Advertisement

ފުށިދިއްގަރުފަޅުގެ ޕްރޮޕޯސަލް އަކުރުން އަކުރަށް، ފިލިން ފިއްޔަށް!

15 އޭޕްރީލް 2024 - 08:26 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ރައީސް މުއިއްޒު އިފްތިތާހު ކުރައްވަނީ. މިހާތަނަށް އައިއިރު ހިއްކަން ޖެހޭ ފަޅުގެ ފަސް ޕަސެންޓު ވެސް ހިއްކިފައިނުވާއިރު މަޝްރޫއު ހަވާލުކުރި ގޮތާ މެދު ސުވާލުތަކެއް އުފެދޭ --- ފޮޓޯ: ރައްޔާން މުހައްމަދު/އަދަދު


ފުށިދިއްގަރުފަޅުގެ ޕްރޮޕޯސަލް އަކުރުން އަކުރަށް، ފިލިން ފިއްޔަށް!

15 އޭޕްރީލް 2024 - 08:26 3

މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި 20 ވަރަކަށް މިނެޓުން ދެވޭހާ ދުރުގައި އޮތް 1,973 ހެކްޓަރުގެ ބޮޑުމިނުގެ ފުށިދިއްގަރު ފަޅަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު ފަޅުތަކުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ބޭރު ކުންފުންޏަކަށް ފަޅު ވިއްކާލާފައި އޮއްވައި އެއްބަސްވުމަށް އަމަލުނުކުރުމުގެ ސަބަބުން ދިވެހި ސަރުކާރުން ގާތްގަނޑަކަށް 293 މިލިއަން ރުފިޔާ (19 މިލިއަން ޑޮލަރު) ހަރަދުކުރަން ޖެހުނު ފަޅެކެވެ.

ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި "ހިޔާ އެކޮމްޕްލިޝްޑް ވިލިމާލެ 2" ގެ ނަމުގައި އެ ފަޅުގައި ބޮޑު މަޝްރޫއުއަކަށް އިއުލާނުކުރި އެވެ. އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ގަޑިތަކުގައި ވެސް އެ ތަނުން ގޯތި ލިބުނު ކަމުގެ ލިޔުން އޭރުގެ ހައުސިން މިނިސްޓްރީން ދޫކުރި އެވެ. ފުށިދިއްގަރުގައި އޭރު އެންމެ ހިކިފަސްތަންކޮޅެއް ވެސް ނެތެވެ.

ވެރިކަން ބަދަލުވެ އެމްޑީޕީގެ ދެވަނަ ސަރުކާރުގައި ފުށިދިއްގަރަށް ވެލި އެޅުމުގެ ބަދަލުގައި ނިންމީ ވާދޫ ކަނޑު ހުރަސް ނުކޮށް ދެވެން އޮތް ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރު ތިލަފަޅު ހިއްކުމަށެވެ. އެއީ, ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓުން ގުޅާލަން ނިންމާފައިވާ ތަންތަނެވެ. ގަދަ ކަނޑުގައި ދަތުރުކުރުމުގެ ބަދަލުގައި ބްރިޖުން ދެވޭނެ ގޮތަށް ހިއްކަމުންދާ ފަޅުތަކެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޓޯޓަލް ސޮލިއުޝަނެއް ހިއްޕަވައިގެން ކަމަށް ވިދާޅުވެ އެވެ. އެއީ ފުށިދިއްގަރު ފަޅު ހިއްކައި ބޯހިޔާވަހިކަން ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ބޮޑު ވައުދާ އެކު އެވެ.

ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ރަސްމާލެ ނަމުގައި ފުށިދިއްގަރު ހިއްކަން ރައީސް މުއިއްޒު ފެއްޓެވި އެވެ. އެމަނިކުފާނުގެ ވެރިކަމުގެ ލެގަސީ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. ރާއްޖޭގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު ޕްރޮޖެކްޓެވެ. ކަން މިހެން އޮތަސް, މި ފަޅު ހިއްކަން ފެށީ އެއްވެސް ހާމަކަމެއް ނެތި ކުއްލިއަކަށެވެ. އެހެންވެ ގިނަ ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ. ޕްރޮޖެކްޓުގެ އަގާ މެދު އެވެ. ދައުލަތުގެ ބަޖެޓުން އުނިކުރި މިފަދަ ބިޔަ ޕްރޮޖެކްޓެއް ހިންގަން ފައިސާ ހޯދާނެ ގޮތާ މެދު އެވެ. ޕްރޮޖެކްޓު ހިންގާ ކުންފުންޏަށް ދޭން ޖެހޭ ފައިސާއެއް ނުވަތަ ބިމެއްގެ އަގަކާ މެދު އެވެ. ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރު ތިލަފަޅުން އުފެދޭނެ ބިމާއި, ފްލެޓު އަޅައިގެން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް އަންނާނެ ލުއިތަކާ ގުޅޭ ދިރާސާއެއް ނުކޮށް މިފަދަ ޕްރޮޖެކްޓެއް ފެށުމާ ގުޅިގެންނެވެ.

ފުށިދިއްގަރު ހިއްކާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އިން ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ. އެކައުންޓިން ދާއިރާގެ "ބިގް 4" ގެ ތެރޭގައި ހިމެނޭ ކޭޕީއެމްޖީގެ ލަންކާ އަދި ރާއްޖެ އޮފީހުން ތައްޔާރުކޮށްފައިވާ މި ޕްރޮޕޯސަލްގައި ހިމެނޭ މި މަޝްރޫއުއާ ގުޅޭ މައުލޫމާތުތައް މި ލިޔުމުގައި ހިމަނާނަމެވެ.

ސީއެމްސީއިން ހުށަހެޅި ޕްރޮޕޯސަލްގެ ބަނޑޭރިގަނޑު


ހިއްކަން 23 ބިލިއަން ހޭދަވާނެ

މި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ގޮތުން ސީއެމްސީން 1,000 ހެކްޓަރު ހިއްކައި ހިއްކާ ސަރަހައްދު ހިމާޔަތް ކުރާނެ އެވެ. ކޮންމެ ހެކްޓަރެއް ހިއްކަން 18.5 މިލިއަން ރުފިޔާ (1.2 މިލިއަން ޑޮލަރު) ހޭދަވާނެ ކަމަށް ސީއެމްސީން ބުނެފައިވެ އެވެ.

މި ރޭޓުން ބަލާނަމަ ފުށިދިއްގަރުފަޅަށް ވެލި އަޅައި ފެނުން މައްޗަށް ނެގުމަށް އެކަނި 18.5 ބިލިއަން ރުފިޔާ (1.2 ބިލިއަން ޑޮލަރު) ހޭދަވާނެ އެވެ. ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.7 ބިލިއަން ރުފިޔާ (113 މިލިއަން ޑޮލަރު) ހޭދަވާނެ ކަމަށް ސީއެމްސީން ބުނެފައިވެ އެވެ.

ސީއެމްސީގެ ޕްރޮޕޯސަލްގައިވާ އަގަށް ބަލާނަމަ މި މަޝްރޫއުގެ ޖުމުލަ އަގަކީ 20 ބިލިއަން ރުފިޔާ (1.3 ބިލިއަން ޑޮލަރު) އެވެ.

ނަމަވެސް, ރައީސް މުއިއްޒު އިއުލާނު ކުރައްވާފައިވާ ގޮތުގައި ފުށިދިއްގަރު ފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މި ރޭޓުން އެކަމުގެ އަގު ބަލާނަމަ އެއީ 21.36 ބިލިއަން ރުފިޔާ (1.383 ޑޮލަރު) އެވެ.

