Advertisement

ވަގުތުން ވަގުތަށް ޓުޗެލް ވަކިކުރަން ޖެހޭ: މަތެއުސް

8 އޭޕްރީލް 2024 - 12:01 0


ވަގުތުން ވަގުތަށް ޓުޗެލް ވަކިކުރަން ޖެހޭ: މަތެއުސް

8 އޭޕްރީލް 2024 - 12:01 0

މިއުނިކް (އޭޕްރީލް 8) - ބަޔާން މިއުނިކްގެ ކޯޗުކަމުން ތޯމަސް ޓުޗެލް، ވަގުތުން ވަގުތަށް ވަކިކުރަން ޖެހޭ ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ލެޖެންޑް، ލޯތާ މަތެއުސް ބުނެފި އެވެ.

ޖަރުމަނު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން، އެފްސީ ހެއިޑެންހައިމް އަތުން 3-2 އިން ބަޔާން މިއުނިކް ބަލިވުމާ އެކު، އެ ޓީމަށް 10 އަހަރަށް ފަހު ޖަރުމަނު ލީގު ތަށި ގެއްލުނުކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ.

ބަޔާން ކޯޗު ޓުޗެލް ވެސް ވަނީ ލީގު ދިފާއުކުރުމުގެ މަސައްކަތުގައި ދެން "އުންމީދެއް ނެތް" ކަމަށް ބުނެ، އެއް ވަނައިގައި އޮތް ލެވަކޫސަނަށް މަރުހަބާ ކިޔައިފަ އެވެ. އެއީ، މީގެ އެއް ހަފްތާ ކުރިން، އަމިއްލަ ދަނޑުގައި ޑޯޓްމަންޑް އަތުން ބަޔާން ބަލިވި މެޗަށް ފަހު އެވެ.

އަލަށް ޕްރޮމޯޓްވި ހެއިޑެންހައިމް އިން ފަހަތުން އަރައި، ބަޔާން ބަލިކުރިއިރު، އެ ނަތީޖާ އަކީ ބަޔާނުން ވަރަށް ބޮޑަށް ފަހަތަށް އެޅި ފިޔަވަޅެކެވެ. އެ ގޮތުން، 2011/2012 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ބަޔާން މި ވަނީ ލީގުގައި ފަސް މެޗަށް ވުރެ ގިނައިން ފުރަަތަމަ ފަހަރަށް ބަލިވެފަ އެވެ. އަނެއްކޮޅުން، ހެއިޑެންހައިމް އަތުން ބަޔާން ބަލިވިއިރު، މިއީ ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން މިދިޔަ 24 އަހަރު ތެރޭ ބަޔާން ބަލިވި ފުރަަތަމަ ފަހަރެވެ.

ބަޔާންގެ ކުރީގެ ކުޅުންތެރިޔާ، މަތެއުސް ބުނީ، އެ ކްލަބުން، ސީޒަން ނިމެންދެން ޓުޗެލް މަގާމުން ދުރުނުކޮށް ހުރުން އެއީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.

"އަހަންނަށް ނުފެނޭ ކުޅުންތެރިންނާއި ކޯޗުގެ ގުޅުމެއް. ޔަގީނުން ވެސް ކޯޗާ މެދު ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެ، ދެން ޓީމަކަށް މި އަށް ވުރެ ބޮޑު ގެއްލުމެއް ނޯންނާނެ. އަހަރެން ދެކޭގޮތުގައި ވަގުތުން ޓުޗެލް މަގާމުން ދާން ޖެހޭ،" މަތެއުސް ބުންޏެވެ.

ބަޔާނުން ވަނީ ޓުޗެލްއާ އެކު، ސީޒަން ނިމެންދެން ކުރިއަށްދިއުމުގެ ނިންމުމަށް، އަމަލުކުރާނެ ކަމަށް ހާމަކޮށް މީޑިއާ އަށް ބަޔާނެއް ނެރެފަ އެވެ.

ދެން އެންމެ އަވަހަށް ބަޔާނުން ކުޅޭ މެޗަކީ، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލާ ދެކޮޅަށް ނުކުންނަ މެޗެވެ.