Advertisement

ސަރުކާރުން އެދުމުން، އަސާސީ މުދަލުގެ ކޯޓާ އިންޑިއާއިން އިތުރުކޮށްފި

5 އޭޕްރީލް 2024 - 20:06 0

މާލޭ ވިޔަފާރި ބަނދަރަށް ބިސް ކޭސްތަކަކާއި އަލުވި ބަސްތަތާކެއް ބާލާފައި. މި ބާވަތްތައް ގިނައިން ގެންނަނީ އިންޑިއާއިން. ފައިލްފޮޓޯ/އަދަދު


ސަރުކާރުން އެދުމުން، އަސާސީ މުދަލުގެ ކޯޓާ އިންޑިއާއިން އިތުރުކޮށްފި

5 އޭޕްރީލް 2024 - 20:06 0

އަސާސީ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން އިންޑިއާގައި މަނާކުރާ ހާލަތްތަކުގައި ވެސް އެ ބާވަތްތައް ރާއްޖެއަށް އެކްސްޕޯޓްކުރަން ދެގައުމުގެ ގުޅުމުގެ ތެރެއިން ދީފައި އޮންނަ ހާއްސަ ހުއްދަ، އިންޑިއާއިން އިތުރުކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަސާސީ ބާވަތްތައް ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރަން ދޭ ހުއްދަ މިއަހަރާއި އަންނަ އަހަރަށް އާކޮށްފައިވާ ކަމަށެވެ. އެ ހުއްދަ އާކުރި އިރު ރާއްޖެއަށް އެތެރެކުރެވޭނެ އަދަދުތައް ވެސް އިތުރުކޮށްފައިވާ ކަމަށާއި މިފަހަރުގެ އަދަދު ތަކަކީ 1981 ވަނަ އަހަރު އެ ހުއްދަ ދޭން ފެށިފަހުން ހުއްދަ ދިން އެންމެ މަތީ މިންވަރު ކަމަށް ވެސް އެބަޔާނުގައި ބުންޏެވެ.

އިންޑިއާގެ ބަޔާނުގައި ފާހަަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުމަށް މުހިއްމު ބާވަތެއް ކަމަށްވާ ހިލަޔާ ހިލަވެލި އެތެރެކުރަން ދިން ކޯޓާ މިފަހަރު ވަނީ 25 ޕަސެންޓުން އިތުރުކޮށްފަ އެވެ. އެއިން ކޮންމެ ބާވަތަކުން، މި ދެ އަހަރު ވެސް އެގައުމުން ރާއްޖެއަށް އެއް މިލިޔަން މެޓްރިކް ޓަނު އެތެރެކުރަން ހުއްދަ ދިނެވެ.

ފިޔާ، އަލުވި، ބިސް، ހަނޑޫ ހަކުރު ފުށް އަދި މުގު އެތެރެކުރުމުގެ ހުއްދަ ދިން މިންވަރު ވަނީ ފަސް ޕަސެންޓުން އިތުރުކޮށްފަ އެވެ.

އިންޑިއާގެ ބަޔާނުގައި ފާހަގަކުރި ތިންވަނަ ނުކުތާ އަކީ ފިޔަލާއި ހަނޑޫ އަދި ހަކުރު އެކްސްޕޯޓްކުރުން އެގައުމުގައި މިދިޔަ އަހަރު މަނާކުރި އިރު ވެސް ރާއްޖެއަށް އެކްސްޕޯޓްކުރަމުން ގެންދިޔަ ކަމެވެ.

އިންޑިއާގެ ހުއްދައިގައި ހިމެނޭ ބާވަތްތަކާއި މިންވަރު

  1. ބިސް: 428 މިލިއަން
  2. އަލުވި: 21،000 މެޓްރިކް ޓަނު
  3. ފިޔާ: 36،000 މެޓްރިކް ޓަނު
  4. ހަނޑޫ: 124،000 މެޓްރިކް ޓަނު
  5. ފުށް: 109،000 މެޓްރިކް ޓަނު
  6. ހަކުރު: 64،000 މެޓްރިކް ޓަނު
  7. މުގު: 224 މެޓްރިކް ޓަނު
  8. ހިލަ: އެއް މިލިއަން މެޓްރިކް ޓަނު
  9. ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު