Advertisement

އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކޮށް ލަސްކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހު

14 އޭޕްރީލް 2024 - 08:35 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައިސް ސޯލިހު ގއ. މާމެންދޫގައި ހުންނަވާ ވާހަކަދައްކަވަނީ : އެމަނިކުފާނު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު ތަސްދީގުނުކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށް - ފޮޓޯ: އެމްޑީޕީ


އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކޮށް ލަސްކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހު

14 އޭޕްރީލް 2024 - 08:35 1

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަސް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުރެއްވުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ގއ. މާމެންދޫގައި ހުންނަވާ ސޯލިހު އިއްޔެ ވިދާޅުވީ އެ ރަށް ހިމެނޭ ކޮލަމާފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު، ސައްޔާހު ހަލީލަކީ ޕާޓީ ބަދަލުކުރާނެ މެންބަރަކަށް ނުވާނެ ކަމަށެވެ.

އެކަން ކަށަވަރު ކުރުމަށް މިހާރު މަޖިލީހުން އެންޓި ޑިފެކްޝަން ބިލެއް ފާސްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ރައީސް ޑރ. މުއިއްޒު ހުންނެވީ އެ ބިލު ހިފަހައްޓަވައިގެން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކޮށް، ގާނޫނަކަށް ނުހަދާ ހިފަހައްޓައިގެން އިންވުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއަށް ފާޅުގަ އެމަނިކުފާނު އަޅުއްވާ ހުރަހެކޭ،" އިދިކޮޅު އެމްޑީޕީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ސޯލިހު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލައްވާނެ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި އަނބުރާ ފޮނުއްވިޔަސް، އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ފާސްކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިބޭފުޅުން އިންތިހާބުކުރާ ކެންޑިޑޭޓަކު، އެ އިންތިހާބުކުރާ ޕާޓީއެއްގައި ފަސް އަހަރު ދުވަހު ހުންނާނެކަމުގެ ގާނޫނީ ގޮތުން އެ ބަދެވުން، އިރާދަކުރެއްވިއްޔާ ގާނޫނުގެ ތެރެއިން ހައްލު ހޯދައިދޭނަން" އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި އޮންނަނީ ބިލެއް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.

މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 33 މެންބަރުން މި ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަ މެންބަރެކެވެ.

ޖުމުލަ 10 މާއްދާއްގެ މައްޗަށް އެކުލެވޭ އެ ބިލުގައިވާ ގޮތުން ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.