Advertisement

އައިޕީއެލް: ހައިދަރުއާބާދުން ރެކޯޑަކާ އެކު ލަކްނައު ބަލިކޮށް ފޯމަކަށް

9 މޭ 2024 - 10:46 0


އައިޕީއެލް: ހައިދަރުއާބާދުން ރެކޯޑަކާ އެކު ލަކްނައު ބަލިކޮށް ފޯމަކަށް

9 މޭ 2024 - 10:46 0

ހައިދަރުއާބާދު، އިންޑިއާ (މެއި 9) - އިންޑިއަން ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން، ސަންރައިޒާސް ހައިދަރުއާބާދުން ރެކޯޑަކާ އެކު 10 ވިކެޓުން ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކޮށް މުބާރާތުގައި ކުރިއަށް ދިއުމަށް ފޯމު ރަނގަޅުކޮށްފި އެވެ.

މިއީ، މި ފަހަރުގެ މުބާރާތުގައި ހައިދަރުއާބާދު ޓީމުން ރެކޯޑަކާ އެކު މޮޅެއް ހޯދި ހަތަރު ވަނަ ފަހަރެވެ. ހައިދަރުއާބާދުން ވަނީ މި ފަހަރު، އަައިޕީއެލްގެ އިނިންސެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް ދެ ފަހަރެއްގެ މަތިން މުގުރާލައިފަ އެވެ. އަދި ޕަވަޕްލޭގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯވެސް ހެދި އެވެ.

ރޭގެ މެޗުގައި، ލަކްނައު ބަލިކުރި މެޗުގައި، 9.4 އޯވަރު ކުޅެގެން ނަތީޖާ އަނބުރާލައި، 62 ބޯޅަ ބާކީ އޮއްވައި މެޗުން މޮޅުވެ، އެންމެ އަވަހަށް މެޗެއްގެ ނަތީޖާ އަނބުރާލުމުގެ ރެކޯޑް ހެދީ އެވެ. މީގެ ކުރިން މި ރެކޯޑް އޮތީ، އޮސްޓްރޭލިއާގެ ބިގްބޭޝްލީގުގައި ބާކީ 60 ބޯޅަ އޮއްވައި، ބްރިސްބޭން ހީޓުން ހޯދި މޮޅާ އެކު އެވެ.

ލަކްނައު އިން ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ. އެ ޓީމުން 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 165 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ނިކޮލަސް ޕޫރަން އާއި އަޔޫޝް ބަދޯނީ އެވެ. ޕޫރަން ވަނީ 48 ލަނޑު ހެދިިއިރު، ބަދޯނީ ވަނީ 55 ލަނޑު ހަދައިފަ އެވެ. ލަކްނައުގެ ކެޕްޓަން، ކޭއެލް ރާހުލް ނުބައިވީ 29 ލަނޑު ހަދައިފައިވަނިކޮށެވެ.

މި އިނިންސްގައި ހައިދަރުއާބާދުގެ ބުވްނޭޝްވަރު ކުމާރު ދެ ވިކެޓް ނެގި އެވެ.

ޖަވާބުގައި ކުޅެން އަރައި، 9.4 އޯވަރު ތެރޭގައި ނަތީޖާ އަނބުރާލީ، ހައިދަރުއާބާދުގެ އަބިޝޭކް ޝަރްމާ އާއި ޓްރަވިސް ހެޑްގެ ޕާޓްނަޝިޕުންނެވެ. ހެޑް ވަނީ 30 ބޯޅައިން 89 ލަނޑު ހަދައިފަ އެވެ. އަށް ފަހަރު ހަޔަކަށް އަދި އަށް ފަހަރު ހަތަރަަކަށް ޖެހި އެވެ. އަބިޝޭކް، 28 ބޯޅައިން 75 ލަނޑު ހަދައިފަ އެވެ. އެއީ، ހަ ފަހަރު ހަޔަކަށް އަދި އަށް ފަހަރު ހަތަރަކަށް ޖަހައިގެންނެވެ.

މި މޮޅާ އެކު، ހައިދަރުއާބާދު އޮތީ 12 މެޗުން 14 ޕޮއިންޓާ އެކު ތާވަލުގެ ތިން ވަނައިގަ އެވެ. ޕްލޭއޮފްގެ ޖާގައެއް ހޯދަން އެ ޓީމަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ. ލަކްނައު އަށް 12 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ހަ ވަނައިގަ އެވެ.

ލީގުގައި މިރޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރުން ކުޅޭނީ ޕަންޖާބް ކިންގްސްއާ އެވެ.