Advertisement

އިންޑިއާގެ ދިދައަށް މަލާމާތް ކުރުމާއެކު ފާޑުކިޔުން އަމާޒުވުމުން ސަސްޕެންޝަނުގައި ހުރި ޑެޕިއުޓީ މިނިސްޓަރު ޝިއުނާ މާފަށް އެދިއްޖެ

8 އޭޕްރީލް 2024 - 13:19 4

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަސްޕެންޝަނުގައި ހުރި ޑެޕިއުޓީ މިނިސްޓަރު ޝިއުނާ: ޝިއުނާ ވިދާޅުވީ އިންޑިއާ ދިދައިގެ ބައެއް ޕޯސްޓުގައި ހިމެނުނީ އޮޅުމަކުން ކަމަށް - ފޮޓޯ: އަދަދު


އިންޑިއާގެ ދިދައަށް މަލާމާތް ކުރުމާއެކު ފާޑުކިޔުން އަމާޒުވުމުން ސަސްޕެންޝަނުގައި ހުރި ޑެޕިއުޓީ މިނިސްޓަރު ޝިއުނާ މާފަށް އެދިއްޖެ

8 އޭޕްރީލް 2024 - 13:19 4

އިދިކޮޅު އެމްޑީޕީގެ މަޖިލިސް ކެމްޕޭނު ޕޯސްޓަރުގައި އަވަށްޓެރި އިންޑިއާގެ ދިދައިގެ ބައެއް ހިމަނާ އެ ގައުމުގެ ދިދައަށް މަލާމާތް ކުރި މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ މާފަށް އެދިއްޖެ އެވެ.

މާފަށް އެދި ޝިއުނާ އެކްސްގައި ކުރި ޕޯސްޓުގައި ވަނީ އެ ޕޯސްޓުގައިވާ ކޮންޓެންޓު އޮޅުނު އަދި އޭގެ ސަބަބުން ނުރުހުނު މީހުންގެ ސަބަބުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އިންޑިއާގެ ދިދަޔާ އެއްގޮތް ޑިޒައިނެއް ބޭނުންކުރެވުނީ 'އޮޅުމަކުން' ކަމަށާއި އެއްވެސް ވަރަކަށް އިންޑިއާއަށް މަލާމާތް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އޭނާގެ ޕޯސްޓުގައިވެ އެވެ.

އިންޑިއާ ދިދައިގެ މައްސަލައިގައި މާފަށް އެދުނު ނަމަވެސް، ފާޑުކިޔުން އަމާޒުވީ ޕޯސްޓުގައި ބީޖޭޕީގެ ލޯގޯ ހިމެނި ސަބަބެއް މާފަށް އެދެމުން ކުރި ޕޯސްޓުގައި ޝިއުނާ ލިޔުއްވާފައި ނެތެވެ.

އިންޑިއާގެ ދިދަޔަށް މަލާމާތް ކުރި ޕޯސްޓު ޝިއުނާ ހިއްސާކުރީ ހޮނިހިރު ދުވަހުގެ ރޭ 11:37 ގަ އެވެ. އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައިވާ ފޮޓޯގައި އެމްޑީޕީގެ ކެމްޕޭން ސްލޯގަން "މިސްރާބު ހަމަމަގަށް" ގެ ބަދަލުގައި ޖަހާފައިވަނީ "މިސްރާބު އަނގަވަތަށް" މިހެންނެވެ. އަދި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލޯގޯ ވެސް ހިމަނާފައިވެ އެވެ.

މިި ޕޯސްޓަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ޝިއުނާ ވަނީ އޭނާގެ ޕޯސްޓު ޑިލީޓުކޮށް، އެކްސް އެކައުންޓުގެ މައުލޫމާތު ބައިން "ޑެޕިއުޓީ މިނިސްޓަރު" އުނިކޮށްފަ އެވެ.

ޝިއުނާގެ ޕޯސްޓާ ގުޅިގެން އިންޑިއާގެ އާންމުންނާއި ނޫސްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި އޭނާއަކީ މިހާރު ވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަލާމާތްކޮށްފައިވާ މީހެއް ކަމަށް ބުނެ އޭނާ މަގާމުން ވަކިކުރަން ދިވެހި ސަރުކާރަށް ގޮވާލާފައިވެ އެވެ.

މޯދީއަށް މަލާމާތްކުރި މައްސަލައިގައި ޖެނުއަރީން ފެށިގެން ޝިއުނާ އާއި ޔޫތު މިނިސްޓްރީގެ އެހެން ދެ ނައިބަކު ތިބީ ސަސްޕެންޝަނުގަ އެވެ. މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެ، ހާރިޖީ ގުޅުމަށް އަސަރުކުރާ ހިސާބަށް ކަންކަން ދިޔަ އެވެ.