ހެކްޓަރަކަށް ޖެހޭ ރޭޓުން ހިއްކި ސަރަހައްދު ހިމާޔަތް ކުރަން ހޭދަވާނެ ކަމަށް ބެލެވޭ ދެ ބިލިއަން ރުފިޔާ (130 މިލިއަން ޑޮލަރު) އާއެކު ޖުމުލަ މަޝްރޫއުގެ އަގު ސީއެމްސީން ހިސާބުކުރާ ގޮތަށް ބަލާއިރު 23 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެ އެވެ.

121 ހެކްޓަރާއި 100 މިލިއަން ޑޮލަރު ހޯދަން ހުށަހެޅި

ބަޖެޓުން އުނިކުރުމާ އެކު މި މަޝްރޫއު ކުރިއަށްގެންދާނެ ކަމަށް ވިދާޅުވެ ސަރުކާރުން މަސައްކަތް ފެށީ ސީއެމްސީއާއެކު އެއްބަސްވުންތަކެއް ވެގެންނެވެ. ސީއެމްސީން ސަރުކާރަށް އޭގެ ކުރިން އޮތީ ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އެއީ ފައިސާ އަދި ބިން ހިމެނޭހެން މަޝްރޫއުގެ އަގު އަދާކުރުމަށެވެ.

އެގޮތުން, މަޝްރޫއުގެ އަގަށްވާ ފައިސާގެ ތެރެއިން ފަސް ޕަސެންޓު ކަމަށް ސީއެމްސީން ބުނާ 1.54 ބިލިއަން ރުފިޔާ (100 މިލިއަން ޑޮލަރު) އެޗްޑީސީން ދައްކަން ހުށަހެޅި އެވެ. އެއީ ހަތަރު އަހަރަށް ބަހާލައިގެން އަހަރަކު 25 މިލިއަން ޑޮލަރެވެ. އަދި, ފުރަތަމަ ދައްކާ 25 މިލިއަން ޑޮލަރަކީ މަޝްރޫއުގެ ފެށުމަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ހަމަޖެއްސުމަށް ވެސް އޮތީ ހުށަހަޅާފަ އެވެ.

މަޝްރޫއުގެ އަގުގެ 95 ޕަސެންޓު އަދާކުރަން ސީއެމްސީން ހުށަހެޅީ ހުޅުމާލޭ ފޭސް ތިނަކުންނާއި ފުށިދިއްގަރު ހިއްކައިގެން އެ ކުންފުންޏަށް ދޭ ބިން ވިއްކައިގެން އަދާކުރާ ގޮތަށެވެ. ފޭސް ތިނަކުން 53 ހެކްޓަރު އަދި ފުށިދިއްގަރުން 68.87 ހެކްޓަރާ އެކު ޖުމުލަ 121 ހެކްޓަރު ދިނުމަށް އެ ކުންފުނީގެ ޕްރޮޕޯސަލްގައި ހިމަނާފައިވެ އެވެ.

އެޗްޑީސީން ދިން މައުލޫމާތުގައިވާ ގޮތުން ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ސީއެމްސީއާ ހަވާލުކުރީ ފުށިދިއްގަރު ފަޅުން 60 ހެކްޓަރު އަދި ހުޅުމާލެއިން 10 ހެކްޓަރު 99 އަހަރަށް ދީގެންނެވެ. އެ ބިން ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރާން އޮތީ އެޗްޑީސީއާއެކު ގާއިމުކުރާ އެސްކްރޯ އެކައުންޓަކަށެވެ.މި މަޝްރޫއަށް އެޑްވާންސްގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައި ނުވެ އެވެ.

ސީއެމްސީން ހުށަހެޅި 100 މިލިއަން ޑޮލަރު ނުދީ އަދި ހޯދަން އެދުނު 121 ހެކްޓަރުގެ ތެރެއިން 70 ހެކްޓަރު ދޭން ސަރުކާރުން ނިންމިޔަސް އެކަމުގެ މާ ގިނަ މައުލޫމާތެއް ނޭނގެ އެވެ. އަދި, ހުށަހެޅި ޝަރުތުތަކާ ބޮޑު ތަފާތެއް ހުރި އެއްބަސްވުމަކަށް ސީއެމްސީން އެޗްޑީސީއާއެކު ދިޔައިރު އެކަމުގައި ކޮރަޕްޝަން ހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ސަރުކާރުން އަންދާޒާކުރަނީ ސީއެމްސީ އަތުން މި މަޝްރޫއުއަށް 500-700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މީގެކުރިން ހާމަކޮށްފައިވެ އެވެ. ނަމަވެސް, އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްގައި ވެސް އޮތީ މި އަދަދަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.

ހުޅުމާލެ ފޭސް 3. މި ސަރަހައްދުން ސީއެމްސީއަށް ބޮޑު ސަހަރެއް ވަރުގެ ބިމެއް ދޫކޮށްލަން ވަނީ ނިންމާފައި. -- ފޮޓޯ: އެޗްޑީސީ


70 ހެކްޓަރުން ނެގޭނެ ފައިދާ އަންދާޒާކުރަން ދަތި

ބިމުގެ އަގު "އަދަދު" ނޫހުން އަންދާޒާކުރަން ޖެހުނީ ވެސް މި މަޝްރޫއުއާ ގުޅޭގޮތުން ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތު މަދުކަމުންނެވެ. ބަޖެޓުން ފައިސާ ހޭދަނުކުރާ މި މަޝްރޫއުގައި ދޫކޮށްލާ ބިމުގެ އަގު ހާމަކުރަން ތަކުރާރުކޮށް ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ އަގު ސަރުކާރުން ހިސާބު ކުރި ކަމެއް ވެސް ނޭނގެ އެވެ.

އާންމު ގޮތެއްގައި ގްރޭޓާ މާލެ ސަރަހައްދުން (ހުޅުމާލެ ފޭސް ދޭއް އަދި ތިލަފުށި) ބިން ވިއްކަން ހުޅުވާލާއިރު މިދިޔަ ފަސް އަހަރުގައި ބޭސް ރޭޓެއްގެ ގޮތުގައި އާންމު ގޮތެއްގައި ކަނޑައަޅާފައި އޮންނަނީ 3,000ރ. އެވެ. ހުޅުމާލެއިން އެންމެ ފަހުން ބިން ވިއްކާފައި ވަނީ 2022 ވަނަ އަހަރު ފަހުކޮޅު އެވެ. އެފަހަރު ގޯތި ގަތުމަށް އެންމެ ބޮޑު އަގެއްގެ ގޮތުގައި ހުށަހެޅީ އަކަފޫޓަކަށް 6,060ރ. އެވެ.

އެ ދެ އަގުގެ މީޑިއަން ރޭޓަކީ 4,500ރ. ކަމަށް ބެލި ނަމަވެސް ސީއެމްސީއަށް ސަރުކާރުން ދޫކޮށްލާ ބިމުގެ އަގުމަގުކުރުމުން 33.9 ބިލިއަން ރުފިޔާ ޖެހެ އެވެ. ނުވަތަ ފުށިދިއްގަރުން ދޭ 60 ހެކްޓަރުގެ ބިމުގެ ޖުމުލަ އަގަކީ އަކަފޫޓެއް 6،000ރ. އަށް ބަލާނަމަ، އެ ބިމުގެ އަގަކީ 38.6 ބިލިއަން ރުފިޔާ އެވެ. އަދި 70 ހެކްޓަރުގެ ބިމުގެ ޖުމުލަ އަގަކީ 45.2 ބިލިއަން ރުފިޔާ އެވެ. އެއީ ތިން ބިލިއަން ޑޮލަރެވެ.

