Advertisement

ރައީސް ބޭނުންފުޅުވަނީ ހަމަ ރަސްމާލެ، ވިދާޅުވީ އެހެން ރަށްރަށުން ވެސް އަންނަންވީ ކަމަށް

1 އޭޕްރީލް 2024 - 23:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރަސްމާލެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ: އެމަނިކުފާނު ވިދާޅުވަނީ އެހެން ރަށްރަށުން ބަދަލުވާން ބޭނުންވާ މީހުނާއެކު ރަސްމާލެ


ރައީސް ބޭނުންފުޅުވަނީ ހަމަ ރަސްމާލެ، ވިދާޅުވީ އެހެން ރަށްރަށުން ވެސް އަންނަންވީ ކަމަށް

1 އޭޕްރީލް 2024 - 23:42 0

މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެންގެ އިތުރުން އެހެން ރަށްރަށުން މާލެ ސަރަހައްދަށް ބަދަލުވާން ބޭނުންވާ މީހުންނަށް ގޯތި ގެދޮރު ދެވޭނެ ޖާގަ ރަސްމާލޭން ދެވޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ހަމަ އެއީ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިރަށް މާލެ ހިމެނޭ ގޮތަށް އޮންނަ ގްރޭޓާ މާލެ ސަރަހައްދަކީ މިހާރު ވެސް އަތޮޅުތެރޭގެ އެތައް ރަށަކުން ހިޖުރަކޮށްފައިވާ އެތައް މީހުނާއި ބިދޭސީން ހިމެނޭހެން ތިންލައްކައެއްހާ މީހުނާއެކު ވަރަށް ބޮޑަށް ތޮއްޖެހި، ގެދޮރުގެ ޑިމާންޑް ބޮޑު ސަރަހައްދެކެވެ.

މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ގެދޮރާއި ފްލެޓް ދިނުމަށް ގިރާވަރު އަދި ގުޅީފަޅު ހިއްކަން ފަށާފައިވެ އެވެ. އަދި ކުރިއާލާ އެ ސަރަހައްދުތަކުން ގޯތި ކަނޑައި ގޯތި ލިބޭނެ މީހުންގެ ލިސްޓު ތައްޔާރުކޮށް އެ މީހުނަށް، މިދިޔަ ރިޔާސީ އިންތިހާބާ ގާތްކޮށް ލިޔުން ދޫކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މާލޭގެ މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރާ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު (ޖަނާބު) ގެ ކެމްޕެއިން އިވެންޓެއްގައި މިރޭ ބައިވެރިވެވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ހަމައެކަނި ގުޅީފަޅާއި ގިރާވަރު އަދި ހުޅުމާލޭން ނުފުދޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އަދިވެސް އުންމީދު އޮތީ ރަސްމާލޭން ކަމަށާއި ވެރިކަމުގެ ކުރީކޮޅު އެ ޕްރޮޖެކްޓަށް ފުށިދިއްގަރުފަޅު ހިއްކަން ފެށީ އެހެންވެގެން ކަމަށެވެ. ވެރިކަމުގެ ކުރީކޮޅު ބައެއް ހިއްކިފައި އޮތުމުން، އަދި ދައުރުގެ ބާކީ ބޮޑު ބައި އޮތުމުން އެ މަޝްރޫއާ މެދު އުންމީދު ނުގެއްލޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑަށް އެންމެ މުހިންމީ ދިވެހި ރައްޔިތުންގެ ގޯތި ގެދޮރުގެ މައްސަލަ ކަމަށް ވާތީ، އެހެންވެ މިދިޔަ ސަރުކާރުން ކަން ކުރި ގޮތަށް ނުކޮށް، އަދި އޭގެ ކުރީގެ ސަރުކާރުން ވެސް ކަންކުރި ގޮތަށް ނުކުރަން، ދައުރުގެ ކުރީކޮޅު މި ފަހަރު ކުރަން، އިތުރު ބިމެއް ހިއްކަން މި ފެއްޓީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ތިލަފުށްޓަށް މާލެ ސަރަހައްދުގެ ވިޔަފާރި ބަނދަރު ބަދަލުކޮށް ގުޅީފަޅުންނާއި ގިރާވަރު ފަޅުން އިތުރަށް ބިން ހިއްކުމަށް ފަހު ފުށިދިއްގަރުފަޅު ހިއްކައި ރަސްމާލެ ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުނާއި މާލެ ރަށްވެހީން ހިމެނޭހެން އެންމެނަށް ގޯތިގެދޮރު ދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަދި އޭގެ އިތުރަށް ވެސް، އަދި އޭގެ އިތުރަށް ވެސް، އެހެން ރަށްރަށުން [މާލެ ސަރަހައްދަށް] ބަދަލުވާން ބޭނުންވާ ވެސް ބޭފުޅުންނަށް އެ ތަނުން ޖާގަ އޮންނަ ވަރުގެ ބޮޑު ބިމަކަށް އެ ތަން ވާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މޮޑާން ކާބޮން ނިއުޓްރަލް ގްރީން ސިޓީއެއް ގޮތަށް ރަސްމާލެ ތަރައްގީ ކުރަން ވަގުތު ބޭނުންވާތީ ކުރިއާލާ ފެށީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިހާރު ހުރި ދުވެލީގައި ފަށައިގެން ނޫނީ ފަސް އަހަރުން މަސައްކަތް ނުނިމޭތީ ކަމަށާއި ފަސް އަހަރުން އެ ކަން ހާސިލްކުރަން އެމަނިކުފާނު ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ވެރިރަށް މާލެ ވަރަށް ބޮޑަށް ތޮއްޖެހި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި ތަރައްގީ ކުރި އެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ސަރަހައްދުން އިތުރު ފްލެޓާއި ގޯތިދީ، ގުޅީފަޅު ތައްޔާރުކުރަން ފެށި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި ފްލެޓް ދިނެވެ.

ފުށިދިއްގަރު ފަޅަކީ ޔާމީނުގެ ވެރިކަމުގެ ފަހު ވަގުތު އިއުލާން ކުރި މަޝްރޫއެކެވެ. އޭރުގެ ވެސް ވިސްނުމަކީ އުމުރުން 18 އަހަރުވާ ކޮންމެ މީހަކު ހިމެނޭހެން އެ ސަރަހައްދުން ގެދޮރު ދިނުމެވެ. ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެސް ރަށްރަށް ތަރައްގީކުރުމުގެ ތަސައްވުރުގެ އިތުރަށް މި ތަސައްވުރު ވެސް ވިއްކި އެވެ.

ރަސްމާލެ ޕްރޮޖެކްޓްގެ އަދާހަމަ:

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ އެކަމަށް އެކަށީގެންވާ ވެލި ނުހޯދައި ކަމަށް، އެންމެ ފަހުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށް ނުދިޔަ ނަމަވެސް, އެ މަސައްކަތް ހުއްޓިފައޭ ބުނުން ރަނގަޅު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަސްމާލެ ހިއްކަން ފެށުމަށްފަހު ބަންޑްވޯލް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ވިޔަސް ބިން ހިއްކުމުގެ މަަސައްކަތް މި ވަގުތު ގާތްގަނޑަކަށް އޮތީ ހުއްޓިފަ އެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަރަމަންޓް އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ) ވެސް ނުހަދަ އެވެ. އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސައިޓަކަށެވެ.

އެއްބަސްވުމުގައިވާ މުއްދަތު ހަމަވާނެ ތާރީހަކީ މި އަހަރުގެ އޮކްޓޯބަރު 18، އެވެ. މިހާތަނަށް އެ މަޝްރޫއުގެ ދަށުން ހިއްކުނީ 10 ވަރަކަށް ހެކްޓަރުގެ ބިމެވެ. އެއީ މަޝްރޫއުގެ މަސައްކަތް ފެށި ހަފުތާ ހިއްކި ބިމެވެ. ފުރަތަމަ އީއައިއޭ ހެދި ސަރަހައްދު މިހާތަނަށް ނިމިފައި އޮންނަން ޖެހެ އެވެ.

ކަނޑުގެ އުޅަނދުތައް ޓްރެކް ކުރާ ވެބްސައިޓުތަކުން ޔަގީން ކުރެވޭ ގޮތުގައި އެ ސަރަހައްދުގައި ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ. އީއައިއޭގައި ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުގައި ވެސް ޑްރެޖަރެއް ހަރަކާތްތެރިވަމުން ނުދެ އެވެ.

އަށް މަސް ދުވަހުން ރަސްމާލެ ހިއްކައި ނިންމާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.