Advertisement

ހުލާސާކޮށް އިއްޔެ: މައުލޫމާތު ހާމަކުރަން ރައީސް ވައުދުވި ގޮތަށް އަމަލެއް ނުކުރޭ!

9 އޭޕްރީލް 2024 - 06:40 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް މުއިއްޒުގެ ކެބިނެޓު ބައްދަލުވުމެއް. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: މައުލޫމާތު ހާމަކުރަން ރައީސް ވައުދުވި ގޮތަށް އަމަލެއް ނުކުރޭ!

9 އޭޕްރީލް 2024 - 06:40 0

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމަށް ހުށަހަޅައި އެ މައުލޫމާތު ނުލިބިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އާ ހަމައަށް އައިސްފައިވާ މައްސަލަތަކުގެ އަދަދު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 58 ޕަސެންޓުން އިތުރުވެއްޖެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އެކްސްގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ އަޅާކިޔާއިރު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު މައުލޫމާތު ހޯދުމުގައި ގޮންޖެހުންތައް ވަނީ އިތުރުވެފަ އެވެ.

އެގޮތުން, އިދާރާތަކުން މައުލޫމާތު ނުދީގެން 139 މައްސަލައެއް އައިކޮމްއަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 90 ޕަސެންޓު ރިކުއެސްޓްތަކަށް އިދާރާތަކުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އާހިދު ހާމަކުރައްވާފައިވެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި 581 އާރުޓީއައި ރިކުއެސްޓް އެކި އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް އާހިދު ވިދާޅުވި އެވެ. އޭގެ ތެރެއިން ބަލައިގަނެފައިވަނީ އެންމެ 48 ޕަސެންޓު ރިކުއެސްޓެވެ.

މައުލޫމާތަށް އެދި ހުށަހަޅާ މަހޯލި ޕޯޓަލް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަށް ޖަވާބުދާރީވުމަށް ގިނަ އަދަދެއްގެ އިދާރާތަކުން ފެއިލްވެފައިވާ ކަމަށް ކަންބޮޑުވުން ފާޅުކުރައްވަމުން އާހިދު ވިދާޅުވި އެވެ.

"އަދަދު" ނޫހުގެ ފަރާތުން ވެސް ގިނަ މައުލޫމާތުތަކެއް ހޯދުމަށް ދައުލަތުގެ އެކި އިދާރާތަކަށް ހުށަހެޅި ހުށަހެޅުންތައް ބަލައިގަނެފައި ނުވާއިރު ޖަވާބު ލިބިފައިވަނީ މަދު އިދާރާއަކުންނެވެ. ގިނަ އިދާރާތަކުން ހުށަހެޅުންތައް ބަލައިގަނެފައި ވެސް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގަތުމަށް ފަހު ޑިސެމްބަރު 5, 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ސަރުކާރުން މައުލޫމާތު ހޯދަން އާރުޓީއައި ލާން ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މަޢުލޫމާތު ހިއްސާ ކުރާނެ..... ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތް ވެސް ހާމަކުރަމުންދާނެ. ތިޔަބޭފުޅުން އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއް ނުވޭ ދާންޖެހޭނެހެނެއް އެނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ," އެ ދުވަހު ރައީސް ވިދާޅުވި އެވެ.

މުހިއްމު ބައެއް ހަބަރު