ގްރޭޓާ މާލޭ ސަރަހައްދުގައި ބިމަށް ވުރެ ތަދު އެއްޗެއް ނެތްއިރު އަސްލު ހަގީގަތުގައި އެ ބިމުގެ އަގު މާ މަތިވާނެ އެވެ. އޭގެ އިތުރުން, 99 އަހަރުގެ ތެރޭގައި އެ ބިން ތަރައްގީކޮށް ބޭނުން ވަރަކަށް ފައިސާ ހޯދަން ސީއެމްސީއަށް ފުރުސަތު އެބައޮތެވެ.

ކޮންމެ އަހަރަކު ބިމުގެ އަގު އުފުލެމުންދާއިރު 99 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި, ފުށިދިއްގަރުގެ 60 ހެކްޓަރާއި ހުޅުމާލޭގެ 10 ހެކްޓަރުގެ އަގު ހުންނާނެ ވަރު އަންދާޒާކުރައްވާށެވެ. އަދި, އެ ބިންތަކުން ނެރެވޭނެ ވިޔަފާރީގެ ފައިދާ އެތައް ބިލިއަން, ބިލިއަން ޑޮލަރަކަށް އަރާނެ އެވެ. ހަގީގަތުގައި ސީއެމްސީއަށް މި މަޝްރޫއު ހިންގައިގެން ލިބޭ ބިމުގެ އާމްދަނީ ހިޔާލަށް ގެންނަން ވެސް ދައްޗެވެ.

ބިމުގެ 35 ޕަސެންޓު ހާއްސަ ކުރަނީ ބޯހިޔާވަހި ކަމަށް

ސީއެމްސީން ހިއްކަން ހުށަހެޅީ 1,000 ހެކްޓަރުގެ ބިމުގެ ތެރެއިން 296 ހެކްޓަރު މަގުތަކަށް ހާއްސަކުރާއިރު ރެޒިޑެންޝިއަލް ބޭނުމަށް ނުވަތަ މީހުން ދިރިއުޅުމަށް 348 ހެކްޓަރު ހާއްސަކުރާނެ ކަމަށް އެ ޕްރޮޕޯސަލްގައި ބުނެފައިވެ އެވެ. އަދި, އޮފީސް ބޭނުމަށާއި ވިޔަފާރި އަދި އިންޑަސްޓްރިއަލް ބޭނުމަށް 236 ހެކްޓަރު ހާއްސަކުރާނެ އެވެ

ދައުލުގެ އިދާރާތަކުގެ ބޭނުމަށް 57 ހެކްޓަރެވެ. ޒީރޯ ކާބަން އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރާ މި ރަށުގެ 63 ހެކްޓަރު ފެހިކޮށް ބާއްވާނެ އެވެ. އެއީ ހިއްކާނެ ކަމަށް ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ބިމުގެ އެންމެ 6.3 ޕަސެންޓެވެ.

މިއީ ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަން ކަމަށްވާއިރު 1,600 އަކަފޫޓުގެ ގޯތި ދޫކުރުމަށް 177 ހެކްޓަރު ކަނޑައަޅާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 11,900 ގޯއްޗެވެ. މިއީ 104,125 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ހިންގާނެ ޕްރޮގްރާމެކެވެ.

އޭގެ އިތުރުން, ތިން ކޮޓަރީގެ އެޕާޓުމަންޓުތައް ހުންނަ 14 ފްލޯގެ އިމާރާތްތައް އަޅަން 26 ހެކްޓަރު ހާއްސަކޮށްފައިވެ އެވެ. އެއީ 26,000 ހައުސިން ޔުނިޓު އެޅުމަށް ކަމަށްވާއިރު އެތަނުގައި 91,000 މީހުންގެ އާބާދީއެއް އުޅޭނެ ކަމަށް ސީއެމްސީގެ ޕްރޮޕޯސަލްގައި ބުނެފައިވެ އެވެ.

