Advertisement

ރައްޔިތުންނަކަށް ގާނޫނު އަސާސީއެއް ނޭނގޭ، ސިޔާސީ ޕާޓީތަކުން ނަގަނީ އެކަމުގެ ނާޖައިޒު މަންފާ: އިބުރާ

12 އޭޕްރީލް 2024 - 15:58 0

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ): އިބުރާ ވިދާޅުވީ މިއަދު ސިޔާސީ ޕާޓީތައް ފެންނަނީ އޭނާ ތަސައްވުރު ކުރި ގޮތަށް ނޫން ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ރައްޔިތުންނަކަށް ގާނޫނު އަސާސީއެއް ނޭނގޭ، ސިޔާސީ ޕާޓީތަކުން ނަގަނީ އެކަމުގެ ނާޖައިޒު މަންފާ: އިބުރާ

12 އޭޕްރީލް 2024 - 15:58 0

ކުރީގެ ގާނޫނު އަސާސީ އާއި މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ މެމްބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް ތަފާތު ނަމަވެސް ރައްޔިތުންނަށް އެ ތަފާތެއް ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީ އެކުލަވާލުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އިބުރާ މިހެން ވިދާޅުވީ މި ނޫހުން ގެނެސްދޭ "އަދަދު ޑިބޭޓްސް" ޕްރޮގްރާމުގައި، ޑިމޮކްރެޓިން ހަމަތައް ގެއްލިގެންދާ މައުލޫއަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން، މިހާރުގެ ގާނޫނު އަސާސީއަށް ރައްޔިތުން ހޭލުންތެރިވެފައި ނެތް ކަން ފާހަގަކުރައްވަމުން އިބުރާ ވިދާޅުވީ ދިވެހިން އަދިވެސް އާދަވެފައި ތިބީ ސަރުކާރުގައި ދަންވައިގެން އެ މީހުންގެ ބޭނުންތައް ފުއްދައިދީ ހަމަޖައްސައިދީ، ސަރުކާރުން ކަނޑައަޅުއްވާ ގޮތެއްގެ ތެރެއިން ކަންކަން ކުރާ ނިޒާމަކަށް ކަމަށެވެ.

"ރައްޔިތުން އަދިވެސް ތިބީ އެ ވިސްނުމުގައި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ ސަރުކާރުގައި ދަންނަވައިގެން އަހަރަމެންގެ ރަށުގައި ބަނދަރު ހެދުމުގެ ކަންތައް އަހަރަމެން ރަށުގައި އެ ޕްރޮޖެކްޓު ހިންގަން ނޫނީ ވިއްޔާ އަހަރެންގެ ޒާތީ މިވެނި ކަންތައް ހަމަޖައްސަން މެދުވެރިކުރާ މީހާއޭ، އެއީއޭ ފަންކްޝަނަކީ،" އިބުރާ ވިދާޅުވި އެވެ.

ރައްޔިތުންނަށް މިގޮތަށް ވިސްނިފައި އޮތީ، އިބުރާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް އެގޮތަށް ތަސައްވުރުކޮށްދޭތީ އެވެ. އަދި ބާރުވެރިކަން ހޯދުމުގެ ބޭނުމުގައި، ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ ނޭނގުމުގެ ނާޖައިޒު މަންފާ ނަގަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހަކީ ކޮބައި ކަމާއި މަޖިލީހުގެ މަސްއޫލިއްޔަތާއި ދައުރަކީ ކޮބައިކަން ކުރީގެ ގާނޫނު އަސާސީއާ ވަރަށް ތަފާތު. އެ ތަފާތު އަދިވެސް އަޅުގަނޑުމެންގެ ގިނަ މީހުންނަކަށް ރަނގަޅަށް ފަހުމެއް ނުވޭ. އޭގެ ނާޖައިޒު ބޭނުން ސިޔާސީ ޕާޓީތަކުން ކުރަނީ" އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި އިބުރާ ސިޔާސީ ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގާނޫނު އަސާސީގައި ސިޔާސީ ޕާޓީތަކަށް ދީފައި ވަނީ "މަދަނީ ޖަމިއްޔާއެއްގެ" ހައިސިއްޔަތު ނަމަވެސް ޕާޓީތަކުން ވިސްނައިދެނީ ދައުލަތް ހިންގުމުގެ ނިޒާމުގެ މުގުލަކީ ސިޔާސީ ޕާޓީތައް ކަމަށެވެ.

މިއީ ގާނޫނު އަސާސީގައި މިކަން ތަސައްވުރު ކުރި ގޮތް ނޫން ކަމަށް ވިދާޅުވަމުން އިބުރާ ވަޑައިގެންނެވީ ގާނޫނު އަސާސީގައި އޮންނަ މަޖިލިސް މެމްބަރުންގެ ހުވަޔަށެވެ. މި ހުވާގެ އެއްވެސް ތަނެއްގައި ސިޔާސީ ޕާޓީ މި އިބާރާތް ބޭނުންކޮށްފައި ނެތް ކަން ފާހަގަކުރައްވަމުން އިބުރާ ވަނީ ރައްޔިތުން މި ވިސްނުމާ ދުރަށް ދާން އިލްތިމާސް ކުރައްވާފަ އެވެ.

އިބުރާގެ ވާހަކަތަކަށް، ބަހުސްގައި ދެން ބައިވެރިވެވަޑައިގެންނެވި ކުރީގެ މަޖިލިސް މެމްބަރު އަދި އެމްއާރުއެމްގެ ލީޑަރު ފާރިސް މައުމޫން ވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީ އޮޅުން ނުފިލާ އޮތުމަކީ ސިޔާސީ ބަޔަކަށް ފައިދާ ކުރާ ކަމެއް ކަމަށާއި ސިޔާސީ ޕާޓީތަކުގެ ދައުރާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރި ކޮށްދޭން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ދެ ބޭފުޅުން ވެސް ވަކާލާތުކުރެއްވީ ދައުލަތުގެ މުއައްސަސާތަކާއި މީޑިއާތައް ސިޔާސީ ވިސްނުމުން ނެއްޓި ރައްޔިތުންގެ ހޭލުންތެރި ކުރުމަށް އިތުރަށް މަސައްކަތްކޮށް ދިނުމަށާއި ތައުލީމީ ނިޒާމުގެ ތެރެއިން ގާނޫނު އަސާސީއަށް ރައްޔިތުން އަހުލުވެރިކުރަމެވެ.