Advertisement

ކުޅުދުއްފުށިން ކަރަންޓު ކެނޑެމުން ދާތީ، މި މަހުގެ ބިލުން 50 ޕަސެންޓު ޑިސްކައުންޓު ދެނީ

8 އޭޕްރީލް 2024 - 21:45 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުޅުދުއްފުށި ސިޓީ: ބިލުން ބޮޑު ބަޔެއް އުނިކޮށްދިނީ ކަރަންޓު ކެނޑޭ މައްސަލައިގައި ---


ކުޅުދުއްފުށިން ކަރަންޓު ކެނޑެމުން ދާތީ، މި މަހުގެ ބިލުން 50 ޕަސެންޓު ޑިސްކައުންޓު ދެނީ

8 އޭޕްރީލް 2024 - 21:45 0

ހދ. ކުޅުދުއްފުށި ސިޓީން މިދިޔަ މަހު އެކި ސަރަހައްދުތަކުން ކޮންމެ ވެސް އެއް ވަގުތުކޮޅަކަށް ކަރަންޓު ކަނޑާލަން ޖެހުމުގެ މައްސަލަ ހައްލު ނުވެ ދެމިގެންދާތީ އެ ކަމުގެ ޒިންމާ އުފުޅުމުގެ ގޮތުން އެ ސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލުން ބައެއް ހެޔޮ ކޮށްދިނުމަށް ފެނަކައިން ނިންމައިފި އެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ފެނަކައިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރު ވެސް އެ ސިޓީއަށް އާ ޖެންސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އެއިން ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ.

މައްސަލަ ހައްލު ވަން ދެން، ރައްޔިތުންނަށް ކުރިމަތިވި ތަކުލީފުތަކަށް ލުޔެއް ދިނުމުގެ ގޮތުން މި އޭޕްރީލް މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓް ޑިސްކައުންޓެއް ގޭބިސީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މި ނިމިގެންދާ ރަމަޟާން މަހު ކަރަންޓުގެ ހިދުމަތް ލިބުމުގައި ދިިމާވި ދަތިތަކުގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ ލޮބުވެތި ރައްޔިތުން އުފުލަން ޖެހުނު ތަކުލީފުތަކަކީ މި ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމަކަށް ވާތީ، އެ ކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން ކުޅުދުއްފުށީގެ ރައްޔިތުންނަށް މި ހިނގާ އޭޕްރީލް މަހުގެ ކަރަންޓު ބިލުން 50 ޕަސެންޓު ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަން ދަންނަވަން،" ފެނަކައިން ބުންޏެވެ.

ކުޅުދުއްފުށީގެ ގޭބިސީތަކުން ކަރަންޓު ކެނޑެމުންދާތާ އަދި ކެޕޭސިޓީއަށް ދިމާވާ މައްސަލަތަކާ ގުޅިގެން އެކި ސަރަހައްދުތަކުން ކޮންމެ ދުވަހަކު އެކި ގަޑިތަކަށް ކަރަންޓު ކަނޑަން ޖެހިފައިވާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. އެހެންވެ ރޯދަ މަހު ބައެއް ގޭގެއިން ރޯދަ ވީއްލާ ވަގުތު ވެސް ކަރަންޓު ނުލިބި އެވެ.

މި ފަހުން ވަރަށް ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މައްސަލަތަކެއް ދިމާވެފައިވެ އެވެ. އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ޅ. ނައިފަރު، ރ. ދުވާފަރު، ހއ. ދިއްދޫ ފަދަ އާބާދީ ބޮޑެތި ރަށްރަށް އޭގެ ތެރޭގައި ހިމެނެ އެވެ.

އޭގެ ތެރެއިން ފެނަކައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ހަ ރަށަކަށް އާ ޖެނެރޭޓަރުތައް ވެސް ފޮނުވާފައިވެ އެވެ. އޭގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ހިމެނެ އެވެ. ދެން ހިމެނެނީ ގދ. ހޯޑެއްދޫ، ހއ. ދިއްދޫ، ރ. މީދޫ، އަދި އައްޑޫ ސިޓީ އެވެ.