Advertisement

މެޗު މެދުކަނޑާލައި އެވަޓަން ކުޅުންތެރިން ރޯދަވީއްލަން ފުރުސަތުދީފި

3 އޭޕްރީލް 2024 - 12:28 0

ރޭގެ މެޗުގެ ތެރެއިން އެވަޓަން ކުޅުންތެރިން ރޯދަ ވިއްލަނީ.


މެޗު މެދުކަނޑާލައި އެވަޓަން ކުޅުންތެރިން ރޯދަވީއްލަން ފުރުސަތުދީފި

3 އޭޕްރީލް 2024 - 12:28 0

ލަންޑަން (އޭޕްރީލް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗު މެދުކަނޑާލައި އެވަޓަންގެ ތިން ކުޅުންތެރިއަކު ރޯދަ ވީއްލުމަށް ފުރުސަތު ދީފި އެވެ.

ނިއުކާސަލްގެ ދަނޑު ޖޭމްސް ޕާކުގައި ކުޅުނު މެޗުގެ 20 ވަނަ މިނިޓްގައި، ރެފްރީ މެޗު މެދުކަނޑާލުމާ އެކު، އެވަޓަންގެ މުސްލިމް ތިން ކުުޅުންތެރިން ކަމަށްވާ އިދްރީސާ ގޭއި، އަބްދުﷲ ޑޮކޫރޭ އަދި އަމަދޫ އޮނާނާ ވަނީ، ޓަޗްލައިން ކައިރިއަށް ދިއުމަށް ފަހު، ރޯދަ ވީއްލައިފަ އެވެ.

މީގެ ކުރިން ވެސް ޕްރިމިއާ ލީގުގެ ބައެއް މެޗުތަކުގައި، ރޯދަ މަހު، މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުސަތު މެޗުގެ ތެރެއިން ދެ އެވެ. ބައެއް ފަހަރު ރެފްރީ މެޗު މެދުކަނޑާނުލި ނަމަވެސް، ޓީމުތަކުން ވާހަކަ ދައްކައިގެން ވެސް މުސްލިމް ކުޅުންތެރިންނަށް އެ ފުރުސަތު ދެ އެވެ.

ނިއުކާސަލް އިން ފުރަތަމަ ހާފުގައި އަލެކްސަންޑަ އިސާކްގެ ގޯލުން ލީޑުނެގި ރޭގެ މެޗު ނިމުނީ، 88 ވަނަ މިނިޓްގައި ޑޮމިނިކް ކަލްވެޓް ލެވިން ގޯލު ޖަހައި، 1-1 އިން އެއްވަރުކޮށްގެންނެވެ. ކަލްވެޓް ލެވިން ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 1-1 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވި އެވެ. ނޮޓިންހަމް ފޮރެސްޓުން 3-1 އިން ފުލަމް ބަލިކުރިއިރު، ބޯންމައުތުން ވަނީ 1-0 އިން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ބާންލީ އާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.