Advertisement

ޗެލްސީގެ ސަޕޯޓަރުން އަހަރެން ބަލައިގަންނާނެ: ޕޮޗެޓީނޯ

6 އޭޕްރީލް 2024 - 13:08 0


ޗެލްސީގެ ސަޕޯޓަރުން އަހަރެން ބަލައިގަންނާނެ: ޕޮޗެޓީނޯ

6 އޭޕްރީލް 2024 - 13:08 0

ލަންޑަން (އޭޕްރީލް 6) - ޗެލްސީގެ ސަޕޯޓަރުން އޭނާގެ މަސައްކަތް ބަލައިގަންނާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ޓީމާ ހަވާލުވެހުރި އާޖެންޓީނާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މި ސީޒަނުގައި ޗެލްސީއާ ހަވާލުވި، ސައުތެމްޓަން އާއި ޓޮޓެންހަމް ހޮޓްސްޕާސް އަދި ޕީއެސްޖީގެ ކުރީގެ ކޯޗު ޕޮޗެޓީނޯ އަށް އަދި ޗެލްސީގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެ، ޓީމުގެ ފޯމު ދެމެހެއްޓެނިވި ލެވަލެއްގައި ރަނގަޅެއް ނުކުރެވެ އެވެ. އެހެންވެ، ޗެލްސީގެ ސަޕޯޓަރުންނާއި ކުރީގެ ކުޅުންތެރިންގެ ނުރުހުން ޕޮޗެޓީނޯ އަށް ވަނީ އަމާޒުވެފަ އެވެ.

އެކަމަކު، ޕޮޗެޓީނޯ ގަބޫލުކުރާގޮތުގައި، ބުރާސްފަތި ދުވަހުގެރޭ ފަހަތުން އަރައި، 4-3 އިން މެންޗެސްޓާ ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި މެޗުގައި ފެނިގެންދިޔަ ކަންތައްތަކާ ހެދި ހާލަތު ބަދަލުވާނެ ކަމުގެ އުންމީދު ލިބިފައިވާ ކަމަށެވެ.

"އަހަރެން ވަރަށް އުފަލުން މިހުރީ. އެއީ ފުރަތަމަ ފަހަރަށް އެ މެޗުގައި އަހަންނަށް އިހުސާސް ކުރެވުނު ސަޕޯޓަރުންނާ އަހަންނާ ދެމެދު ގުޅުމެއް އޮތްކަން. އުންމީދަކީ އެ ގުޅުން ވަރުގަދަވުން، އަހަރެން އަބަދުވެސް ބުނަން ސަޕޯޓަރުން އަހަރެންގެ މަސައްކަތް ބަލައިގަންނާނެ ކަމަށް، މިއީ އޭގެ ފެށުމެއް،" ޕޮޗެޓީނޯ ބުންޏެވެ.

އޭނާ ބުނީ ކޮންމެ ކުޅިވަރެއްގައި ވެސް ސަޕޯޓަރުންނަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި ފުޓްބޯޅަ ކްލަބެއް ރަނގަޅު މިސްރާބެއްގައި ކުރިއަރައިގެން ދިއުމުގައި ސަޕޯޓަރުންނަށް އިސް ރޯލެއް ކުޅެވޭނެ ކަމަށާއި ބޭނުންވަނީ މި ސީޒަނުގެ ބާކީ ބައިގައި، ސަޕޯޓަރުންނާ ގުޅިގެން ޗެލްސީގެ ހާލަތު ބަދަލުކުރުން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެެވެ.

ޗެލްސީ މި ވަގުތު ލީގުގެ 10 ވަނައިގައި އޮތީ 29 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ދެން ޗެލްސީ ކުޅޭ މެޗުގައި މާދަމާރޭ ރަށުންބޭރުގައި ކުޅޭނީ ތާވަލުގެ އެންމެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާ އެވެ.