Advertisement

ބަޔާން ބަލިވެ، ލެވަކޫސަން ލީގު ތަށްޓާ ފިޔަވަޅަކާ ގާތަށް

6 އޭޕްރީލް 2024 - 21:07 0


ބަޔާން ބަލިވެ، ލެވަކޫސަން ލީގު ތަށްޓާ ފިޔަވަޅަކާ ގާތަށް

6 އޭޕްރީލް 2024 - 21:07 0

ބާލިން (އޭޕްރީލް 6) -ޖަރުމަނު ލީގުގައި އެފްސީ ހެއިޑެންހައިމް އަތުން 3-2 އިން ބަޔާން މިއުނިކް ބަލިވިއިރު، ޔޫނިއަން ބާލިން އަތުން 1-0 އިން ކުރިހޯދައި، ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ބަޔާ ލެވަކޫސަނުން ޖެހިލައިފި އެވެ.

މިރޭގެ ނަތީޖާއާ އެކު، ލީގުގެ އެއް ވަނައިގައި ލެވަކޫސަނަށް ވަނީ 16 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ބާކީ އޮތް ހަތް މެޗުން ލެވަކޫސަނަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން ބޭނުންވަނީ އެންމެ މޮޅެކެވެ. މީގެ ކުރިން، ފަސް ފަހަރެއްގެ މަތިން ލީގު ދެ ވަނަ އަށް ގޮސްފައިވާ، ލެވަކޫސަނުން މި ފަހަރުގެ ސީޒަނުގެ ހުރިހާ މުބާރާތެއްގައި މިހާތަނަށް ކުޅުނު 41 މެޗުން ބަލިވެފައިނުވެ އެވެ. އެންމެ ފަހުން 10 އަހަރު ޗެމްޕިއަންކަން ހޯދި ބަޔާނަށް މިއީ ދަށް ސީޒަނެކެވެ.

އެ ގޮތުން، 2011/2012 ވަނަ އަހަރުގެ ސީޒަނުގެ ފަހުން ބަޔާން މި ވަނީ ލީގުގައި ފަސް މެޗަށް ވުރެ ގިނައިން ފުރަަތަމަ ފަހަރަށް ބަލިވެފަ އެވެ. އަނެއްކޮޅުން، މިރޭ ހެއިޑެންހައިމް އަތުން ބަޔާން ބަލިވިއިރު، މިއީ ލީގަށް އަލަށް ޕްރޮމޯޓްވި ޓީމެއް އަތުން މިދިޔަ 24 އަހަރު ތެރޭ ބަޔާން ބަލިވި ފުރަަތަމަ ފަހަރެވެ.

ލީގުގެ އެއް ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ 28 މެޗުން 76 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބަޔާން އަށް ވަނީ 28 މެޗުން 60 ޕޮއިންޓް ލިބިފަ އެެވެ.

ޔޫނިއަން ބާލިން ދަނޑުގައި ކުޅުނު މެޗުގައި ލެވަކޫސަނުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ޕެނަލްޓީ އަކުން ޖެހީ ފްލޯރިއަން ވާޓްޒް އެވެ. ދެ ވަނަ ހާފުގައި ޔޫނިއަން ބާލިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި، ޔޫނިއަން ބާލިންގެ ރޮބިން ގޮޒެންސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.

ބަޔާނުން ވަނީ ފުރަތަމަ ހާފުގައި ހެރީ ކޭން އާއި ސާޖް ގްނަބްރީގެ ލަނޑުތަކުން ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެކަމަކު، ހެއިޑެންހައިމް އިން ވަނީ ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. ބަދަލަކަށް ކުޅެން އެރި، ކެވިން ސެސާ، މެޗުގެ 50 ވަނަ މިނިޓްގައި ހެއިޑެންހައިމް އަށް ފުރަތަމަ ލަނޑު ޖެހިތާ މިިނިޓެއް ނުވަނީސް އެ ޓީމުގެ ޓިމް ކްލައިންޑައިންސްޓް ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެ ޓީމު މޮޅުވި ގޯލު ކްލައިންޑައިންސްޓް ޖެހީ މެޗުގެ 79 ވަަނަ މިނިޓްގަ އެވެ.