9 އޭޕްރީލް 2024 - 13:02 0
ނިމާ ހަސަން
ޅައިމަގު; ޅައިމަގު މަޝްރޫއުތަކަށް އެރަށަށް ގެންގޮސްފައި ހުރި ހިލަ އިހަވަންދޫއަށް ގެންދާ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ: ބާޑުއައި
9 އޭޕްރީލް 2024 - 13:02 0
ށ. ޅައިމަގުގެ ތަރައްގީގެ މަޝްރޫއުތަކަށް އެ ރަށަށް ގެންގޮސްފައި ހުރި ހިލަތަށް އެހެން ރަށަކަށް ގެންދަން މަސައްކުރާ ކަމަށް އެ ރަށު ކައުންސިލުން ތުހުމަތުކޮށްފި އެވެ.
ޅައިމަގުގައި ހުރީ އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫއަށް ގެންގޮސްފައި ހުރި ހިލަތަކެކެވެ. އެ މަސައްކަތް ކުރިއަށް ނުގޮސް މަޑުޖެހިފައިވާއިރު, އެ ރަށަށް ގެންގޮސްފައިވާ ހިލަތަކުގެ ތެރެއިން 3500 ޓަނުގެ ހިލަ ވަނީ އެހެން ރަށަކަށް ގެންގޮސްފަ އެވެ.
މިކަމާ ގުޅޭ މައުލޫމާތު ދެމުން ޅައިމަގު ކައުންސިލުގެ ރައީސް އާދަމް އަޒްމީރު 'އަދަދު' އަށް ވިދާޅުވި އެ ރަށުގެ މަޝްރޫއުތަކަށް ގެންގޮސްފައި ހުރި ހިލަތަކުގެ ތެރެއިން ބައެއް ގެންދިޔަ ކަމަށް، އޭނާއަށް ގަބޫލުކުރެވޭ ގޮތުގައި، ހއ. އިހަވަންދޫއަށެވެ.
ހިލަތައް ގެންދިޔަ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ އުއްމީދު ކޮށްގެން ތިބީ މީގެ ކުރީ ސަރުކާރެކޭ އެއްގޮތަށް ކުދި ރަށްތަކަށް އަޅާލާ ސަރުކާރެއްގެ ގޮތުގައި މި ސަރުކާރު ވެސް ވެގެން ދިއުމަށް ކަމަށެވެ. ނަމަވެސް ފެންނަ މަންޒަރު ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެންނަ މަންޒަރަކީ އަޅުގަނޑުމެންގެ އާބާދީ ކުޑަވީމައި, ބޮޑެތި އާބާދީތައް ހިތްހަމަޖައްސައިދިނުމަށް މި ކުދި ރަށްރަށުގައި ހުންނަ ރިސޯސެސް އެހެން ރަށްރަށަށް ޝިފްޓު ކުރެވިގެން ދާތަން," 840 މީހުންގެ އާބާދީ އޮންނަ ޅައިމަގު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އަޒްމީރު ވިދާޅުވީ މިކަމުގެ ނަތީޖާއެއްގެ ގޮތުން ކުދި ރަށްރަށުގައި ކުރިއަށްދާ ޕްރޮޖެކްޓުތައް އާހިރުގައި ހުއްޓިގެން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޅައިމަގުގައި ހިންގަން ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ހުރި ސަބަބު ނޭނގޭކަން ފާހަގަކުރައްވާ އަޒްމީރު ވިދާޅުވީ އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުއަށް ރައްޔިތުން ބޭނުންވި ބަދަލުތައް ގެނެސް ކުރިއަށް ގެންދަން މިނިސްޓްރީއާ އެއްބަސްވެ ނިމިފައިވާ ކަމަށެވެ.
"ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުއާއެކު ރައްޔިތުން ބޭނުންވާ މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރަން. އެ ބަދަލު ގެނައުމަށް މިނިސްޓްރީއާއެކު މަޝްވަރާކޮށް, އެކަމަށް ހުއްދަ ވެސް ލިބިފައި ވަނީ, ނުފެށި އުޅެނީ ކީއްވެކަން ނޭނގެ" އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަން ގެންގޮސްފައި ހުރި ސާމާނު އެހެން ރަށްރަށަށް ގެންދާ މައްސަލައިގައި ސަރުކާރުން އަދި އެއްޗެއް ނުބުނެ އެވެ.
Comment