Advertisement

އަލް ހިލާލުން އަލް ނަސްރު ކަޓުވާލިއިރު، ރޮނާލްޑޯ އަށް ރަތެއް

9 އޭޕްރީލް 2024 - 12:39 0


އަލް ހިލާލުން އަލް ނަސްރު ކަޓުވާލިއިރު، ރޮނާލްޑޯ އަށް ރަތެއް

9 އޭޕްރީލް 2024 - 12:39 0

ރިޔާދު (އޭޕްރީލް 9) - ސައުދީ ސުޕަ ކަޕްގެ ސެމީ ފައިނަލުގައި އަލް ހިލާލް އަތުން 2-1 އިން ބަލިވެ، އަލް ނަސްރު ކެޓިއިރު، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތެއް ދައްކައިފި އެވެ.

ހިލާލުން ދެ ގޯލުގެ ލީޑެއްގައި އޮއްވައި، މެޗުގެ 86 ވަނަ މިނިޓްގައި ރޮނާލްޑޯ އަށް ރަތެއް ދެއްކީ، ފައުލެއް ކުރުމަށް ފަހު، ކުޅުންތެރިއަކަށް ހަމަލާދިނުމުންނެވެ. އެ ގޮތުން، ރޮނާލްޑޯ ވަނީ ބޯޅަ ނެތިސް ކުޅުންތެރިއަކަށް ހަމަލާ ދިނުމަށް ފަހު، ރެފްރީގެ ނިންމުމަށް ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ސައުދީ ޕްރޯ ލީގުގެ އެއް ވަނައިގައި އޮތް ހިލާލުން ރޭގެ މެޗުގައި ލީޑުނެގީ، 61 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ސައުދީ ގައުމީ ޓީމުގެ ކެޕްޓަން، ސަލީމް އަލް ދައުސާރީ އެވެ. އޭގެ 11 މިނިޓް ފަހުން، ހިލާލުން ދެ ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖެހީ އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްެގެ ވިންގް، މަލްކޮމް އެވެ.

ދެ ގޯލު ފަހަތުން އަރައި ނަތީޖާ ބަދަލުކޮށްލުމުގެ ޗެލެންޖް ބޮޑުވެ، ޕްރެޝަރުގައި ރޮނާލްޑޯ އަށް ހެދުނު ގޯހެއްގެ ސަބަބުން އޭނާ އަށް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ހަތަރު މިނިޓް ކުރިން ރަތެއް ދައްކައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް އަލް ނަސްރުން ހިތްވަރު ދެއްކި އެވެ. ނަތީޖާ އަކަށްވީ އިތުރު ވަގުތުގެ ނުވަ ވަަނަ މިނިޓްގަ އެވެ. އަލް ނަސްރުން ގޯލެއް ޖަހައި، ފަރަގު ކުޑަކުރުމެވެ. މި ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ. އިތުރު ގޯލެއް ޖަަހަން ވަގުތު ނުލިބި، މެޗުން ބަލިވުމުން އަލް ނަސްރު ކެޓީ އެވެ.

މި މަހު 11 ވަނަ ދުވަހު ކުޅޭ ސުޕަ ކަޕް ފައިނަލުގައި ހިލާލުން ބައްދަލުކުރާނީ އަލް އިއްތިހާދާ އެވެ.