މަތީ މެދުފަންތީގެ އަދި ލަގްޒަރީ 13,304 އެޕާޓުމަންޓު އަޅާއިރު އެއީ 29,269 މީހުންގެ އާބާދީއަކަށް އަމާޒުކުރާނެ މަޝްރޫއުއެކެވެ. ހަމައެހެންމެ 1,600 އަކަފޫޓުގެ ގޯތި ވިއްކުމަށް 132 ހެކްޓަރު ކަނޑައަޅާފައިވެ އެވެ. އެއީ ގާތްގަނޑަކަށް 8,850 ގޯއްޗެވެ. މި ގޯތީގެ އަގުތައް އެނގޭނީ ބިން ހިއްކައި ނިމުމުގެ ބިމުގެ އަގުމަގު ކުރުމުންނެވެ.

އެހެންކަމުން, ފުށިދިއްގަރު ފަޅުގައި މީހުން ދިރިއުޅުމަށް ހާއްސަކުރާ 348 ހެކްޓަރުގައި 60,000 ހައުސިން ޔުނިޓު, ގޯއްޗާއި, ފްލެޓާއި އެޕާޓުމަންޓުތައް ހިމެނޭހެން ހުންނާނެ އެވެ. ސީއެމްސީން އަންދާޒާކުރަނީ ރެޒިޑެންޝަލް ޒޯނުގައި 243,907 މީހުން ދިރިއުޅޭނެ ކަމަށެވެ.

ސީއެމްސީއާއެކު އިތުރު ދެ ކުންފުނީގެ ބައިވެރިވުން

ސީއެމްސީއަކީ ތިލަފުށްޓާއި ގިރާވަރުފަޅު އަދި ގުޅީފަޅުގެ ފުރަތަމަ ފިޔަވަހި ހިއްކި ކުންފުންޏެވެ. ލީޑް ޑެވެލޮޕަރުގެ ހައިސިއްޔަތުން ސީއެމްސީން އިންވެސްޓްމަންޓަށް މަގުފަހިކޮށް, ފައިނޭންސްކޮށް, ޕްރޮޖެކްޓު ވިލަރެސްކޮށް ކޮންސްޓްރަކްޝަނާއި އިންޖިނިއަރިން މަސައްކަތް ކުރާނެ އެވެ. މި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ލަންކާގެ ރައްޔިތެއް ކަމަށްވާ ރާޖު މަނިވަންނަން (ރާޖޫ) އެވެ.

ސީއެމްސީގެ ވެރިޔާ ރާޖު


މި މަޝްރޫއުގެ މައިގަނޑު ހިއްކުމުގެ މަސައްކަތް ކުރަން އިހުތިޔާރު ކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ވެސްޓްމިނިސްޓާ ކޮންޓްރެކްޓިން ކުންފުނިން ކަމަށް ސީއެމްސީން ބަޔާންކޮށްފައިވެ އެވެ. ބޮސްކާލިސްއަކީ ރާއްޖޭގައި ބިން ހިއްކުމުގެ އެންމެ ތަޖުރިބާ ބޮޑު އަދި އެންމެ ބޮޑު އެއް ކުންފުންޏެވެ.

ސީއެމްސީން އިހުތިޔާރުކޮށްފައިވާ ދެވަނަ ކުންފުންޏެއްގެ ގޮތުގައި އޮތީ ޗައިނާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އެެވެ. އެއީ ކޮންސްޓްރަކްޝަނާއި އިންޖިނިއަރިން މަސައްކަތްތަކަށެވެ. ބެލެވޭ ގޮތުގައި ފުށިދިއްގަރު ފަޅުގައި ފްލެޓު އަޅައި އެތަނުގެ އިންފްރާސްޓްރަކްޗާ ގާއިމުކުރާނީ މި ކުންފުނިންނެވެ.

