Advertisement

ކެޕްޓަންކަމުގެ މައްސަލަ ހޫނުވެ ރޯހިތު އެންމެ ފަހުން މުމްބައި ދޫކޮށްލަނީ

6 އޭޕްރީލް 2024 - 12:53 0

މުމްބައިގެ މިހާރުގެ ކެޕްޓަން ހާޑިކް (ކ) އާއި ކުރީގެ ކެޕްޓަން ރޯހިތު


ކެޕްޓަންކަމުގެ މައްސަލަ ހޫނުވެ ރޯހިތު އެންމެ ފަހުން މުމްބައި ދޫކޮށްލަނީ

6 އޭޕްރީލް 2024 - 12:53 0

މުމްބައި، އިންޑިއާ (އޭޕްރީލް 6) - މުމްބައި އިންޑިއަންސްގެ ކެޕްޓަންކަން ރޯހިތު ޝަރްމާ އަތުން ނެގި މައްސަލައިގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެންމެ ފަހުން އޭނާ އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުމްބާއީ އިންޑިއަންސްގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ، އެންމެ ފުރަތަމަ 2013 ވަނަ އަހަރު ކެޕްޓަނަކަަށް ހަމަޖެއްސި ރޯހިތު އެވެ. މުމްބާއީ އިން ފަސް ތަށި ހޯދިއިރު، ވެސް ޓީމުގެ ކެޕްޓަނަކީ، ރޯހިތު އެވެ.

އެކަމަކު، މި ފަހަރުގެ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)އާ ދިމާކޮށް، މުމްބައި އިން ވަނީ ގުޖުރާތު ޓައިޓަންސްގެ ކެޕްޓަން، ހާޑިކް ޕާންޑްޔާ ގެނެސް އޭނާ އަށް ޓީމުގެ ކެޕްޓަންކަން ދީފަ އެވެ. ހާޑިކް ވަނީ 2016 އިން 2021 އަށް މުމްބައި އަށް ކުޅެފަ އެވެ. އަލުން މުމްބައި އަށް އަންނަން ހާޑިކް ޝަރުތުކުރީ އެ ޓީމުގެ ކެޕްޓަންކަމަށެވެ.

މި ފަހަރުގެ އައިޕީއެލްގައި މި ވަގުތު އެންމެ ފުލުގައި އޮތް ޓީމަކީ، މުމްބައި އެވެ. މުމްބައި މިހާ ދަށަށް ވެއްޓިފައި އޮތީ، އެ ޓީމުގެ ކެޕްޓަންކަން ބަދަލުކުރި ގޮތުންކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މުމްބައި ކުޅޭ މެޗުތަކުގައި އެ ޓީމުގެ ކެޕްޓަން، ހާޑިކް އަށް އަމާޒުކޮށް ސަޕޯޓަރުން އަޑުގަދަކޮށް ވެސް ހަދަ އެވެ. އެއީ، ރޯހިތު އަށް އޮތް ސަޕޯޓް ދައްކައިދިނުމުގެ ގޮތުންނެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ދާދި ފަހުން، މުމްބައި ޓީމުގެ މެނޭޖްމަންޓުން ވަނީ އަލުން ރޯހިތު އަށް ކެޕްޓަން ބޭންޑް ހަވާލުކުރަން މަޝްވަރާކޮށްފަ އެވެ. އެކަމަކު، ރޯހިތު ވަނީ އެ ފުރުސަތަށް ފުރަގަސްދިނުމަށް ފަހު، އަންނަ ސީޒަނުގައި އެ ޓީމަށް ނުކުޅެ، މެގަ އޯކްޝަންގައި ބައިވެރިވާނެ ކަމަށް އެ ޓީމަށް އަންގައިފަ އެވެ.

މުމްބައި ދެން ކުޅޭ މެޗު އޮތީ މާދަމާރޭ ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށެެވެ.