރައީސް ޝާމިލް : އޭސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލުދޭން އިތުރު މުއްދަތަށް އެދިއްޖެ - ފޮޓޯ: އަދަދު


އޭސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މައްސަލަތަކުގެ ތަފުސީލު ދޭން އިތުރު ވަގުތަށް އެދެފި

14 އޭޕްރީލް 2024 - 10:12 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަތަކުގެ އަދަދާއި ތަފުސީލު ދޭން އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެސީސީއިން ބަލަމުންދާ ރައީސް މުއިއްޒުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި ނޫހުން ހުށަހެޅީ މިދިޔަ މަހުގެ ފަހު ކޮޅެވެ.

ޖަވާބުގައި އޭސީސީއިން ބުނީ އެކަމުގެ ތަފުސީލު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށާއި އެގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ 21 ދުވަހުގެ އިތުރަށް 14 ދުވަހުގެ މުއްދަތެއް އިތުރުކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒުގެ 20 އަށްވުރެ ގިނަ މައްސަލަ އޭސީސީއިން ބަލަމުންދާ ކަމަށް "އަދަދު" އަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އެގޮތުން 2022 ގައި އޭސީސީއިން މައުލޫމާތު ދިން ގޮތުގައި އޭރު މާލެ ސިޓީ ކައުންސިލުގެ މޭޔަރުގެ ގޮތުގައި ހުންނެވި ރައީސް މުއިއްޒުގެ ހަ މައްސަލައެއް އޭރު ބަލަމުންދިޔަ ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

ފެބްރުއަރީ 13، 2022، ގައި އޭސީސީއިން އާންމު ފަރާތަކަށް ދީފައިވާ ޖަވާބުގައި ބުނެފައިވާ ގޮތުން، އޭރު ބަލަމުންދިޔަ މައްސަލަތަކުގެ ތެރޭގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވެއިރުގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިޔާ ފުލެޓު ލިސްޓާ ބެހޭ މައްސަލަތަކެއް ވެސް ހިމެނެ އެވެ.

އެގޮތުން ހިޔާ މަޝްރޫއު އެންމެ އަގުބޮޑު ޕްރޮޕޯސަލް ހުށަހެޅި ކުންފުންޏާ ހަވާލުކުރެއްވި ކަމަށް ބުނާ މައްސަލައަކާއި ފުލެޓު ލިސްޓުގައި އޮޅުވާލުން ހިންގެވި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު އަމިއްލަ މަންފާއަށް މަޝްރޫއުތައް ކުންފުނިތަކަށް ދިން މައްސަލައެއް ވެސް ހިމެނެ އެވެ.

އޭރު އެ ހުރިހާ މައްސަލައެއް ވެސް ދިޔައީ ތަހުގީގުކުރަމުން ކަމަށް އޭސީސީއިން ބުނެފައިވެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ބޭރު ކުންފުނިތަކަކުން އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް މި ނޫހުން ވާނީ މިދިޔަ އަހަރުގެ ތެރޭ ފެންމަތިކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ އޭސީސީއިން ބަލަމުންދާ ކަމެއް މިހާތަނަށް ސާފެއްނުވެ އެވެ.

އެ މައްސަލާގައި ރައީސް މުއިއްޒުގެ ފަރާތުން އޭރު ވިދާޅުވީ ބޭރު ކުންފުންޏަކުން އެކައުންޓަށް ޖަމާވީ އެމަނިކުފާނުގެ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބެންޖެހޭ ފައިސާ ކަމަށެވެ.