Advertisement

އޭދަފުށި ފުޓްސަލް ކަޕް: ކުއާޓާ ފައިނަލުގެ ފަހު ޖާގަ އެއިޓީފޯ އަށް

14 އޭޕްރީލް 2024 - 08:36 0

އަތޫފް އާތިފް

އަތޫފް އާތިފް

އޭދަފުށި ފުޓްސަލް ކަޕުގައި ވީ ވެލާ އާއި އެއިޓީފޯ އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


އޭދަފުށި ފުޓްސަލް ކަޕް: ކުއާޓާ ފައިނަލުގެ ފަހު ޖާގަ އެއިޓީފޯ އަށް

14 އޭޕްރީލް 2024 - 08:36 0

އުރީދޫ އޭދަފުށި ފުޓްސަލް ކަޕުގެ ގްރޫޕް ސްޓޭޖު ފަހު މެޗު ކާމިޔާބުކޮށް އެއިޓީފޯ އެފްސީ އިން ކުއާޓާ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު, ރޭ ކުޅުނު މެޗުގައި އެއިޓީފޯ އިން ވަނީ ވީ ވެލާ 7-3 ގެ ނަތީޖާ އަކުން ކުރިހޯދާފަ އެވެ. އެއާއެކު ގްރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް އެ ޓީމުން ވަނީ ދަތުރުކޮށްފަ އެވެ. މި މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ޖާގަ އެއް ހޯދުމުގެ ފުރުސަތު ވީ ވެލާ އަށް ވެސް އޮތެވެ.

މި މެޗުގައި އެއިޓީފޯގެ މުހައްމަދު އިމްރާން (އިއްމި) ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު, ކެޕްޓަން ލިސާން އަބޫބަކުރު, އަބްދުالله ޖާހް ޖާދުالله އަދި އާފިއު މުހައްމަދު ހާމިދު, މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފަ އެވެ. އެއިޓީފޯ އިން ދެން ޖެހި ގޯލަކީ ވީ ވެލާގެ އަހުމަދު އަލްހާން މުހައްމަދު ހާލިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ވީ ވެލާ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު އަފްލާހް އަލީ އެވެ. މީގެ އިތުރުން މުހައްމަދު އަނޫފް ނާޝިދު ވަނީ ގޯލެއް ޖަހާފަ އެވެ.

އެންމެ ފަހުގެ ރަނަރަޕް އޯލް ވޮލްވްސް އިން ވަނީ ވެލާ ސްޕޯޓްސް ކުލަބްގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް ވަނީ ކުއާޓާގެ ޖާގަ ޔަގީންވެފަ އެވެ.

މި މެޗުގެ ހަތްވަނަ މިނެޓުގައި ވޮލްވްސް އަށް ލީޑު ނަގާދިނީ ހާޒިމް ފައުޒީ ޖަހާދިން ގޯލުންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ވުލްވްސް އިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން މުހައްމަދު ރަފްހާން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވޮލްވްސް އިން ވަނީ އެ ޓީމުގެ ތިންވަނަ ގޯލު ވެސް ޖަހާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު އަބާން އަލީ އެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގެ ތެރޭ ވެލާގެ ހައްފާފް ސިދުގީ ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު މެޗުގެ ފަހު ވަގުތުކޮޅު ތެރޭގައި ވޮލްވްސްގެ އަބާން ވަނީ އިތުރު ގޯލެއް ޖަހާ އަލުން ލީޑު ފުޅާކޮށްފަ އެވެ.

ރޭ ސީސީ ސްޕޯޓްސް ކުލަބުން ވަނީ އެފްސީ ސަޑަންލީގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދާ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި މެޗުގައި ސީސީގެ ނާއިޒް ހަސަން (ދާދު) ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. ސީސީގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހާދިނީ ކެޕްޓަން މުއާޒް އަލީ އެވެ. މި މެޗުގައި ސަޑަންލީ އިން ޖެހި ފުރަތަމަ ގޯލަކީ ސީސީގެ މުއާޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެ ޓީމުގެ ދެވަނަ ގޯލު ޖެހީ މުހައްމަދު ޖައިލަމް އެވެ.