Advertisement

މި ސަރުކާރުން ކުރާ ކަމަކަށް ހަދައިގެން ވިޔަސް މަޝްރޫއުތައް ކުރިއަށް ގެންދަން ގޮވާލައިފި

13 އޭޕްރީލް 2024 - 11:53 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ އެމްޑީޕީއިން ބޭއްވި ކެމްޕޭނު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


މި ސަރުކާރުން ކުރާ ކަމަކަށް ހަދައިގެން ވިޔަސް މަޝްރޫއުތައް ކުރިއަށް ގެންދަން ގޮވާލައިފި

13 އޭޕްރީލް 2024 - 11:53 0

ކުރީގެ ސަރުކާރުން ޕްލޭންކޮށްފައިވާ، އަދި ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުގެ މަޝްރޫއުތަކެއްގެ ގޮތަށް ބަދަލުކޮށްގެން ވިޔަސް ކުރިއަށް ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ރޭ އެ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ދައުރުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 36 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަމާޒުކޮށްފައި ވަނީ އައްޑޫ ސިޓީއަށް ކަމަށެވެ.

އެއީ ބިން ހިއްކުމާއި މަގުތައް ހެދުމާއި އެއާޕޯޓު ތަރައްގީކުރުމާއި ރިސޯޓުތައް ތަރައްގީކުރަން ރައްތައް ހެދުމަށް، އަދި ގެސްޓުހައުސްތައް ތަރައްގީކުރުމާއި ހަންކެޑެ ތަރައްގީ ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އައްޑޫގައި މިހާރު ކުރިއަށްދާ މަގު ހެދުމުގެ ފުރަތަމަ ފޭސްގައި 111 ކިލޯ މީޓަރުގެ މަގު އަދި ދެ ވަނަ ފޭހުގައި 67 ކިލޯމީޓަރުގެ މަގު ހަދަން ޕްލޭންކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބިން ހިއްކީ ވަޒީފާތައް އުފައްދައި، އައްޑޫގައި ދިރިއުޅެވޭނެ ގޮތްތަކެއް ތަނަވަސް ކުރަން ކަމަށާއި، އެމްޑީޕީން ބޭނުންވަނީ ނަމެއް ނޫން ކަމަށާއި، ތަރައްގީ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ރައީސް ޑރ. މުއިއްޒަށް މިކަންކަންތައްތައް ކުރިއަށް ގެންދެވުމަށް. އަޅުގަނޑަށް އެންމެ ރަނގަޅު، މާތް ކަލާކޯ ތި އެއާޕޯޓަށް ކޮންމެ ނަމެއް އެބޭފުޅާ ވިދާޅުވިޔަސް. ބޭރުގައި ރައީސް ޑރ. މުއިއްޒު އެއާޕޯޓު ޖެއްސެވިޔަސް މައްސަލައެއް ނެތް. ޖައްސަވަންވީ. ތިމަންނާއޭ މަގުތައް މިހަދަނީ ކިޔާފައި ހެއްދެވިޔަސް މައްސަލައެއް ނެތް. ކުރިއަށް ގެންދަވާ. އެކަން ނިންމަވާ،" ސޯލިހު ވިދާޅުވި އެވެ.

އެއްވެސް ސަރުކާރަކުން ނުކުރާ މިންވަރަށް ރާއްޖޭގެ ތަރައްގީ އަށް މަސައްކަތް ކުރެވިފައިވާތީ ފަހުރިވެރިވާ ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ ވެރިކަމާ ހަވާލުވިއިރު ހުރި ކުރީ ސަރުކާރުގެ ދަރަނިތައް ދައްކަމުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

މި ސަރުކާރުގެ ތިން މަސް ދުވަސްތެރޭގައި 800 މިލިއަން ރުފިޔާ ލޯނަށް ދެއްކިގެން ރައީސް މުއިއްޒު ފަހުރުވެރި ވާއިރު، އެމްޑީޕީގެ ވެރިކަމުގައި ކޮންމެ ތިން މަހަކު 1.2 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދައްކާފައިވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ޔާމީންގެ ވެރިކަމުގެ ބޮންޑަށް 250 މިލިއަން ޑޮލަރު ވެސް ދެއްކީ ކޮވިޑުގެ ދަތި ހާލަތުގައި ކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ދެހާސް ސައްބީސް ވަނަ އަހަރު ހަމަވާ ލޯނުތަކަށް ފައިސާ ދެއްކޭނެ ޕްލޭންތައް ރާވާފައި ހުންނާނެ ކަމަށާއި އެ ޕްލޭންތައް ތަންފީޒުކޮށްފި ނަމަ މާލީ ހާލަތު ރަނގަޅަށް ކުރިއަށް ގެންދެވޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ސޮވެރިން ފަންޑުގައި ހަތް ބިލިއަން ރުފިޔާ ހުރި ކަމަށް ފާހަގަ ކުރެއްވި އެވެ.

"އެހެންވީމަ ރާއްޖޭގެ އިގުތިސޯދު މިއަދު އޮތީ މިހެންނޭ މާލީ ހާލަތު އޮތީ މިހެންނޭ ވިދާޅުވެ އެ ވާހަކަ އެ ދައްކަވަނީ އެއީ ހުސްދޮގު. ބުހުތާނު ބޮޑު ދޮގު،" ސޯލިހު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު، ފުށިދިއްގަރުފަޅަށް ދުރުމިން ބައްލަވާ ބެއްލެވުން އައްޑޫ ސިޓީ އަށް ބައްލަވާ ނަމަ އެ ސިޓީ ތަރައްގީ ވެގެންދާނެ ކަމަށާއި ރަސްމާލެ ތަރައްގީކުރުމުގެ ބަދަލުގައި ތަރައްގީކުރަންވީ އަތޮޅުތައް ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސޯލިހު ގޮވާލެއްވިއިރު، ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާތީ، މީގެ ކުރިން ވެސް ސޯލިހު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.