Advertisement

މޮޅު ގޯލުތަކެއް، ރެއާލް އާއި ބާސެލޯނާ އަށް ވެސް ހަނި މޮޅެއް

14 އޭޕްރީލް 2024 - 09:11 0


މޮޅު ގޯލުތަކެއް، ރެއާލް އާއި ބާސެލޯނާ އަށް ވެސް ހަނި މޮޅެއް

14 އޭޕްރީލް 2024 - 09:11 0

މެޑްރިޑް (އޭޕްރީލް 14) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ބާސެލޯނާ އަށް ވެސް ހަނި މޮޅެއް ހޯދައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މޮޅުވީ މަޔޯކާ ދަނޑުގައި 1-0 އިންނެވެ. ބާސެލޯނާ އިން ކަޑިޒް ދަނޑުގައި ކުރިހޯދައިފައިވަނީ 1-0 އިންނެވެ.

ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ އަށް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ރެއާލަށް 31 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޖިރޯނާ ރޭ ވަނީ ހަތަރެއްގައި އޮތް އެތުލެޓިކޯ މެޑްރިޑް އަތުން 3-1 އިން ބަލިވެފަ އެވެ. ޖިރޯނާ އަށް 31 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ އަށް ވަނީ 31 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ.

މަޔޯކާ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު ޖެހީ ފްރާންސްގެ ތަރި، އައުރެލިން ޗުއަމެނީ އެވެ. މެޗުގެ 48 ވަނަ މިނިޓްގައި އޭރިއާބޭރުން ޗުއަމެނީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ރެއާލުން ރޭގެ މެޗުގައި ކުޅުނީ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ނުލަ އެވެ. އެއީ، ބުދަ ދުވަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާގައި ބާސެލޯނާއާ ބައްދަލުކުރާ މެޗަށް ވިސްނައިފަ އެވެ.

ކަޑިޒް އަތުން ބާސެލޯނާ މޮޅުކޮށްދިން ގޯލު ޖެހީ ޖާއޯ ފެލިކްސް އެވެ. މެޗުގެ 37 ވަނަ މިނިޓްގައި ޖާއޯ ފެލިކްސް މި ލަަނޑު ޖެހީ އޯވަހެޑް ކިކަކުންނެވެ. މިއީ މި ފަހަރު ލީގުގައި ޖާއޯ ފެލިކްސް ޖެހި ހަތް ވަނަ ގޯލެވެ.

ބާސެލޯނާ އަށް ދެ ވަނަ ގޯލެއް ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ފާމިން ލޮޕޭޒަށް ނުކުރެވުނެވެ.

ޖިރޯނާ އިން އާޓެމް ޑޮވްބީކްގެ ގޯލުން ލީޑުނަގައިފައިވަނިކޮށް އެތުލެޓިކޯ މޮޅުވީ ފަހަތުން އަރަ އެވެ. އެ ޓީމުގެ އެންޓޮއިން ގްރީޒްމަން ދެ ލަނޑު ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކުރީ އެންހެލް ކޮރޭއާ އެވެ.