Advertisement

ނަން ބަދަލުކޮށްގެން ވިޔަސް އައްޑޫ ހަންކެޑެ މަޝްރޫއު ފަށަން ފައްޔާޒު ގޮވާލައިފި

5 އޭޕްރީލް 2024 - 13:32 0

ނިމާ ހަސަން

ނިމާ ހަސަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް; ނަން ބަދަލުކޮށްގެން ވިޔަސް އައްޑޫ ހަންކެޑެ މަޝްރޫއު ފަށައި ދިނުމަށް ސަރުކާރަށް ގޮވާލެއްވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް


ނަން ބަދަލުކޮށްގެން ވިޔަސް އައްޑޫ ހަންކެޑެ މަޝްރޫއު ފަށަން ފައްޔާޒު ގޮވާލައިފި

5 އޭޕްރީލް 2024 - 13:32 0

އައްޑޫ ޓޫރިޒަމްގެ ބޮދު ހިއްސާއެއް ކަމަަށްވާ ހަންކެޑެ ރިސޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ނަމަވެސް, މަސައްކަތް ނުފަށާތީ, އެ މަޝްރޫއުގެ ނަން މި ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްގެން ވިޔަސް ފަށަން, އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ސަރުކާރަށް ގޮވައިލައްވައިފި އެވެ.

މަޖިލިސް އިންތިހާބުގެ އައްޑޫ ދާއިރާތަކަށް ކުރިމަތިލާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ފައްޔާޒް ވިދާޅުވި ގޮތުގައި, ކުރީގެ ރައީސް އިބްރާހީް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އައްޑުއަށް 500 މިލިއަނާ ގާތަށް އިންވެސްޓު ކޮށްފައި އެެވެ. އައްޑޫގެ ތަރައްގީއަށް އެންމެ މުހިންމު އެއް ކަމަކީ ޓޫރިޒަމްކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ, ހަންކެޑެ ރިސޯޓު މަޝްރޫއު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށެވެ.

"ހަންކެޑައިގެ 1000 އެތައް ކޮޓަރިއެއް އެޅުމަށް ޑިޒައިންކޮށް, ކޮންޓްރެކްޓަރު ހޯދައި, ކޮންޓްރެކްޓަރާ އެއްކޮށް ސޮއިކޮށް, ޗައިނާ މާޗަންޓް ބޭންކާ އެއްކޮށް އެގްރީމަންޓުގައި ސޮއިކޮށް ހުރިހާ ކަމެއް ނިންމާފައި އެ އޮތީ. ފަސް މަސް ދުވަސް ވެގެންދާއިރުގައި އަދިވެސް އެކަން ފަށައިނުގަނެވިގެން މިއުޅެނީ. 145 މިލިއަން ޑޮލަރުގެ ހަންކެޑައިގެ ޕްރޮޖެކްޓުގައި އަޅުގަނޑުމެން އޮންނާނީ ސޮއިކޮށްފައި, ފައިނޭންސް ހޯދައި, ހުރިހާ ކަމެއް ނިންމާފައި" ފައްޔާޒް ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއު ކަމިޔާބު ކުރުމަށްޓަކައި މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބްރިޖަކުން ވަކިކޮށް, ހަންކެޑެ ވަކި ރަށެއްގެ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. އަދި އެއީ އެމްޑީޕީގެ ވިސްނުމުގައި އެމްޑީޕީން ކުރި މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ހަންކެޑައިގެ ނަން މި ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްގެން ނަމަވެސް އެ މަޝްރޫއު އަވަހަށް ފަށައި ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންނަށް އެންމެ ރަނގަޅު, ހަންކެޑައިގެ ނަން ބަދަލުކޮށްފައި ރާޖޫކެޑެ ކިޔާފައި ނަމަވެސް, [މަޝްރޫއު] އަވަހަށް ފައްޓަވައި ދެއްވާ. އަވަހަށް ފައްޓަވައި ދެއްވާ. އަދި އައްސޭރިއޭ ކިޔަސް ކޮންމެ އެއްޗެކޭ ކިޔަސް އެކަން އަވަހަށް ފައްޓަވައި ދެއްވާ. އޭރުން އައްޑޫގެ އިގްތިސޯދު އަތު ނުޖެހޭ ވަރަށް ކުރިއަށް ގެންދެވޭނެ, އޭގެ ހުރިހާ ބިންގަލެއް އަޅުއްވާދެއްވާފައި ވަނީ ރައީސް އިބޫ" ފައްޔާޒް ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއުގެ އިތުރުން އައްޑޫ ފަތުރުވެރިކަމަށް މުހިންމު މަސައްކަތްތައް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ އައްޑޫގައި އިތުރު ފަސް ރަށް ހިއްކައި, ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ވެސް އެމްޑީޕީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އޭނާ ވިދާޅުވީ އެނދު އިތުރު ކުރުމުގެ އިތުރުން އައްޑޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެމްޑީޕީ ސަރުކާރުން ކުރި ކަމަށެވެ.

އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރަން ހަވާލުކުރީ ޗައިނާގެ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. އެ މަޝްރޫއާއެކު އައްޑޫއަށް 2082 އެނދު އިތުރުވާނެ އެވެ.