Advertisement

ރައީސް އަދިވެސް އުޅުއްވަނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުނުވެގެން!

13 އޭޕްރީލް 2024 - 11:34 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕީއެންސީން ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ:ޕީއެންސީ


ރައީސް އަދިވެސް އުޅުއްވަނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުނުވެގެން!

13 އޭޕްރީލް 2024 - 11:34 0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފަހު ގްރޫޕް، ސަރުކާރުން ކުރިން ބުނެފައިވާ ގޮތަށް، އަންނަ މެއި މަހު ފުރާނެ ކަމަށާއި އެހެން ނަމަވެސް "މިނިވަންކަން ޔަގީން ކުރުމަށް ޓަކައި" ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އަދި އެބަ ހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން މިމަހު ބާއްވާ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕެއިންކުރަން އައްޑޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މިނިވަންކަން ޔަގީންކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ ކަމަަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިނިވަންކަން ޔަގީންކުރުމަށް ޓަކައި ހަދަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ ގާނޫނުތަކެއް އެބަ ހުއްޓެވެ.

"އަދި ވެސް މިތަނުގައި އަޅުގަނޑުމެން މިިނިވަންކަން ޔަގީންކުރަން އެތައް ކަމެއް ކުރަން އެބަހުރި. އެތައް މަސައްކަތެއް ކުރަން އެބަހުރި. އެ މަސައްކަތްތައް ކުރުމުގައި މަޖިލީހުގެ އެއްބާރުލުން ބޭނުންވާނެ. ހެދިފައި ހުރި ބައެއް އެގްރިމެންޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށް ވިޔަސް، ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އެބަހުރި. އަލަށް އުފަން ކުރަން ޖެހޭ ގާނޫނުތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެހުރިހާ ކަމެއް ވާން އޮތީ އަމިއްލަ މިނިވަންކަން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ފިކުރުގެ މީހުން މަޖިލީހަށް ހޮވިގެންނެވެ.

"އެއީ ދިވެހީންގެ ރާއްޖޭގެ ފިކުރު. ދިވެހީންގެ ރާއްޖެއެކޭ މިކިޔަނީ. ބޭރުމީހުންގެ ރާއްޖެއެކޭ ނޫން،" ރައީސް މުއިއްޒު އިސްކޮށް ހުންނަވާ ޕީއެންސީއަށް ތާއީދުކުރާ މީހުން ފިޔަވާ، ސިޔާސީ އެހެން ފިކުރުތަކުގެ މީހުންނަކީ ބޭރު ބައެއްގެ މަސްލަހަތު އިސްކުރާ ބައެއް ކަމަށް ސިފަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި "ދިވެހީންގެ ރާއްޖޭގެ ފިކުރުގެ މެންބަރުން" މަޖިލީހުގައި ތިބެގެން ނޫނީ މިއީ "ދިވެހީންގެ ރާއްޖެއެއްކަން" ރައްޔިތުންނަށް އިހުސާސް ނުކުރެވޭނެ އެވެ.

"އަމިއްލަވަންތަކަން އޮތް، އަމިއްލަ މިނިވަން ގައުމެއް ކަމުގެ އިހުސާސެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.