Advertisement

އައްޑޫ ބުރިޖުގެ މަޝްރޫއުއަށް އެމްޑީޕީގެ އެއްބާރުލުން ލިބޭނެ: ސޯލިހު

11 އޭޕްރީލް 2024 - 23:13 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެންމެފަހުން އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ބައި އިލެކްޝަނުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ތެރެއިން -- ފޮޓޯ: އަދަދު


އައްޑޫ ބުރިޖުގެ މަޝްރޫއުއަށް އެމްޑީޕީގެ އެއްބާރުލުން ލިބޭނެ: ސޯލިހު

11 އޭޕްރީލް 2024 - 23:13 0

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ގޮތަށް އައްޑޫގެ ދެފަޅި ގުޅުވާލާ ބުރިޖު އެޅުމުގެ ކުރިން އެ އަތޮޅުގައި އިގުތިސާދީ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ބުރިޖުގެ މަޝްރޫއުއަށް އެމްޑީޕީގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި އެޕާޓީގެ ލީޑަޝިޕުން އައްޑުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އައްޑޫގައި ބުރިޖު އެޅުމުގެ ކުރިން އެ ބުރިޖުގެ މަތިން ދަތުރު ކުރާނެ ސަބަބެއް ވެސް އުފަން ކުރުވަންޖެހޭ ކަމަށެވެ.

"މިއަދުގެ ސަރުކާރުން ވައުދުތަކެއް އެބަވޭ، އަޅުގަނޑު ހިތުން ހުޅުދޫ މީދޫއާއި ހިތަދޫ ގުޅައިލުމުގެ ވާހަކަތަކެއް އެބަ ދެކެވޭ، ކުރައްވަންވީ އެހެންނަމަވެސް ތަރުތީބެއް އޮންނަންޖެހޭނެ ކަންތައްތަކުގައި، ކުރައްވަންވީ އަޅުގަނޑުމެންގެ ފުރިހަމަ ތާއީދު އެކަމަށް އޮންނާނެ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން ލިބެންޖެހޭ ހުރިހާ ތާއީދެއް އެކަމަށް އޮންނާނެ،" ސޯލިހު ވިދާޅުވި އެވެ.

ނަމަވެސް ފުރަތަމަ ކުރަންވީ ކަމަކީ އައްޑޫގައި ވަޒީފާތަކެއް އުފައްދައި އިގުތިސާދީ މަސައްކަތްތަކެއް ކުރެއްވުން ކަމަށާއި މިދިޔަ ފަސް އަހަރު ދުވަހު އެމްޑީޕީން ކުރަމުން ދިޔައީ އެ މަސައްކަތް ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތްތަކަކީ އެއީ، މިތަނުގައި ބަޔަކަށް ދިރިއުޅެވޭނެ ގޮތް ހޯދައިދިނުން، އޭރަށްތާ އެތަނުގެ [ބުރިޖުގެ] މަތިން ދަތުރު ކުރާނެ ބަޔަކު ވެސް މިތަނުގައި ތިބޭނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"ބަނދަރުތައް ހެދީ އެ ބޭނުމުގައި، ބިން ހިއްކީ އެ ބޭނުމުގައި، މަގުތައް އެ ހަދަނީ އެ ބޭނުމުގައި، އެއާޕޯޓު އެ ތަރައްގީ ކުރަނީ އެ ބޭނުމުގައި."

ސޯލިހު ވިދާޅުވީ އެމްޑީޕީގެ ޕްލޭނުގައި އޮތީ ބުރިޖު އެޅުމުގެ މަސައްކަތާއި އައްޑޫގައި އިގުތިސާދީ މުހިންމު މަސައްކަތްތައް ފެށުން އެކުގައި ކުރިއަށް ގެންދިޔުމުގެ ވިސްނުން ކަމަށެވެ.

އެކަން ހާސިލު ކުރުމަށް އެމްޑީޕީއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ދެއްވުމަށް ސޯލިހު އެދިވަޑައިގަތެވެ.

އޭގެ އިތުރުން ސޯލިހު ވަނީ އެމްޑީޕީން އައްޑޫގެ ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މިހާރުގެ ސަރުކާރަށް ގޮވައިލައިފަ އެވެ.

"އަޅުގަނޑު މި ސަރުކާރަށް މިއަދު ވެސް ގޮވާލަން ބޭނުން ވަނީ މި ޕްރޮޖެކްޓުތައް ލަސްނުކޮށް ކުރިއަށް ގެންދަވާށޭ، ތިޔަ ބޭފުޅުން މިތަނުން ވޯޓު ބޭނުން ކަމަށް ވަންޏާ ވެސް ކުރައްވަންވީ ކަމަކީ އެއީ، ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ކުރަންވީ،" ސޯލިހު ވިދާޅުވި އެވެ.

މިރޭގެ ވާހަކައިގައި ސޯލިހު ވަނީ އައްޑޫގެ ތަރައްގީއަށް އެމްޑީޕީން ފެށި މަޝްރޫއުތައް ހުއްޓާލައިފައި އޮތުމުން ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.