މިއީ ރާއްޖޭގައި ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓު ކަމަށްވާ "ހިޔާ" ފްލެޓު އެޅި ކުންފުންޏެވެ. މި ދެ ކުންފުންޏާއެކު ސީއެމްސީން ކުރީ ބައިގައި އެއްވެސް އެއްބަސްވުމެއް ގާއިމުކުރިކަން ސާފެއް ނޫނެވެ. އެހެންކަމުން, މި މަސައްކަތްތައް އެ ދެ ކުންފުނިން ކުރާނެ ކަމެއް އަދި ނޭނގެ އެވެ.

އަށް މަހުން ނިންމަން ބުނި މަޝްރޫއު މަޑުޖެހިފައި

ރަސްމާލެ މަޝްރޫއު ޑިސެމްބަރު 18، 2023 ގައި ރައީސް ފެއްޓެވީ ވެސް މަޖިލީހުން އެ މަޝްރޫއަށް ކަނޑައެޅި 400 މިލިއަން ރުފިޔާ ބަޖެޓުން އުނިކުރި ފަހުންނެވެ. ރައީސް އެ ދުވަހު ވިދާޅުވީ މި މަޝްރޫއު ހިންގާނީ ދައުލަތުން އެއްވެސް ލާރިއެއް ނުހިނގާ ގޮތަށް ކަމަށާއި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް އަށް މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ.

ފުށިދިއްގަރުފަޅުން މިހާރު ހިއްކިފައިވާ ތަންކޮޅު. -- ފޮޓޯ: އަދަދު


އެންމެ ފަހުން "އަދަދު" އިން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ރަސްމާލެ މަޝްރޫއުގެ ދަށުން ފުރަތަމަ ހިއްކާ ސައިޓު ޖޭގެ 29 ހެކްޓަރުގެ ތެރެއިން މިހާތަނަށް އިތުރު އެއްވެސް ސަރަހައްދެއް ހިއްކާފައެއް ނުވެ އެވެ. މިހާތަނަށް އެ މަޝްރޫއުގެ ދަށުން ހިއްކުނީ 10 ވަރަކަށް ހެކްޓަރުގެ ބިމެވެ. އެއީ މަޝްރޫއުގެ މަސައްކަތް ފެށި ހަފުތާ ހިއްކި ބިމެވެ.

ރަސްމާލެ މަޝްރޫއުގެ އީއައިއޭގައި ބުނެފައިވާ ގޮތުން މަސައްކަތް ފެށި ޑްރެޖަރު ބޭނުންކޮށްގެން ތާވަލާ އެއްކޮށް މަސައްކަތް ކުރިއަށްދިޔަ ނަމަ ފެބްރުއަރީ މަހުގެ ތެރޭގައި ސައިޓު ޖޭ ހިއްކުމުގެ މަސައްކަތް ނިމޭނެ އެވެ. އެގޮތުން ބަންޑު ވޯލް ޖެހުމާއި ހިއްކުން އަދި ފަސްގަނޑު ލެވެލް ކުރުމަށް ބޭނުންވާނެ ކަމަށް އީއައިއޭގައި އަންދާޒާކޮށްފައިވާ މުއްދަތަކީ 60 ދުވަހާއި 75 ދުވަހާ ދެމެދުގެ މުއްދަތެކެވެ.

ނަމަވެސް, އެ މުއްދަތަށް ފުރަތަމަ ހިއްކާ ސައިޓު ވެސް ނުނިމެ އެވެ. ރައީސް ވިދާޅުވި މުއްދަތު ހަމަވާނެ ތާރީހަކީ މި އަހަރުގެ އޮކްޓޯބަރު 18، ކަމަށްވާއިރު މިހާރު ހުރި ސްޕީޑުގައި އެ ހިސާބަށް އަންނަންވާއިރު ފުށިދިއްގަރު ފަޅު ހިއްކައި ނުނިމޭނެ އެވެ. ރައީސްގެ ލެގަސީ ޕްރޮޖެކްޓުގެ ޓައިމްލައިން ރިވައިޒް ކުރަން ޖެހޭނެ އެވެ.